logo

ފަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމްކުރުން އަވަސްކުރަން ސްޕެއިންގައި ޚާއްސަ މަޝްވަރާތަކެއް

profile

ސައިފް އަޒުހަރު - 14 ސެޕްޓެމްބަރު 2024 - 00:18

ސްޕެއިނުން އިސްނަގައިގެން މެޑްރިޑްގައި ބޭއްވި މަތީފެންވަރުގެ މަޝްވަރާތަކުގެ ބައިވެރިން:

ސްޕެއިނުން އިސްނަގައިގެން މެޑްރިޑްގައި ބޭއްވި މަތީފެންވަރުގެ މަޝްވަރާތަކުގެ ބައިވެރިން:

ފަލަސްތީނުގެ މިނިވަން ދައުލަތް ޤާއިމްކުރުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ސްޕެއިނުން އިސް ނަގައިގެން ޚާއްސަ މަޝްވަރާތަކެއް ބާއްވައިފިއެވެ.

ސްޕެއިންގެ މެޑްރިޑްގައި ފެށި މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ، އިސްލާމީ ބައެއް ގައުމުތަކާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ މަތީ ފެންވަރުގެ ބޭފުޅުންނެވެ.

ޔޫރަޕުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވީ ސްޕެއިންގެ އިތުރުން، ނޯރވޭ، ސްލޮވީނިއާ އަދި އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ޖޯސެފް ބޮރެލްއެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްތަފާވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައި ގެންނެވިއެވެ.

ދެން ހިމެނެނީ "އަރަބް-އިސްލާމިކް ކޮންޓެކްޓް ގްރޫޕް ފޮރ ޣައްޒާ" ގައި ހިމެނޭ ގައުމުތަކެވެ. އޭގެތެރޭގައި ހިމެނެނީ، މިސްރު، ސައުދީ އަރަބިއްޔާ، ގަތަރު، އުރުދުން، އިންޑޮނޭޝިޔާ، ނައިޖީރިއާ އަދި ތުރުކީއެވެ.

މި މަޝްވަރާތަކުގައި އިސްރާއީލު ބައިވެރިއެއް ނުކުރެއެވެ. ސަބަބަކީ އިސްރާއީލު ކޮންޓެކްޓް ގްރޫޕްގައި ނުހިމެނޭތީއެވެ.

މި މަޝްވަރާތަކަށް އިސްނަގާފައިވާ ސްޕެއިނުން ބުނެފައިވަނީ، ފަލަސްތީނު – އިސްރާއީލު މައްސަލަ ހައްލުކުރުމަށްޓަކައި، ބައިނަލްއަގްވާމީ މުޖުތަމައުން "ދެ ދައުލަތުގެ ހައްލު" ތަންފީޒުކުރާނޭ ގޮތުގެ ތާވަލެއް އެކަށައަޅައ އެއަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯޒޭ މަނުއެލް އަލްބަރޭސް ވިދާޅުވީ، ބައްދަލުވުމުގެ އެއް ބޭނުމަކީ ޣައްޒާ ހަނގުރާމަ ހުއްޓުމަށް އިތުރަށް ޕުޝްކުރުން ކަމަށެވެ. އެއީ، ފަލަސްތީނާއި އިސްރާއީލާ ދެމެދުގައި ހިނގަމުންދާ ނިމުމެއްނެތް އަނިޔާވެރިކަމުން އަރައިގަތުމަށް ކަމަށެވެ.

"އެކަން ކުރުމަށްއޮތް މަގު ވަރަށް ސާފު. އޮތް ހަމައެކަނި ގޮތަކީ ދެދައުލަތުގެ ހައްލު ތަންފީޒުކުރުން" ހޯޒޭ މަނުއެލް އަލްބަރޭސް

މަޝްވަރާތަކުގައި ބައިވެރިވެވަޑައި ގެންނެވި، އީޔޫގެ ޚާރިޖީ ގުޅުންތަކާބެހޭ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވީ، ދެދައުލަތުގެ ހައްލު ތަންފީޒުކުރަން، ހުސް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އަމަލުން އެކަން ތަންފީޒުކުރުމުގެ ތާވަލަކާ ދިމާއަށް މަސައްކަތް ކުރުމަށް ބައިވެރިންގެ މެދުގައި ސާފު ރޫހެއް އުފެދިފައިވާ ކަމަށެވެ.

ޣައްޒާ ހަނގުރާމަ ހުއްޓުވުމާއި، ދެދައުލަތުގެ ހައްލަކަށް އެންމެ ގުޅިގެން މަސައްކަތް ކުރުކަމަށް ޖޯސެފް ބޮރެލް، އެކްސް ޕްލެޓް ފޯމްގައި ކުރެއްވި މެސެޖެއްގައި ގޮވާލެއްވުމާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ވަޒީރުވަނީ، ބޮރެލްއަށް ބަހުގެ ހަމަލާތައް ދެއްވައި، ބޮރެލް މަސައްކަތް ކުރައްވަނީ އިސްރާއީލާމެދު މީހުންގެ ހިތުގައި ނަފްރަތު އުފެއްދެވުމަށް ކަމަށްބުނެ ނުރުހުން ފާޅުކޮށްފައެވެ.

ބޮރެލްއަށް ނިސްބަތްކޮށް އިސްރާއީލުގެ ޚާރިޖީ ވަޒީރު ބުނެފައިވަނީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޔޫރަޕިއަން ޔޫނިއަން ބައިވެރިވުމަށް ފިއްތުމުގެ ބަދަލުގައި ބޮރެލް ސަޕޯޓް ކުރައްވަނީ، ފަލަސްތީނުގެ "ޓެރަރިސްޓް ދައުލަތް" ގާއިމްކުރެއްވުމަށް ކަމަށެވެ.

"ދެދައުލަތުގެ ހައްލަކީ" އިސްރާއީލާއި ޖެހިގެން، އދގެ މެމްބަރެއްގެގޮތުގައި ދުނިޔެ ގަބޫލުކުރާ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމެވެ. ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުންނަށްވެސް ސުލްހަމަސަލަސްކަންމަތީ އަމާންކަމާއި ސަލާމަތްތެރިކަންމަތީ ތިބެވޭނީ އެ ހައްލު ގާއިމްކުރެވިގެން ކަމަށް ދުނިޔެ ގަބޫލުކުރެއެވެ.

އެކަމަކު، އިސްރާއީލުން ގެންދަނީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް އެއްބަސް ނުވާނޭ ކަމަށާއި، އެކަމަށް ފުރުސަތުވެސް ނުދޭނޭ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި ގެންދަނީ، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެގަނެ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އޮތް ހުރިހާ ދޮރެއް ބަންދުކުރަމުންނެވެ.

tel:+9607331319