
ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ
ޖޭޕީގެ ތާއީދު ޕީއެންސީ އަށް ދޭން ނިންމައިފި

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 13:05
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަނަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިއަދު ނިންމާފައި ވަނީ މާމިގިލީ ދާއިރާ ނުހިމެނޭހެން އެހެން ހުރިހައި ދާއިރާއެއްގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް އެޕާޓީން ތާއީދު ކުރުމަށެވެ.
މާމިގިލީ ދާއިރާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާ އެވެ.
އެނގިފައިވާ ގޮތުގައި ޖޭޕީގެ ކައުންސިލުގައި ވަނީ މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމާމެދު ގޮތްތަކެއް ހުށަހަޅާ މަޝްވަރާކޮށްފައެވެ. އެގޮތުން ދާއިރާތަކަށް ވާދަކުރާނީތޯ ނުވަތަ އެހެން ޕާޓީއަކަށް ތާއީދުކުރުމާއި މެދު މަޝްވަރާކުރިއެވެ.
އިންތިހާބަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާއިރު އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރަންޖެހޭކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުން އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބުކުރެވިގެންދާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި ކައުންސިލް އިންތިޚާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމްލަ 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ.
މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
މިފަހަރުގެ އިންތިޚާބުގައި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ 2 ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިންތިޚާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާގޮތުން ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ.






