logo

ރަޝިޔާގެ އިންޒާރު ޔޫކްރެއިނާއި ހުޅަނގަށް: ކިޔޭވް އަޅިއަށް ހަދާލާނަން

profile

ސައިފް އަޒުހަރު - 15 ސެޕްޓެމްބަރު 2024 - 14:06

ރަޝިޔާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ނައިބް އަދި ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް:

ރަޝިޔާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ނައިބް އަދި ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް:

ރަޝިޔާއިން ޔޫކްރެއިނަށާއި، ހުޅަނގަށް ވަރަށް ވަރުގަދަ އިންޒާރުތަކެއް ދީފިއެވެ.

ރަޝިޔާގެ މި އިންޒާރުތައް އައީ، ހުޅަނގުގެ ގައުމުތަކުން ދީފައިވާ ބާރުގަދަ ހަތިޔާރު، ރަޝިޔާގެ އެންމެ އެތެރެއަށް ހަމަލާދިނުމަށް ބޭނުންކުރަން ހުއްދަ ދިނުމާމެދު ހުޅަނގުގެ ގައުމުތަކުގެ ވެރިންގެ މެދުގައި މަޝްވަރާތަކެއް ކުރެވުމާ ގުޅިގެންނެވެ.

ހުޅަނގުގެ ގައުމުތަކުގެ ވެރިން މިކަމަށް މިމަޝްވަރާކުރީ، ރަޝިޔާގެ އެންމެ އެތެރެއަށް ހަމަލާދިނުމަށް ދުރުރާސްތާ މިސައިލްފަދަ ހުޅަނގުން ދީފައިވާ ބާރުގަދަ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަދޭން ޔޫކްރެއިން ރައީސް ޒެލެންސްކީ ތަކުރާރުކޮށް އެދެމުންދާ މައްސަލައިގައެވެ.

ޒެލެންސްކީ އިއްޔެވެސް ވިދާޅުވެފައިވަނީ، ރަޝިޔާގެ މައްޗަށް ކާމިޔާބު ހޯދަން އޭނާ އެކަށައަޅާފައިވާ ޕްލޭން ކުރިއަށް ގެންދިއުން އޮތީ އެމެރިކާގެ އަތްމަތީގައި ކަމަށެވެ.

އޭނާ މި އިޝާރާތް ކުރެއްވީ، ދުރުރާސްތާ މިސައިލުން ރަޝިޔާގެ އެންމެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދައަށެވެ. އެ ހުއްދަދޭން ނޭޓޯގެ ކިބައިން ޒެލެންސްކީ އެދޭތާ އެތައް ދުވަހެއް ވެއްޖެއެވެ.

ޒެލެންސްކީގެ އޮފީހުގެ ވެރިޔާ އެންޑްރީ ޔަރްމަކް ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިނަށް ދެމުންގެންދާ ޓެރަރިސްޓް ހަމަލާތައް ހުއްޓުވެން އޮތީ، އެ ހަމަލާތައް އަންނަ ރަޝިޔާގެ އަސްކަތީ ތަންތަން ހަލާކުކޮށްލެވިގެން ކަމަށެވެ.

ޔޫކްރެއިން އެފަދަ ހަމަލާތަކެއް ރަޝިޔާއަށް ދީފިނަމަ މިހާރު ހިނގަމުންދާ ހަނގުރާމަ ކޮންޓްރޯލުން ނެއްޓި އިތުރަށް ބޮޑުވެ، ހަލާކުވެގެންދާނީ ޔޫކްރެއިން ކަމަށް ރަޝިޔާއިންވަނީ އިންޒާރު ކޮށްފައެވެ.

ރަޝިޔާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ނައިބް އަދި ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑެވް ވިދާޅުވީ، ހުޅަނގު ރަޝިޔާގެ ކެތްތެރިކަން އިމްތިހާނު ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަމުގައިވެސް ހައްދެއް އޮންނާނެ ކަމަށެވެ.

މެޑްވެޑެވް ވިދާޅުވީ، ރަޝިޔާގެ ކާރސްކް ސަރަހައްދަށް ޔޫކްރެއިން ސިފައިން ވަދެގަތުމުން އެކަނިވެސް، ޔޫކްރެއިނާ ދެކޮޅަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ހައްގު ރަޝިޔާއަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މެޑްވެޑެވް ވިދާޅުވީ، ރަޝިޔާގެ އެންމެ ފަހުގެ އިޚްތިޔާރަކަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރެވިދާނެ ކަމަށާއި ނުވަތަ ނިއުކްލިއަރ ނޫނަސް، އެއާ އެއްފަދަ ބާރުގަދަ އެހެން ހަތިޔާރުތައް ބޭނުންކޮށްގެންވެސް ޔޫކްރެއިނަށް ވަރުގަދަ ހަމަލާތަކެއްދީ، ޔޫކްރެއިންގެ ވެރިރަށް ކިޔޭވް އަޅިއަށް ހަދާލެވިދާނެ ކަމަށެވެ.

ރަޝިޔާ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ ނައިބް ސަރްގެއި ރިޔަބްކޯވް ވިދާޅުވީ، ޔޫކްރެއިނުން ރަޝިޔާއަށް ހަމަލާ ދީފިނަމަ ރަޝިޔާގެ ރައްދު "މާ ރީތިނުވާނެ" ކަމަށެވެ.

tel:+9607331319