logo

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ރަސްމީ ދަތުރުފުޅެއް ރާއްޖެއަށް!

profile

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 13:18

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެ ވަޑައިގަތުމުގެ މި ދައުވަތު ރައީސުލްޖުމްހޫރިއްޔާ އެރުވީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ބޮޑުވަޒީރު އަންވަރު ރާއްޖެ ވަޑައިގަންނަވާނީ ކުރިއަށް އޮތް ހޯމަ ދުވަހުއެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.

ދެ ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ބައިނަލްއަގްވާމީ މައިދާނުގައި އެއްބާރުލުން ވަރުގަދަކުރުމުގެ އިތުރުން، އައު ދާއިރާތަކުން ގުޅުން ގާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ވެސް ދެ ގައުމުގެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ މި ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ އިސް ބޭފުޅުން އެމަނިކުފާނުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ފޮރިން މިނިސްޓަރު ޢިރުތިޝާމް އާދަމް ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ.

https://wamco.com.mv/
tel:+9607331319