logo

އިސްލާމީ ތަޢުލީމީ ނިޒާމް

profile

ޒިދާން މުޙައްމަދު - 07 ޖުލައި 2025 - 06:32

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވަރަށް ސާފު އިބާރާތުން ބަޔާންކުރާ ހަގީގަތަކީ ދިވެހީންގެ ދީނަކީ އިސްލާމްދީން ކަމެވެ. ފެހި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާ ހާއްސަކޮށްފައި ވަނީ މިގޮތުގެ މަތީން ދައުލަތުގެ ދީން ސާފުކޮށް ބުނެދިނުމަށެވެ. އެ މާއްދާގެ (ހ)ގައި ބުނަނީ ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެމައިގަނޑު މަސްދަރެކެވެ. އެއަށްފަހު (ށ)ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެއެވެ.

https://wamco.com.mv/

ވީއިރު ދިވެހިރާއްޖޭގައި، ހިންގޭ ތައުލީމީ ޕްރޮގުރާމްތަކާއި، ދެވޭ ތައުލީމުގެ މައިގަނޑު މަސްދަރުވެސް ބިނާވެފައި އޮންނަންވާނީ އިސްލާމްދީނުގެ މަސްދަރުތަކުގެ މައްޗަށް ކަމަށް ދެކެމެވެ. އެއީ ކީރިތި ޤުރްއާނާއި ރަސޫލާ މުޙައްމަދު صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَގެ ސީރާ ނުވަތަ ސުންނަތެވެ. އިސްލާމީ ތައުލީމަށް ރާއްޖޭގައި އިސްކަންދޭން ޖެހެއެވެ. އަހަރެމެންގެ މުޅި ތައުލީމީ ނިޒާމު ބައްޓަންވާންޖެހޭ އިސްލާމްދީނުގެ އަސްލުތަކުގެ މަތީގައި، އެ ކަންކަމަށް ފުށޫނާރާނޭ ގޮތަށެވެ.

ކަން މިހެން އޮތަތީ، ދިވެހިރާއްޖޭގެ މަދަރުސީ ތައުލީމުގެ މަރުހަލާގައި ކީރިތި ޤުރްއާން ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމާއި އިސްލާމީ ތަރަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުން ވަނީ ލާޒިމުކަމަށް ވެފައެވެ. އެކަން އެމަގުން ހިނގަމުންދާކަމީ މިއަދު އުފާކުރާ ކަމެކެވެ. މީގެ އިތުރުން ޢަރަބިއިސްލާމީ ތަޢުލީމަށް ހާއްސަކޮށްގެން ރާއްޖޭގައި މަދަރުސާއެއް އެބަ ހިންގައެވެ. އިސްލާމީ ތައުލީމްގެ ވާހަކަދައްކާއިރު އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއަކީގެ ވާހަކައަކީ ފާހަގަކޮށްލަން މުހިންމު ނުކުތާއެކެވެ. އެތަނުން ދެމުން އަންނަ ތައުލީމާއި ތަރުބިއްޔަތުގެ މައިގަނޑު ބިނާވެފައި ވަނީ އަރަބި އިސްލާމީ ތައުލީމަށެވެ.

މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ ހަގީގަތަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމްގެ މަރުހަލާގައިވެސް އިސްލާމީ ތައުލީމަށް އިސްކަންދީފައިވެއެވެ. އިސްލާމިކް ޔުނިވާސިޓީ އޮފް ދި މޯލްޑިވްސްގެ ނަމުގައި ސަރުކާރުން ގާއިމުކޮށްފައިވާ ޔުނިވާސިޓީއަކީ މިކަމުގެ ހެއްކަކަށް ފުދެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދުނީ 9 ޖުލައި 2015ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީދު ކުރެއްވުމާ ގުޅިގެން، ކުރީގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ދައުލަތުގެ ޔުނިވަރސިޓީއަކަށް ބަދަލުކުރެއްވުމުންނެވެ. މި ބަދަލަކީ، މަތީ ފެންވަރުގެ އިސްލާމީ ތަޢުލީމު އުނގެނުމަށް ބޭނުންވެފައި ތިބި ދިވެހި ދަރީންނަށް، އަމިއްލަ ވަޒަނުގައި ތިބެގެން ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކޮށްދެއްވުމުގެ ގޮތުން ގެނެވުނު ބަދަލެކެވެ. ހަމައެހެންމެ މިއީ ދިވެހިރާއްޖޭގައި އިސްލާމީ ޢަޤީދާ ސާބިތުކަމާއެކު ދެމެހެއްޓުމުގެ މަތިވެރި ޢަޒުމުގައި ސަރުކާރުން އެންމެ އިސްކަންދޭ ކަމުގެ ފުރިހަމަ ރަމްޒެކެވެ.

ޝައްކެތްވެސް ނެތް ގޮތުގައި ތައުލީމީ ނިޒާމުގެ ވާހަކަދައްކާއިރު، އެންމެ ބޮޑު ދައުރެއް އަދާކުރާ ދާއިރާގެ ޚިދުމަތްތެރީންނަކީ މުދައްރިސުންކަން ފާހަގަކޮށްލަންޖެހެއެވެ. އެއީ ދަރިވަރުންގެ ދެވަނަ މައިންބަފައިންނެވެ. އެހެންކަމުން ހެވާއި ނުބައި ދަންނަ، ރީތި ސިފަތަކަކުން ޖަރީވެފައިވާ ޖީލެއް ބިނާކުރުމަށް ތަޢުލީމީ ދާއިރާގެ ތެރެއިން މުދައްރިސުންނަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. އެ ތަނެއްގައި ޒަމާނާ އެކަށޭނަ ތައުލީމެއް ނެތް ނަމަ އެ ތަނެއް ބުއްދީގެ މަގުން އެއްކިބާވެގެން ދާނެޔޭ ޅެންވެރިޔަކު ބުނެފައި އެވަނީ ސަމާސާއަކަށް ނޫނެވެ. އެއީ ވަރަށް ބޮޑު ހަގީގަތެކެވެ.

ބަވަނަވަމުންދާ ދުނިޔޭގައި ބަދަލުވަމުންދާ ޒަމާނާ އެކަށީގެންވާ ޢިލްމާއި ހިލްމު ނެތް ތަނެއް ނަމަ އެ ތަނެއްގެ ވާހަކަ ދައްކާނެ ވެސް ކަމެއް ނެތެވެ. އެހެންކަމުން އުނގަންނައިދިނުމުގެ ތެރެއިން އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދަ މި ޖީލަށް ކިޔައިދިނުމުގެ ޒިންމާ މަތިވެފައި ވަނީ މުދައްރިސުންނާއެވެ. ދީނީ ތައުލީމް ދިނުމާއި ވަގުތަށް ކަމޭހިތަން ދަސްކޮށްދީ ވަގުތަށް ނަމާދުކުރަން ބާރުއަޅައި، އިސްލާމީ އުސޫލުތަކާއި ދިވެހީންގެ ގަބޫލުކުރުންތަކާއި އެއްގޮތަށް ހެދުން އެޅުމަށް ބާރުއެޅުމަކީ ވެސް ކުރާން ބޭނުން ނަމަ ކުރެވިދާނޭ ކަންތައްތަކެވެ. ވީމާ ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާ ކުރުމަށް ތަޢުލީމީ ދާއިރާގެ މުއައްސަސާތަކަށް ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަން މިއޮތީ ފެންނާށެވެ.

ބޭނުމަކީ އިސްލާމީ މަސްދަރުތަކުގެ މައްޗަށް ބިނާވެ ފައްކާވެފައިވާ ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެކެވެ.

https://etukuri.mv/
https://www.aslu.com.mv