6 މަސް ދުވަހުގެ ތެރޭގައި އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ދާލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެދިވަޑައިގެންފިއެވެ.
ވަޒީރު މިކަމަށް އެދިވަޑައިގަތީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
ވަޒީރު ވަނީ މިހާރުވެސް ރަޖިސްޓްރީނުކޮށްހުރި ނުވަތަ އެހެން ޒޯނަކަށް ރަޖިސްޓްރީކޮށްފައިވާ އެތައް އުޅަނދެއް ފުލުހުން ޓޯކޮށްފައިވާކަން ހާމަކުރައްވާފައެވެ. އަދި ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާ ބިމަށް ނުގެންގޮސް، ގަވާއިދާ ހިލާފަށް ހުންނަ އުޅަނދުތައް، ޓޯކުރަމުންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
6 މަސް ދުވަހުގެ ތެރޭގައި އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭނެ. އަޅުގަނޑުމެން އެދެނީ ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް މަގުމަތީ ދުއްވޭނެ މަގު ފަހިކޮށްދިނުމަށް.
ޓޯކުރާ ސަރަހައްދުތަކުގެ ތެރޭގައި ސްކޫލްތަކާއި މިސްކިތްތަކާއި އާންމު މީހުން ވަދެނިކުތުމަށް ދަތިވާ ގޮތަށް ޕާކްކޮށް ހުންނަ ތަންތަން ހިމެނެއެވެ.
މިނިސްޓަރ ވަނީ 40 ދުވަހުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާ ބިމަކަށް ރަސްމީ ލިޔުމެއްނެތި ނުވަތަ ފޭކް ނަންބޯޑު ހަދައިގެން ގެން ގުޅޭ އުޅަނދުތައް ގެންދަންވާނެ ކަމަށާއި އަދި އެބިމަކަށް އުޅަނދު ގެންދިއުމަށްފަހު 6 މަސް ދުވަހުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓްރީ ރަނގަޅުކުރުމަށް އެދިވަޑައިގެންފައެވެ.
އަދި ސަރުކާރުން ކަނޑައަޅާ ބިމަކަށް އުޅަނދު ގެންދިއުމާއި ރަޖިސްޓްރީ ރަނގަޅުކުރުމަކީ ވެރިފަރާތް އަމިއްލައަށް ކުރަންޖެހޭކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.