logo

ދައުލަތަށް ލިބުނު އާންމުދަނީ އިތުރުވެ ބަޖެޓު ޑެފިސިޓް %73.5 ކުޑަ

profile

ރިޟްވާން މޫސާ - 19 ޖެނުއަރީ 2026 - 15:43

ދައުލަތަށް ލިބުނު އާންމުދަނީ އިތުރުވެ ބަޖެޓު ޑެފިސިޓް %73.5 އިންސައްތަ ކުޑަ ވެއްޖެ އެވެ.

https://wamco.com.mv/

މާލީ ވުޒާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމުލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން މިދިޔަ އަހަރުގެ ދައުލަތުގެ އޯވަރޯލް ޑެފިސިޓް 73.5 އިންސައްތަ ވަނީ ކުޑަވެފަ އެވެ.

ނިމުނު 2025 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ޚަރަދުތައް ކުޑަވުމާ ގުޅިގެން ދައުލަތުގެ އޯވަރޯލް ޑެފިސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު 9.6 ބިލިޔަން ރުފިޔާއިން ދަށްވެފައެވެ.

ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 2025ގެ ޑިސެމްބަރު މަހުގެ ނިޔަލަށް ވަނީ 39.6 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 35.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 12.9 އިންސައްތައިގެ ކުރިއެރުމެކެވެ.

2025 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅިއިރު ހިލޭ އެހީގެ ގޮތުގައި 2.6 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ބެލެވުނު ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައިވަނީ 415.2 މިލިޔަން ރުފިޔާއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް، ޓީ.ޖީ.އެސް.ޓީ.ގެ ގޮތުގައި 11.0 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރު ލިބުނު 9.5 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 15.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 10.0 ބިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ ކުރީ އަހަރުގެ 8.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %24.0 ގެ ކުރިއެރުމެކެވެ. އަދި ފާސްކުރި މިންވަރަށްވުރެ 2.0 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.

ރިޕޯޓުގައިވާގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުރީ 13.1 ބިލިޔަން ރުފިޔާގައެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 3.5 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay