logo

ބިދޭސީންނާ ގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި

profile

އާމިނަތު ޝަފާ - 20 އޯގަސްޓު 2024 - 15:32

މިނިސްޓަރ އިހުސާން

މިނިސްޓަރ އިހުސާން

ބިދޭސީންނާ ގުޅޭ ފީތައް ބަލްކްކޮށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ އެހެނިހެން ފަރާތްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެއަށް ބިދޭސީން ގެނެސް، އެމީހުން ވަޒީފާދޭ ފަރާތްތަކުން ދިވެހި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފީއެއް ބޮޑުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ.

ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް ސަރުކާރުން އެންގުމުން ބައެއް ފަރާތްތަކަށް ދަތިތައް ހުރިކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެ ވަޒީރު ވަނީ ވުޒާރާއިން ޢާންމުކޮށްފައިވާ ލިސްޓުގައި ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު މިލިޔަނުން މައްޗަށް އަރާކަން ފާހަގަކުރައްވާފައެވެ.

އަދި ވަޒީރު ވަނީ ބައެއް ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފީ ދައްކަން ޖެހޭކަން ފާހަގަކުރައްވާ އެފަދަ ފަރާތްތަކުން އެއްބަސްވާނަމަ 12 މަސް ދުވަހަށް ބަހާލައިގެން ފީ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އަމަލުކުރުމަކީ ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ދެކިވަޑައިގަންނަވައެވެ.

ކޯޓާ ފީ، ވަރކް ވިޒާ ފީ ހިމެނޭހެން މިހާރު މިނެގޭ ފީތައް އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް.

ވަޒީރު ވިދާޅުވީ ބިދޭސީންނާ ގުޅޭ ބައެއް ފީތައް މަހުން މަހަށް ދެއްކުމުގެ ބަދަލުގައި ގިނަ މަސްތަކަށްވާ ފީ އެއްކޮށްލައިގެން ބަލްކްކޮށް ދެއްކޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބިދޭސީންނާ ގުޅޭ ފީތައް ދެއްކުމަށް އެކްސްޕެޓް ސިސްޓަމުން ބަލްކްކޮށް ފީ މިހާރު ދެއްކޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319