
ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް ބިރެއްނުގަނޭ، ފަލަސްތީނު ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓުވާނުލެވޭނެ: އަލްބަނީޒް

ސައިފް އަޒުހަރު - 10 ޖުލައި 2025 - 18:35
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅިޔަސް، މަގާމުގެ ޒިންމާގެގޮތުން އޭނާގެ މައްޗަށް ލާޒިމްކޮށްފައިވާ، ފަލަސްތީނު ރައްޔިތުންނަށް އަދުލުއިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ނުހުއްޓުވޭނޭ ކަމަށް، އދއިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކާބެހޭ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވެއްޖެއެވެ.
އިސްތިއުމާރީ އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅޭގޮތުން އެންމެފަހުން ތައްޔާރުކުރި ރިޕޯޓް އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ހުށަހެޅުއްވުމާއި، އަދި ޖަރީމާތައް ހިންގުމަށް އިސްރާއީލަށް އެހީތެރިވާ އެމެރިކާގެ ކުންފުނިތަކުގެ ނަންތައް ރިޕޯޓްގައި ހިމެނުމުން، އެމެރިކާއިން އަލްބަނީޒްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އެކަން އިއުލާންކުރީ އިއްޔެއެވެ.
އަލްބަނީޒް ވިދާޅުވީ، އޭނާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅީ، ބައިނަލްއަގްވާމީ ގާނޫނުތަކަށް އިޙްތިރާމް ހޯދައިދިނުމާއި، ފަލަސްތީނު ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އޭނާ ކުރާ މަސައްކަތާއި، އިސްރާއީލާ ދެކޮޅަށް ވާހަކަ ދައްކާތީ ކަމަށެވެ.
ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒް ވަނީ، އިސްރާއީލުން ފަލަސްތީނުގައި ހިންގާ އުދުވާނުތަކުގެ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އިސްރާއީލުން ގެންދަނީ ނަސްލުނައްތާލުމާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ކަމަށެވެ.
އަލްބަނީޒް ވިދާޅުވީ، ނަސްލުނައްތާލުމާއި، އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކާއި، ހަނގުރާމައިގެ ޖަރީމާތައް އިސްރާއީލުން ހިންގުމުގެ ފަހަތުގައި އެމީހުންގެ މަގްސަދުތަކެއް އޮތްއިރު، މިކަން ހުއްޓާނުލާ ކުރިއަށް ގެންދިއުމުގައި ބައެއް ކުންފުނިތަކަށް މާލީ މަންފާތަކެއް ލިބޭ ކަމަށެވެ.
އަލްބަނީޒް ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިގެން ބަޔަކަށް އޭގެ އަސަރެއް ކުރާނީ އެކަމާ ރައްޔިތުން ބިރުގެންފިނަމަ ކަމަށެވެ. ފިޔަވަޅު އެޅި ބަޔަކަށް ކާމިޔާބެއް ލިބޭނީ ރައްޔިތުން ހިމޭނުން ތިބެއްޖެނަމަ ކަމަށެވެ.
އޭނާއާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ކާމިޔާބުވާނީ، އެކަމާ ބިރުން، ކަމެއްނުކޮށް ވާހަކައެއް ނުދައްކައި ހުރެއްޖެނަމަ ކަމަށް ވިދާޅުވިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރަށްތައް ހިސާރުކޮށް، ބޮންއަޅައި ފަލަސްތީނު ރައްޔިތުން ތަހައްމަލް ކުރަމުންދާ ކަންކަމަށް ބަލާއިރު، އެމެރިކާއިން އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ އެއްވެސް އެއްޗެއް ނޫންކަމަށް ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވިއެވެ.
އަލްބަނީޒް އިސްރާއީލާ ދެކޮޅަށް ވާހަކަ ދައްކަވާތީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން އދގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ތަރުޖަމާނު ސްޓެފާން ޑުޖަރިޗް ވިދާޅުވީ، އދގެ ސްޕެޝަލް ރަޕޯޓްއަރސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކާބެހޭ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމުން، އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުންވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ސޯލިހް ދެއްވީ ރާއްޖެ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން!
2 އަހަރު ކުރިން

ދިވެހިންގެ އެހީގައި އަޅާ ފުރަތަމަ މިސްކިތް ފަލަސްތީނުގައި!
2 އަހަރު ކުރިން

ޣައްޒާއަަށް ވަނީ ނާމާންކަމާއި ބިރުވެރިކަން ވެރިވެފައި - ރިޕޯޓް
2 އަހަރު ކުރިން

ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި
2 އަހަރު ކުރިން