ޅެންވެރިންގެ ދުވަސް: ރާއްޖޭގައި ވިދާލި، މަޝްހޫރު ޝާއިރުންގެ ހަނދާން އާކުރަމާ!
އައިޝަތު އިނާޝާ - 15 ޖެނުއަރީ 2025 - 14:27
1998 ވަނައަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަސް ފާހަގަ ކުރަނީ ޅެންވެރިންގެ ދުވަހުގެ ގޮތުގައެވެ.
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަފަހަރަށް ޅެންވެރިންގެ ދުވަހެއް ފާހަގަކޮށްފައިވަނީ ރާއްޖޭގައި އެންމެ ވިދާލި، އެންމެ މަޝްހޫރު އެއް ޝާއިރު ކަމުގައިވި އޮނަރަބްލް އަލްއުސްތާޛުލް މަރްޙޫމް އިބްރާހީމް ޝިހާބް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ދުވަސް ހަނދާނަށް ގެނައުމުގެ ގޮތުންނެވެ.
އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ ދިވެހިބަހާއި އަދަބަށް، ހާއްސަކޮށް ދިވެހި ޅެންވެރިކަމަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި މަޝްހޫރު ޅެންވެރިއެކެވެ. އެމަނިކުފާނަކީ ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބެވެ. ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރު ނަމުންނަމަ ޝާއިރުއް ޝަބާބު، އަމިއްލަ ފުޅު ނަންނަމުގެ ގޮތުގައި ގުލްފާމް، އަދި ސާގިބް ފަދަ ނަންނަން ބޭނުންކުރެއްވިއެވެ.
އިބްރާހީމް ޝިހާބު ޅެން ހެއްދުމުގެ މަސައްކަތް ފައްޓަވާފައިވަނީ 1939 ގައެވެ. އޭނާ އަކީ ކުޅަދާނަ މުގައްރިރެކެވެ. ޢަރަބި ބަސް އަދި އުރުދޫ ބަސް ދެނެވަޑައިގަންނަވައެވެ. ތަފާތު ރޮނގުތަކުގައި ޅެން ހައްދަވާފައިވެއެވެ.
ޝިހާބުގެ ހިދުމަތްތަކަކީ، ހަމައެކަނި ވަކި ދާއިރާއެއްގައި ގައުމަށް ލިބިފައިވާ ހިދުމަތްތަކެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ މައިދާނުން ފެށިގެން އިޖުތިމާޢީ މައިދާނާއި އަދަބީ މައިދާނުގެ އިތުރުން، ރާއްޖޭގެ ތަރައްގީއާ ގުޅޭ ހުރިހާ މައިދާންތަކެއްގައިވެސް ޝިހާބް ހަރަކަތްތެރިވެވަޑައިގަތެވެ.
މިއަދު ރާއްޖޭގެ 36 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރާއިރު، ކޮންމެ އަހަރެއްގައިވެސް ޅެންވެރީންގެ ދުވަސް ރާއްޖޭގައި އަރާ ހުންނެވި ޅެންވެރިއަކަށް ތަޚްސީސް ކުރައްވައެވެ. މިގޮތުން މިއަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްސީސްކުރެއްވުމަށް ދިވެހިބަހުގެ އެކެޑެމީން ކަނޑައަޅުއްވާފައިވަނީ މިފަހުން އުފެދުނު ދިވެހި ބަހުގެ އުތާޛަށެވެ. ރާއްޖޭގައި އެންމެ ވިދާލި، އެންމެ މަޝްހޫރު އެއް ޝާއިރު ކަމުގައިވާ އަދި އެންމެންގެ ލޯބި އެބޭފުޅަކަށް ލިބިފައިވާ ހ. އާމުލީގެ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޞާދިޤު، ސޯދުބެއަށެވެ.
މ. މުއްޔަށް އުފަން ސޯދުބެއަކީ ދިވެހި ބަހާއި އަދަބިއްޔާއި ތައުލީމީ ދާއިރާއަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔަވާ ވިދާޅުވާން ސޯދުބެ މާލެއަށް ވަޑައިގެންނެވީ 1944 ވަނަ އަހަރުއެވެ. އޭނާ އަކީ ހިތްގައިމު ކުރު ވާހަކަތަކާއި ދިގުވާހަކަތަކާއި ގިނަ އަދަދެއްގެ ޅެންތަކެއް ލިއުއްވި ބޭފުޅެކެވެ. ސޯދުބެގެ އެ ހުރިހާ މަސައްކަތްތަކަކީ ވެސް އަދަބީ ގޮތުން އެންމެ މަތީ ފެންވަރުގެ މަސައްކަތްތަކެވެ.
ދައުލަތަށް 55 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި ސޯދުބެއަށް 2019 ވަނަ އަހަރުވަނީ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް ލިބިވަޑައިގެންނެވިއިރު، ސޯދުބެ އަށް 1980 އަދި 1983 ގައި އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންނެވި އެވެ. އަދި 1992 ގައި ޅެންވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު، 1998 ގައި ދިވެހި ބަހަށް ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު އަދި މިނިވަން 25 ގެ އާންމު ހިދުމަތުގެ އިނާމު ވެސް ސޯދުބެ އަށް ލިބިވަޑައިގެންނެވިއެވެ.
މިއަހަރު ޅެންވެރިންގެ ދުވަހުގެ ޝިއާރަކީ ސޯދުބެ ހައްދަވައިފައިވާ ޅެން "އަހަންނަކީ ދިވެއްސަކީން ދިވެހި އުޅުމުގެ ވެއްސަކީން،" މި ޅެމެވެ.
ޅެންވެރީންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ދިވެހި އަދަބީ ފަންނުތަކުގެ ތެރެއިން އެންމެ ރީތި އެއް ފަންނު ކަމުގައިވާ ޅެންވެރިކަން ތަރައްގީ ކުރުމަށް ހިތްވަރު ދީ، ޅެންވެރީންގެ އަދަބީ ހިދުމަތްތައް ފާހަގަ ކޮށް، ޅެން ހަދާފަރާތްތަކަށް ހިތްވަރުދިނުމަށެވެ. އަދި ދިވެހި ޅެންވެރިކަމަށް ދިވެހީން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވައި ޅެންވެރިކަމުގެ ފަންނު އިތުރަށް ދިރުވައި އާލާކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން