logo

ޗެޓްޖީޕީޓީއާއެކު ދެކެވޭ ވާހަކަތައް، ގޫގުލް ސާޗްކޮށްލުމުން ފެންނަ ވާހަކަ: ކިހިނެއްވާ ކަމެއް؟

profile

ޒިދާން މުޙައްމަދު - 04 އޯގަސްޓު 2025 - 04:38

ގޫގުލް ސާޗް ރިޒަލްޓްސްގައި ޗެޓްޖީޕީޓީއާއެކު ދައްކާފައި ހުންނަ ޕްރައިވެޓް ވާހަކަތައް ފެންނަމުންދާ ކަމަށް ދުނިޔޭގެ ބައެއް ޓެކް ނޫސްތަކުން ރިޕޯޓް ކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ މެދުގައި ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ.

https://wamco.com.mv/

ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭ އަދި ޓެކްނޮލޮޖީގެ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ މިމައްސަލައިގެ ސަބަބުން ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާއި އޭއައި ޓްރާންސްޕޭރެންސީއާއި ޑޭޓާ ޕްރައިވަސީއާމެދު ވަނީ ބަހުސްތަކާއި ސުވާލުތައް އުފެދިފައެވެ.

ޗެޓްޗީޕީޓީއާއެކު މީހުން ދައްކާފައި ހުންނަ ވާހަކަތަކުގެ ސްކްރީންޝޮޓްތަކާއި ޓްރާންސްކްރިޕްޓް ގޫގުލް ސާޗް ރިޒަލްޓްސްއިން ހަމަ ހަގީގަތުގައިވެސް ފެންނަ ނަމަ މިއީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

ސަބަބަކީ އެކިއެކި ބޭނުމަށް، މީހުންގެ ޒާތީ މައުލޫމާތުތަކާއި ކުންފުނިތަކުގެ މައުލޫމާތުތައް އަދި ވިޔަފާރިއާ ގުޅޭ ސެންސިޓިވް ކޮންފިޑެންޝަލް މައުލޫމާތުތައް ޗެޓްޖީޕީޓީއާ އެތައް ބަޔަކު ދަނީ ކޮންމެ ދުވަހަކުވެސް ހިއްސާކުރަމުންނެވެ. މިއިން ކޮންމެ މައުލޫމާތަކީވެސް ރައްކާތެރިކޮށް ބެލެހެއްޓެންޖެހޭ މައުލޫމާތެވެ. މިފަދަ މައުލޫމާތުތައް އިންޓަނެޓްގައި ލީކްވެއްޖެ ނަމަ ނުވަތަ ހާމައަށް ފެންނަން ހުންނަ ނަމަ އޭގެ އަސަރު އެކިމީހުންނަށް އެކިގޮތަށް އެކި ވަރަށް ކުރާނެއެވެ. އާންމު ފަރުދުންނާއި ވިޔަފާރީތަކަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތެވެ.

ޗެޓްޖީޕީޓީގައި ބޭނުންކުރާ ވަކި ލަފުޒުތަކެއް ގޫގުލްގައި ސާޗްކުރާއިރު ގޫގުލް އިން އިންޑެކްސްކުރާ ސާޗް ރިސަލްޓްސްތަކުގައި ޗެޓްޖީޕީޓީއާއެކު މީހުން ދައްކާފައި ހުންނަ ވާހަކަތައް ނުވަތަ އެވާހަކަތަކުގެ ބައެއް ފެންނަން ހުންނަކަމުގެ ކަންބޮޑުވުން ބައެއް މީހުން ވަނީ ސޯޝަލްމީޑިއާގައި ފާޅުކޮށްފައެވެ. ބައެއް މީހުން އެކްސް (ކުރީގެ ޓްވިޓާ)، ރެޑިޓް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ޝެއާކޮށްފައިވާ ސްކްރީންޝޮޓްތަކާއި ލިންކުތަކުން ފެންނަނީ، ސާޗް ރިސަލްޓްތަކުގައި އެމީހުން ޗެޓްޖީޕީޓީއާއެކު ދައްކާފައިވާ ވާހަކަތައް ފެންނަން ހުންނަ މަންޒަރެވެ.

