logo

އެކި ފިކުރުތަކާއެކީގައި މަޝްވަރާ ކޮށްގެންނޫނީ ބޭނުންވާ ރަނގަޅު މިސްރާބަކަށް ނުދާނެ: މިނިސްޓަރ އާދަމް ޝަރީފު

profile

ޒިދާން މުޙައްމަދު - 02 ނޮވެމްބަރު 2024 - 12:15

ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގައި އެކި ޚިޔާލުތަކާއި، އެކި ފިކުރުތަކާއެކީގައި މަޝްވަރާކޮށްގެން ނޫނީ އަޅުގަނޑުމެން ބޭނުންވާ އެންމެ ރަނގަޅު މިސްރާބަކަށް ނުދާނެ ކަމަށް މިނިސްޓަރ އޮފް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމަށް ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީގައި، ތަފާތު ފިކުރުގެ އެކި ވިސްނުމުގެ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއަކީ ބޭނުންތެރި މަޝްވަރާއެއް ކަމުގައެވެ. އަދި މި ފަދަ މަހާސިންތާތަކުގައި މަޝްވަރާކުރެވި ޚިޔާލުތައް އެއް ގޮތް ކުރެއްވުމަކީ މަލްޓިޕާޓީ ޑިމޮކްރެސީގައި ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

މިނިސްޓަރގެ ވާހަކައިގައި ކަތީބުންނާއި، އަތޮޅުވެރީން ދިވެހިރާއްޖެއަށް ދެން ނާންނާނެ ކަމަށް ވިދާޅުވިއެވެ. އަދި މީގެ ކުރިން ދެއްކި ކަތީބުންނާއި، އަތޮޅުވެރީންގެ ވާހައަކީ މަލްޓިޕާޓީ ޑިމޮކްރަސީގައި މިހާރު އެއް ގޮތަކަށް ވެސް އަޅުގަނޑުމެންގެ ތެރޭގައި ދައްކާ ވާހަކައެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެންމެފަހުން ޤައުމީ ޔުނިވަރސިޓީން ހެދި ދިރާސާއިން ވެސް ފެނިގެން ދިޔައީ ލާމަރުކަޒީ ނިޒާމު ދިވެހި ރައްޔިތުން ބަލައިގެންފިކަން. ދިވެހިރާއްޖޭގެ ވެރިކަން ލާމަރުކަޒީ ނިޒާމާ އެއް ގޮތަށް އޮންނަން ޖެހޭ ކަން. އެހެންވީމާ ރާއްޖޭގައި އޮންނާނީ ލާމަރުކަޒީ ނިޒާމު"

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ރައްޔިތުންގެ ތެރެއިން ބަސްބުނަން ތިބި ބަޔަކީ ކައުންސިލަރުން ކަމަށް ވިދާޅުވިއެވެ. އަދި އެ މަޤާމު ހޯދުމަށް ކައުންސިލަރުން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދިހަމައެއާއެކު އެ މަނިކުފާނު ވިދާޅުވީ މަޤާމުގެ ހައިޞިއްޔަތުން ކައުންސިލަރުން ދަމަހައްޓަންވީ މަޤާމުގެ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ދެނެގަނެ، ކަންކަން ކުރަންޖެހޭ ގޮތާ ބެހޭ ގޮތުން ފުންކޮށް ވިސްނާ މަޝްވަރާކުރުމަށް މި ފަދަ މަހާސިންތާތައް މުހިންމު ކަމަށެވެ.

ކޮޅުމަޑުލު އިސްވާރުންގެ މަހާސިންތާ 2024 ހުޅުވައިދެއްވާ، މިނިސްޓަރ ދެއްކެވި ވާހަކައިގައި، އެ މަނިކުފާނަށް ބައިވެރިވެ ވަޑައިގެންނެވޭ ގޮތަށް މަހާސިންތާ ފެއްޓުމުގެ ރަސްމިއްޔާތުގެ ތާރީޚް ބަދަލުކޮށްދެއްވި ކަމަށް ޓަކައި ކޮޅުމަޑުލު އަތޮޅު ކައުންސިލުގެ ރައީސަށާއި، އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވައި އެންމެހައި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

ކޮޅުމަޑުލު އިސްވާރުންގެ މަހާސިންތާ 2024ގެ ކަރުދާސްތައް ހުށަހެޅި އެ ކަރުދާސްތަކާ ބެހޭ ގޮތުން މިއަދާއި އަދި މާދަމާ ވެސް ސެޝަންތައް ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި މަހާސިންތާގައި އެ އަތޮޅުގެ ރަށްރަށުގެ ކައިންސިލްތަކުގެ ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލުންނާއި، އަތޮޅުގެ ކަންކަން ބަލަހައްޓަވައި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ޚާއްޞަ މަންދޫންނާއެކު ގާތްގަނޑަކަށް ސާޅީހަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

https://int.etukuri.mv/
tel:+9607331319