logo

މާލޭ ސިޓީއަށް ކ. މާލެ ނުކިޔަން މިނިސްޓަރ އެދިވަޑައިގެންފި

profile

ޒިދާން މުޙައްމަދު - 13 ސެޕްޓެމްބަރު 2024 - 13:33

ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލޭ ސިޓީ އަށް ކ. މާލެ ނުކިޔުމަށާއި ނުލިޔުމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް ޢުމަރު އެދިވަޑައިގެންފިއެވެ.

މިނިސްޓަރ ކުރެއްވި ސޯޝަލްމީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީގެ 14 ވަނަ މާއްދާގައި ބުނަނީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަކީ މާލެ ކަމަށެވެ. މިކަން ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނައިރު، ވެރިކަން ކުރާ ރަށަކީ "ކ. މާލެ" ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ.

ދިވެހި ދަޢުލަތުގެ ރަސްމީ ލިޔެކިޔުންތަކުގައިވެސް ކ. މާލެ ލިޔެފައި ނުހުންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުދުރަތީ ގޮތުން ކ. އަތޮޅުގައި އޮތް ނަމަވެސް، މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށަށް ވާތީ، މާލެ ލިޔާއިރު ކުރިއަށް ކ. ލިޔެ ނޫޅޭ ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ، ކ. މާލެ ލިޔުމަކީ އަދި އެގޮތަށް ކިޔުމަކީވެސް ޤާނޫނުއަސާސީއާ ޚިލާފުވާ ކަމެއް ކަމަށެވެ.

މިހާރަކަށް އައިސް ކ. މާލެ ލިޔުމާއި ކިޔުން އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިއީ ކުޑަ ކަމެއް ނޫން ކަމަށާއި ރަނގަޅު ކުރަންޖެހޭ ކަމެއް ކަމަށެވެ.

މާލެ އޮންނަ ކ. އަތޮޅަށް ނިސްބަތްކޮށް މާލެ އަތޮޅޭ ކިޔާ އުޅެއެވެ. މާލެ އަތޮޅަކީ ރާއްޖޭގެ އަތޮޅު ތަރުތީބުން 8 ވަނަ އަށް އޮތް އަތޮޅެވެ. މި އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ތުލުސްދޫއެވެ.

މާލެ އަކީ ރާއްޖޭގެ ވެރިރަށެވެ. އަދި އެންމެ އާބާދީބޮޑު ރަށެވެ. މާލެ އަކީ މާލެ އަތޮޅުގެ ދެކުނު ފަރާތުގައިވާ ރަށެކެވެ. ޒަމާނުއްސުރެ މާލެއަކީ ރާއްޖޭގެ ވެރިކަން ކުރި ރަށެވެ. އަދި ދިވެހިރާއްޖޭގެ ރަސްރަސްކަލުން ރަސްކަންކޮށްފައިވާ ރަށެވެ. މާލެއަށް ކުރީގައި މަހަލް އޭވެސް ކިޔުނެވެ.

އިހުގައި މާލެ ވަށާ ބޮޑު ފާރުތަކާއި ދޮރޯށި ލެވިފައިވެއެވެ. ރަސްކަމުގެ ގަނޑުވަރާއި ކޯއްޓޭތަކާއި ބުރުޒުތައް ވަނީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ތަޅާލާފައެވެ. އެއީ ރަސްކަން އުވާލެވި ޖުމްހޫއްރިއްޔަތަކަށް ވުމަށްފަހު މާލެ ބަދަލުކުރުމުގެ ތެރޭގައެވެ. ނަމަވެސް މާލޭ ހުކުރު މިސްކިތް އަދިވެސް އެބަ ހުއްޓެވެ.

ފަހުގެ އަހަރުތަކުގައި މާލެ ވަނީ ހިއްކައިގެން ބޮޑުކޮށްފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައި މާލޭގައި ދިރިއުޅުމުގެ ސަބަބުން މާލެވަނީ ވަރަށް ބޮޑަށް ތޮއްޖެހިފައެވެ. މާލޭ އާބާދީއަކީ ރާއްޖޭގެ ޖުމްލަ އާބާދީގެ ފަސްބައިކުޅަ އެއްބައެވެ. މާލޭގައި ވަޒަންވެރި ވެގެން އުޅޭ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންނާ އެކު ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާ ކުރަނީ މާލެއެވެ.


tel:+9607331319