logo

އިސްރާއީލުގެ ދިފާއު ފޫއަޅުވާލައި ހޫޘީންގެ މިސައިލް ހަމަލާއެއް ތެލްއަވީވަށް، ނަތަންޔާހޫ ރަތަށް!

profile

ސައިފް އަޒުހަރު - 15 ސެޕްޓެމްބަރު 2024 - 17:31

ޔަމަނުގައި ވެރިކަންކުރާ ހޫޘީން އިސްރާއީލަށް ހަމަލާދިނުމަށް މިއަދުގެ ފަތިހާ ފޮނުވާލި މިސައިލެއް، އިސްރާއީލުގެ ދިފާއީ އައްޑަނަތަކަށް ވައްޓާނުލެވި އޭގެ އާމަޒަށް ވާސިލްވެއްޖެއެވެ.

ހޫޘީން ބުނީ، އެމީހުން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި ހަމަލާދިނީ ދުޝްމަން އިސްރާއީލުގެ ޖައްފާގައި ހުރި އިސްރާއީލުގެ އަސްކަރީ މަގާމަކަށް ކަމަށެވެ.

ހަމަލާދިނުމަށް ބޭނުންކުރީ ހުޘީން އަލަށް ބޭނުންކުރަން ފަށާފައިވާ ދުރުރާސްތާ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް ކަމަށްވެސް ބުނެފައި ވެއެވެ.

މިސައިލް ވެއްޓުނީ ހާމަ މައިދާނަކަށް ކަމަށް އިސްރާއީލު ސިފައިން ބުނި ނަމަވެސް، މި ހަމަލާގައި 9 މީހަކު ޒަޚަމްވި ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.

ޔަމަނުގެ ތެރެއިން އިސްރާއީލަށް ފޮނުވާލި މިސައިލްތައް ވައްޓާލަން، އިސްރާއީލުގެ އޭރިއަލް އަދި އަޔަން ޑޯމް ދިފާއީ ސިސްޓަމުން ގެންދިޔައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނަމަވެސް، ދިފާއީ ނިޒާމުތައް ފޫއަޅުވާލައި، އިސްރާއީލުގެ ތެލްއަވީވްގެ އެކި ސަރަހައްދުތަކަށް މިސައިލް ހަމަލާތައް އަމާޒުވެފައި ވެއެވެ.

މިސައިލްތަކުގެ ސަބަބުން ތެލްއަވީވްގެ ބައެއް ހިސާބުތަކުގައި އަލިފާން ރޯވެ އަނދަމުންވެސް އެބަދެއެވެ. ތެލްއަވީވްގެ ބިޔަ ބްރިޖަކަށްވެސް މިސައިލް ހަމަލާތައް އަމާޒުވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެއެވެ.

މިސައިލް ހަމަލާ އަމާޒު ސިފައިންގެ މަރުކަޒުން މަރުވީ ކިތައް ސިފައިންކަމެއް އަދި ލިބުނު ގެއްލުމުގެ ތަފްސީލެއްވެސް އިސްރާއީލުން ހާމައެއް ނުކުރެއެވެ. ހަނގުރާމައިގައި ލިބޭ ގެއްލުންތައް އިސްރާއީލުން ގެންދަނީ ސިއްރުކުރަމުންނެވެ.

ހޫޘީން ފޮނުވާލި މިސައިލް، އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލެވުނު ކަމަށާއި، މީހުންނަށާއި ތަންތަނަށް ގެއްލުންވީ، ގޮވާލި މިސައިލްތަކުން ވެއްޓުނު ބައިތަކުގެ ސަބަބުން ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނި ނަމަވެސް، ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ، ހޫޘީން ފޮނުވާލި މިސައިލަކީ އަޔަން ޑޯމްއަށް ވައްޓާލެވޭނެ މިސައިލެއް ނޫން ކަމަށެވެ.

ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް އިސްރާއީލާ ހަމައަށް ވާސިލްވީ 11 މިނެޓާއި ބައި ވަންދެން ދަތުރުކުރުމަށްފަހު 2،040 ކިލޯމިޓަރު ރާސްތާއެއް ކަޑައްތު ކުރުމަށް ފަހުގައި ކަމަށްވެސް ޔަހްޔާ ސަރީ ވިދާޅުވިއެވެ.

ހޫޘީންގެ މިސައިލް ހަމަލާގެ ސަބަބުން ދުޝްމަން އިސްރާއީލުގެ 2 މިލިއަން މީހުންނަށް، ތާރީޚްގައިވެސް ފުރަތަމަ ފަހަރަށް ބިންގަރާހަށް ވަދެ ފިލަންޖެހުނު ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އަދި އިސްރާއީލާ ދެކޮޅަށް މިފަދަ އިތުރު އަސްކަރީ އޮޕަރޭޝަންތައް ހިންގާނޭ ކަމަށްވެސް، ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ހޫޘީންގެ ބެލިސްޓިކް މިސައިލް ހަމަލާއާ ގުޅިގެން، އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ރުޅިއައިސް ރަތަށް އަރާފައެވެ.

ނަތަންޔާހޫވަނީ، ހޫޘީން ދިން ހަމަލާގެ ރައްދު ވަރަށް ވަރުގަދަ ވާނޭ ކަމަށް އިންޒާރުކޮށް، ވަރުގަދައަށް ބަދަލުހިފާނޭ ކަމަށް ވައުދުވެފައެވެ.

tel:+9607331319