އަމާޒަކީ މަދުވެގެން 90،000 އަށް ޕީއެންސީގެ މެންބަރޝިޕް އިތުރުކުރުން ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މެންބަރޝިޕް އިތުރު ކުރުމަށް ގްރޭޓަރ މާލެ ސަރަހައްދުގައި މިއަދު ފަށާފައިވާ ހަރަކާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ޕާޓިގެ ސަޕޯޓަރުންގެ ވިސްނުމަކީ ޕާޓީގެ މެމްބަރުންގެ އަދަދު އެއް ލައްކައަށް އެރުވުން ކަމަށެވެ. އަދި އެ ޕާޓީން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެތެރޭގައި ހުރިހާ ގޮތަކުން ވެސް ރާއްޖޭގައި އޮތް އެންމެ ވަރުގަދަ މިހާތަނަށް ވެސް ނުހޯދޭ ވަރުގެ ރެކޯޑް ހޯދާ ޕާޓީއަކަށް ޕީއެންސީ ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނާއި ހާއްސަކޮށް ރައީސް ޑރ. މުއިއްޒު ޒައާމަތުގައި އެމަނިކުފާނުގެ ވިސްނުންފުޅާއި އެއްކޮށް މި ޕާޓީއަކީ ރައްޔިތުންގެ ޕާޓީއެއްގެ ގޮތުގައި، މި ޕާޓީ ބޮޑު ޕާޓީއެއްގެ ގޮތުގައި ހެދުމަށް ކުރެވޭ މަސައްކަތުގެ ކާމިޔާބު ބޮޑުކަމަށް ވާތީ އަޅުގަނޑަށް ފެންނަނީ، - ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
މިނިސްޓަރު ވިދާޅުވީ ޕީއެންސީއަކީ މިހާރުވެސް އެންމެ ބޮޑު ޕާޓީ ކަމަށެވެ. އަދި ރާއްޖޭގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ޕާޓީއެއް މިހާ ބޮޑަށް މަޝްހޫރުވެ، ވެރިކަމަށް އައުމުގެ އިތުރުން މަދު ދުވަސްކޮޅަކުން ރައްޔިތުން އެހާ ބަލައިގަތް ޕާޓީއެއް މިހާރު ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޕީއެންސީ އަކީ އެއް ފިކުރެއްގައި، އެއް ވިސްނުމެއް އަދި އެއް ފިލޯސޮފީއެއްގައި ކުރިއަށް ދާ ޕާޓީއަކަށް ވުން ކަމަށެވެ.
އެ ޕާޓީއަކީ އަބަދުވެސް އެގޮތުގައި ކުރިއަރަމުން ދާނެ ޕާޓީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާއި އިރުޝާދާ އެއްގޮތަށް، ކޮންމެ ހަފުތާއަކު ވެސް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި، މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އަދި މަދުވެގެން ކޮންމެ ހަފުތާއަކު އެއް ދުވަހު ސިޓީތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެކަން ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފައެވެ.
ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕާޓީއަށް 75،000 މެމްބަރުން ހަމަކުރުމަކީ ޕީއެންސީގެ މިހަރަކާތުގެ އަމާޒެކެވެ.
ޕީއެންސީއަކީ ވެރިކަމަށް އައުމުގެ ކުރިން މެމްބަރުން މަދު ކުޑަ ޕާޓީއެއް ނަމަވެސް، މިވަގުތު އެ ޕާޓީއަކީ މެމްބަރުން ގިނަ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީއެވެ.