
ކޯޓުތަކުގެ އައު ޤަވާއިދާއެކު ޝަރީޢަތް ހިންގުމުގެ ނިޒާމު އެތައް ގުނައެއް ހަރުދަނާވާނެ: އުއްތަމަ ފަނޑިޔާރު

އާމިނަތު ޝަޒްލާ - 12 ސެޕްޓެމްބަރު 2026 - 12:57
މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދަށް ޢަމަލުކުރަން ފެށުމާއެކު، އެ ކޯޓުތަކުގެ ޝަރީޢަތް ހިންގުމުގެ ނިޒާމު ކުރިއަށްވުރެ އެތައް ގުނައެއް ހަރުދަނާވެގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދަށް މުވައްޒަފުން ތަމްރީނު ކުރުމުގެ ގޮތުން ލ. ގަމުގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުޢީ ދާއިރާ އިތުރަށް ތަރައްޤީކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު އިންސާފު ލިބޭނެ މަގު ފަހިކޮށްދިނުމަކީ އަބަދުވެސް އެންމެ އިސް އަމާޒު ކަމަށެވެ. އަދި އަލަށް ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު ވަރަށް ވަރުގަދަ ބިންގަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، މި ޤަވާއިދުގެ ސަބަބުން ކޯޓުތަކުގެ ޝަރީޢަތްތައް ހިންގުމުގެ ނިޒާމު ތަރުތީބުވެ، ކޯޓުތަކުން ދޭ ޚިދުމަތްތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށާއި، ޢަދުލު އިންޞާފުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރަށް ވަރުގަދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިން ދިމާވި ދަތިތަކަށް އަލިއަޅުއްވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މައްސަލަތައް ރެޖިސްޓަރީ ކުރުމުގައާއި ޝަރީޢަތް ކުރުމުގެ އިޖުރާއާތުތަކުގައި، އަދި އިދާރީ ފީތައް ނެގުމުގައި ތަފާތު ގޮތްތަކެއް ގެންގުޅެމުން ދިޔުން ކަމަށެވެ. ނަމަވެސް އައު ޤަވާއިދާއެކު އެ ހުރިހާ ތަފާތުތަކަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ކޯޓުތަކުން ޢަމަލުކުރަމުންދާ އުޞޫލުތައް އެއްގޮތް ކުރެވިގެން ދިޔުމަކީ ކޯޓުތަކުން ޚިދުމަތް ހޯދާ ޢާންމު ރައްޔިތުންނަށް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތްތައް ހަރުދަނާކޮށް އެއް އުޞޫލަކަށް ފެއްތުމަށް އެކުލަވާލާފައިވާ މި އައު ޤަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ދިވެހީންގެ ކާމިޔާބީގެ އަސްލަކީ އިސްލާމްދީން: ރައީސް
11 މިނިޓު ކުރިން

"ރައްޔިތުންގެ އަޑު" ސިލްސިލާގައި އިތުރު 8 ދާއިރާއަކުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
11 މިނިޓު ކުރިން

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ހަވާލުކޮށްފި
12 މިނިޓު ކުރިން

އީ-ކޮމާސް ޕްލެޓްފޯމްތަކަށް ބީއެމްއެލް އިން މަހަކު 16 މިލިއަން ޑޮލަރު ކަނޑައަޅައިފި
12 މިނިޓު ކުރިން


