logo

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް: މާލޭގެ ޓްރެފިކަށް ބަދަލުތަކެއް

profile

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 12:58

މެލޭޝިއާގެ ބޮޑުވަޒީރު، އޮނަރަބަލް އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، މާލޭގެ ކަނޑައެޅިފައިވާ ބައެއް ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އެއްގަމު އަދި ކަނޑުއުޅަނދުފަހަރު ނަގައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

ފުލުހުންގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މެލޭޝިޔާގެ ބޮޑުވަޒީރު 2026 ސެޕްޓެމްބަރު 14 އިން 15 އަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި އަޅާފައިވާ އެންމެހައި ކަނޑުއުޅަނދުފަހަރު 2026 ސެޕްޓެމްބަރު 14 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ނެންގެވުމަށް ވަނީ އަންގާފައެވެ.

View post on Twitter

މީގެއިތުރުން، އެ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އެއްގަމު އުޅަނދުފަހަރު ހަމަ އެ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އެހެން ތަންތަނަށް ބަދަލުކޮށްދެއްވުމަށް ވެސް ފުލުހުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި ދަތުރުފުޅާ ގުޅިގެން އަޅާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށާއި ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ. އަދި ގައުމީ ފެންވަރުގެ މިފަދަ މުހިންމު ކަންކަމުގައި އަބަދުވެސް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ރައްޔިތުންނަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

https://wamco.com.mv/
tel:+9607331319