އިސްރާއިލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ޕީއެންސީން ދީފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހަށް މިއަދު އެމްޑީޕީގެ ފަރާތުން ހުށަހެޅި 'އިސްރާއިލު ޕާސްޕޯޓް މަނާކުރުމުގެ ބިލު އަވަސްކުރުމަށް ބާރުއެޅުމަށް ސަރުކާރަށް ގޮވައިލާ ގަރާރު' ބަލައިނުގަތުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވޯޓު ދިނީ އެއީ މިއަދު މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި އެއްވެސް ހެޔޮ ނިޔަތެއް ނެތި މަޖިލީހަށް ވެއްދި ގަރާރެއް ކަމަށް އެ ޕާޓީން ދެކޭތީ ކަމަށެވެ.
ބަޔާނުގައި ބުނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ބައިނަލްއަގްވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކުރައްވާ ފަލަސްތީނު ރައްޔިތުންނަށްޓަކައި އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން މުސްތަގިއްލު، ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާ އެއް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމާއެކު އިޒްރޭލުގެ އަނިޔާވެރި އަމަލުތަކާ ޖަވާބުދާރީކުރުވުމަށް ވެސް އެންމެ ބޮޑަށް ވަކާލާތު ކުރައްވާ އެއް ބޭފުޅަކީ އެމަނިކުފާނު ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ޕީއެންސީގެ ބަޔާނުގައި ބުނީ ދިވެހިރާއްޖޭގައި މީގެކުރިން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރާކަން، ރާއްޖޭގެ ރައީސްކަން ކުރިން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން ވެސް މީޑިއާގައި ފާހަގަކުރައްވާ ކަމަށެވެ.
އޭގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ވެދިނީ ވެސް ޕީއެންސީ ސަރުކާރު ހިންގުމުގައި ހޭދަކުރި އެއް އަހަރު ދުވަހުގެތެރޭގައި ކަން ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައި ބުނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް އެކަމާ ގުޅޭ މާހިރުންގެ ލަފަޔާ އިރުޝާދާއެކު ކުރިއަށް ގެންގޮސް، އެކުލަވާލާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ނިންމާނެ ކަމާ މެދު އެ ޕާޓީން ޝައްކު ނުކުރާކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ސަރުކާރާ ޕީއެންސީ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު އެ މައުސޫމު މުސްލިމު އަޚުންނާ އުޚުތުންގެ ހައްގުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.