ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގެރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
ޕީއެންސީއިން ބުނިގޮތުގައި މި އިންތިހާބުގައި ޕާޓީގެ 59 މަގާމަކަށް މެމްބަރުން އިންތިހާބު ކުރާނެ ކަމަށާއި އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް މިހާރު ވަނީ ތަރުތީބުކޮށް ލިސްޓުތައް އާންމުކޮށްފަ ކަމަށެވެ.
ވޯޓް ލުން ފަށާނީ މާދަމާ ހެނދުނު 10:00 ގައެވެ. ވޯޓް ލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 14:00 އަށެވެ.
މާލޭގައި ވޯޓް ލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގައެވެ. ހުޅުމާލޭގައި ވޯޓް ލުން ކުރިއަށް ގެންދާނީ ރެހެންދި ސްކޫލްގައެވެ.
އެތެރޭގެ އިންތިޚާބު ބޭއްވުމަށް ނިންމައި ޕީއެންސީން އިޢުލާންކުރި މަޤާމް ތަކަކީ:
ޕާޓީގެ ދާއިރާގެ ރައިސް ގެ މަޤާމަށް އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކުގެ ދާއިރާ ރައީސް،
ޕާޓީގެ ދާއިރާ ތަކުގެ ނާއިބު ރައީސް،
ޕާޓިގެ އަންހެނުންގެ ހަރަކާތުގެ ރައީސް،
ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސް،
އަދި މީގެ އިތުރުން ޕާޓީގެ ސްޓިއަރިންގ ކޮމިޓީގެ އެހެނިހެން މަޤާމުތައް ހިމެނޭ.
ފާހަގަކޮށްލެވޭ ގޮތުގައި ވެރިކަމަށް އައި އިރު ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސްއަކީ 3،000 މެމްބަރުން ހަމަނުވާ ޕާޓީއެއް ކަމަށާއި، ނަމަވެސް ވެރިކަމަށް އަހަރު ނުވަނިސް، މިއަދު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 64،000 ވަރަކަށް މެމްބަރުން އެބަތިބި ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި، ޕީއެންސީގެ އަމާޒަކީ ޕާޓީއަށް 75،000 މެމްބަރުން ހަމަކުރުމަށް ކަމަށާއި، ނަމަވެސް ޕާޓީގެ އާންމު މެމްބަރުންނާއި، ސަޕޯޓަރުންގެ އަމާޒަކީ ޕީއެންސީގެ ދަފްތަރު 90،000 އަށް ގެންދިއުމަށް ކަމަށްވެސް މުޙައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.