އެހެން ނަމަވެސް، ޗެޓްޖީޕީޓީގެ ޒިންމާ އުފުލާ އޯޕަންއޭއައި އިން މިހާތަނަށްވެސް ޑޭޓާ ބްރީޗްކުރުމުގެ އެއްވެސް ހާދިސާއެއް ހިނގިކަމަށް ބުނެފައެއް ނުވެއެވެ. އޯޕަންއޭއައި އިން، ވަނީ ޗެޓްޖީޕީޓީއާއެކު ކުރާ މުއާމަލާތްތައް، އެ ވާހަކަތައް ހިއްސާކުރަން އިހްތިޔާރު ކޮށްގެން ނޫނީ އާންމު ނުވާނެ ކަމަށް ބުނެފައެވެ. ގޫގުލް ސާޗް ރިޒަލްޓްސްއިން އިންޑެކްސް ކުރި ކޮންޓެންޓަކީ ޗެޓްޖީޕީޓީއިން އުފައްދާ ކޮންޓެންޓް އެ ބޭނުންކުރާ މީހުން އަމިއްލައަށް އެހެން ޕްލެޓްފޯތަކުގައި ހިއްސާކުރުމުން، ފެންނަ ކޮންޓެންޓެއް ކަމަށް އޯޕަންއޭއައިން ބުނެއެވެ. ޗެޓްޖީޕީޓީއާއެކު ދައްކާ ވާހަކަ، އަމިއްލައަށް ލިންކެއް މެދުވެރިކޮށް އެހެން ޕްލެޓްފޯމްތަކުގައި ހިއްސާކުރެވޭއިރު، ސާޗް ރިސަލްޓްތަކުގައި އިންޑެކްސްކޮށްފައި ހުންނަނީ އެފަދަ ކޮންޓެންޓްތައް ކަމަށް އޯޕަންއޭއިއިން ބުނެއެވެ.

ސައިބާ ސެކިއުރިޓީގެ ތަޖުރިބާކާރުން ވަނީ އޭއައި ޓޫލްތަކަށް ހިއްސާކުރާ މައުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އިންޓަނެޓް ފްރީޑަމް ފައުންޑޭޝަންގެ ޑޭޓާ ޕްރައިވެސީ އެނަލިސްޓެއް ބުނި ގޮތުގައި ކުންފުނިތަކުން ތިބާގެ ޑޭޓާ ހިމާޔަތްކުރާ ކަމަށް ބުނި ނަމަވެސް އޮންލައިންކޮށް ޝެއާ ކުރާ ކޮންމެ ކޮންޓެންޓެއް - ހާއްސަކޮށް ކޮޕީ ޕޭސްޓިން، ސްކްރީންޝޮޓް، ނުވަތަ ތާޑް ޕާޓީ އެޕްލިކޭޝަން މެދުވެރިކޮށް - ސާޗް އިންޖީނުތަކުން އިންޑެކްސް ކުރެވިދާނެއެވެ. ބައެއް ޑިވެލޮޕަރުން ދެކޭ ގޮތުގައި ޔޫޒަރ ޖެނެރޭޓެޑް ކޮންޓެންޓް - ބްލޮގް ޕޯސްޓް، ސޯޝަލް މީޑިއާ މެސެޖް، ނުވަތަ ޗެޓްޖީޕީޓީ އައުޓްޕުޓްތައް ހިމެނޭ ފޯރަމް އެންޓްރީތަކަކީ ސާޗް ރިޒަލްޓްތަކުން ފެންނަ ކަންތައްތަކުގެ ހަގީގީ އަސްލަކަށް ވެދާނެއެވެ. ނަމަވެސް ގިނަ އަދަދެއްގެ މައްސަލަތަކުގެ ސަބަބުން ގިނަ ބަޔަކު ދަނީ ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.

ޑިޖިޓަލް އެތިކްސް އާއި އޭއައި ބޭނުންކުރުމާ ބެހޭ ގޮތުން، ހާއްސަކޮށް ނޫސްވެރިކަމާއި ގާނޫނާއި ސިއްހީ ހިދުމަތް ފަދަ ނާޒުކު ދާއިރާތަކުގައި ސިއްރު ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ދެކެވޭ ބަހުސްތައް މިމައްސަލައިން އަނެއްކާ ވެސް ވަނީ ހޫނުވެފައެވެ. އޯޕަންއޭއައިއިން ވަނީ ޝައްކުކުރެވޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އެކަން ރިޕޯޓް ކުރުމަށް އިލްތިމާސްކޮށް، އަމިއްލަ އަށް ބޭނުންކުރާ ފަރާތްތަކުން އެކަން އާންމުކޮށްގެން ނޫނީ ޕްރައިވެޓް ޔޫޒަރ ވާހަކަތައް ހާމަނުކުރާކަމަށް ތަކުރާރުކޮށް ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay