logo

އިސްރާއީލު އަމާޒު ހިފާފައިވަނީ ޣައްޒާގެ އުތުރު ހުސްކޮށް، ވެރިވެގަތުމަށް: ފަލަސްތީނު ޚާރިޖިއްޔާ

profile

ސައިފް އަޒުހަރު - 14 ސެޕްޓެމްބަރު 2024 - 20:12

ޣައްޒާގެ އުތުރުގައި، ތުއްތު ކުއްޖަކު އޭނާގެ އާއިލާގެ ގެ ހުރި ތަނުގައި ހަދާފައިވާ ޖިފުޓީއެއް ކައިރީގައި:  ފޮޓޯ - އދ

ޣައްޒާގެ އުތުރުގައި، ތުއްތު ކުއްޖަކު އޭނާގެ އާއިލާގެ ގެ ހުރި ތަނުގައި ހަދާފައިވާ ޖިފުޓީއެއް ކައިރީގައި: ފޮޓޯ - އދ

އިސްތިއުމާރީ އިސްރާއީލުން މިހާރު އަމާޒު ހިފާފައިވަނީ ޣައްޒާގެ އުތުރު އެއްކޮށް ހުސްކޮށް، ޣައްޒާގެ އުތުރުފަޅިއަށް ވެރިވެގަތުމަށް ކަމަށް ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން ބުނެފިއެވެ.

ފަލަސްތީނުގެ ޚާރިޖިއްޔާއިން މިއަދު ބުނެފައިވަނީ، އިސްރާއީލުގެ އަމަލުތައް މިހާރު ހުރިގޮތުން، އެމީހުން އުޅެނީ ޣައްޒާގެ އުތުރު އެއްކޮށް ހުސްކޮށް އަދި ޣައްޒާގެ އުތުރުން ބޮޑު ސަރަހައްދެއްގައި ޔަހޫދީ އާބާދީތައް ހެދުން ކަމަށްވެސް ފަލަސްތީނު ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

އަދި މިއީ، އިސްރާއީލުން ހިންގަން އުޅޭ ވަރަށް ނުރައްކާތެރި ކަމެއްގެގޮތުގައި ޚާރިޖިއްޔާއިން ސިފަކޮށްފައިވެސް ވެއެވެ.

އިސްތިއުމާތީ ބާރުން މަސައްކަތް ކުރަމުންގެންދަނީ ޣައްޒާ 3 ބަޔަކަށް ބައިކޮށްލަން ކަމަށްވެސް ފަލަސްތީނު ސަރުކާރުން ބުނެފައި ވެއެވެ.

ޣައްޒާ ތިންބައިކޮށް، ބައިތައް ބެހިގެންދާނޭ ގޮތުގެ ޕްލޭނެއް، އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ މިދިޔަމަހު ހުށަހަޅާފައިވެސް ވެއެވެ. އޭނާ ހުށަހެޅި ޕްލޭންގައިވެސް ޣައްޒާގެ އުތުރު އޮންނާނީ ސީދާ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައި ކަމަށް ބުނެފައި ވެއެވެ.

ހަނގުރާމައިގައި އިސްރާއީލުން އެންމެ ފުރަތަމަ ސުންނާފަތި ކޮށްލާފައިވަނީ ޣައްޒާގެ އުތުރެވެ. އެތައްހާސް ގެއަކާއ، އެތައްހާސް އިމާރާތަކަށް ބޮންއަޅައި، އެތައްހާސް އާންމުނ ޝަހީދުކުރުމަށްފަހު، ދިރިތިބި ބަޔަކު ވިއްޔާ ފައްސާލީ ޣައްޒާގެ މެދުތެރެއަށެވެ. އޭގެފަހުން އާންމުން ފައްސާލީ ޣައްޒާގެ ދެކުނަށެވެ.

ޒަޔަނިސްޓު ޓެރަރިސްޓުން ކޮންމެ ދުވަހަކު މުޅި ޣައްޒާއަށް ބޮންއަޅައި، މިސައިލާއި ބޮޑުބަޑިން ހަމަލާ ދެމުންގެންދާތާ މިހާރު އަހަރަކާ ގާތްވަނީއެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 7 ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމަ، އިސްތިއުމާރީ ބާރުން މިހާރުވަނީ ހުޅަނގު އައްސޭރިއަށްވެސް ފުޅާކޮށްފައެވެ.

ފަލަސްތީނު ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލިބިފައިވާ ހުރިހާ ބާރަކާއި ވަސީލަތެއް ޖަމާކޮށް، އިސްރާއީލުން މިހާރު މަސައްކަތް ފަށާފައިވަނީ ހުޅަނގު އައްސޭރި ސުންނާފަތިކޮށް، ފަލަސްތީނު ސަރުކާރު ވައްޓާލައި، މުޅި ހުޅަނގު އައްސޭރި އިސްތިއުމާރުކޮށް ވެރިވެގަތުމަށް ކަމަށެވެ.

ހުޅަނގު އައްސޭރީގައި މިހާރު ހިންގަމުންގެންދާ ޖަރީމާތަކުގެ އަޑީގައިތިބީ އިސްރާއީލުގެ ފިނޭންސް މިނިސްޓަރ ސްމޮރިޗާއި، ނޭޝަނަލް ސެކިއުރިޓީ މިނިސްޓާރ ބެން-ގްވީރް ކަމަށާއި، އެދެމީހުންގެ މަގްސަދަކީ ފަލަސްތީނުގެ މިނިވަން ދައުލަތް ވުޖޫދުވިޔަ ނުދިން ކަމަށެވެ.

އިސްތިއުމާރީ އިސްރާއީލު ހުއްޓުވުމުގައި ބައިނަލްއަގްވާމީ މުޖުތަމައު ނާކާމިޔާބު ވުމުގެ ސަބަބުން، ޣައްޒާއާއި ހުޅަނގު އައްސޭރީގައި ނަސްލުނައްތާލުމާއި، ގަދަބާރުން އާންމުން ގެދޮރުން ނެރެ މަގުމަތިކޮށް، ފަލަސްތީނުގެ އިތުރު ބިންތައް އިސްތިއުމާރުކުރުމަށް އިސްރާއީލަށް ހައްތަހާ އިތުރު ވަގުތު ދެވެމުންދާ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެފައި ވެއެވެ.

tel:+9607331319