
އިންޓަ މިލާން އާއި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން..
އިންޓަ މިލާން ބަލިކޮށް ބާކީ އެއްމެޗު އޮއްވައި އާސެނަލް އިން ދެވަނަ ބުރު ޔަގީންކޮށްފި

ހަސަން ޝަމްއޫން - 20 ޖެނުއަރީ 2026 - 23:38
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި އިޓަލީގެ އިންޓަ މިލާން އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބަކީ އެއްމެޗު އޮއްވައި އާސެނަލް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ބެލްޖިއަމްގެ ކުލަބު ބުރޫޖް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، މިމުބާރާތުގައި އިންޓަ މިލާން އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދޯ އާސެނަލް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސަސް އެވެ. އަދި އޭގެ އަށް މިނެޓް ފަހުން އިންޓަ މިލާންގެ ކްރޮއޭޝިއާ މިޑްފީލްޑަރު ޕީޓަރ ސިސިކް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ދެވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އާސެނަލް އިން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރި ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްވިޑެންގެ ފޯވާޑް ވިކްޓަރ ގްޔޮކަރޭސް އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތްއިރު، ބާކީ އެއްމެޗު އޮއްވައި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް އެޓީމުން ވަނީ ޔަގީންކޮށްފައެވެ. އަދި މިމެޗުން ބަލިވި އިންޓަ މިލާނުން ލީގު ބުރުގައި ކުޅުނު ހަތް މެޗުން ހޯދި 12 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔުރޮޕާ ލީގު: ފެނަބާޗޭ ބަލިކޮށް، ބާކީ އެއްމެޗު އޮއްވައި އެސްޓަންވިލާ އިން ދެވަނަ ބުރު ޔަގީންކޮށްފި
ދުވަހެއް ކުރިން

ޔުރޮޕާ ލީގް: ރަށުން ބޭރުގައި ބްރާގާ އަތުން ފޮރެސްޓް ބަލިވެއްޖެ
ދުވަހެއް ކުރިން

ކޭންގެ ދެލަނޑާއެކު ރޯޔަލް ޔޫނިއަން ބަލިކޮށް ބަޔާން އިން ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި
2 ދުވަސް ކުރިން

ވާދަވެރި ކުޅުމަކަަށްފަހު ފަހަތުން އަރައި ބާސެލޯނާ އިން ސްލާވިއާ ޕްރާގް ބަލިކޮށްފި
2 ދުވަސް ކުރިން


