
މާލީ ދާއިރާ ތަރައްގީކުރަން އިންޑިއާއިން ދަނީ ރާއްޖެއަށް އެހީތެރިވަމުން: އިންޑިއާ ސަފީރު

މުޙައްމަދު ފަޟްލޫން - 10 ޖުލައި 2026 - 11:39
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގުތިޞާދީ ގުޅުން ކުރިމަގުގައި ބިނާވެފައިވަނީ މާލީ ދާއިރާއިން ފަހިވަމުންދާ ފުރުޞަތުތަކުގެ މައްޗަށް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.
އިގްތިސާދީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޓްރޭޑް ޑެސްކް ވިތް އަނާ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ސަފީރު ވަނީ، ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ބ. އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ ކުންފުންޏެއްގެ އިތުރުން، މިއަހަރުގެ ތެރޭގައި އިންޑިއާގެ އެހެން ކުންފުންޏަކުން ރާއްޖޭގައި އާ އިންވެސްޓްމަންޓެއް ފެށުމަށް ތައްޔާރުވަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން އިންޑިއާގެ 6 ނުވަތަ 7 ކުންފުންޏަކުން ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ހިންގަމުންދާކަމަށް ސަފީރު ވިދާޅުވިއެވެ.
ސަފީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިވުމުގައި މާލީ ފަންނިއްޔާތު (ފިންޓެކް) މުހިންމު ދައުރެއް އަދާކުރާނެއެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ޔޫޕީއައި ފަދަ ޒަމާނީ ޕޭމަންޓް ނިޒާމުތައް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ދިވެހި ސަރުކާރާއި މޯލްޑިވްސް ޕޭމަންޓް ސިސްޓަމްއާ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާކަން ސަފީރު ހާމަކުރެއްވިއެވެ.
އިންވެސްޓްމަންޓްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ އެއް އެކުލަވާލުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވައި، އެކަމާ ގުޅޭ "ޓާމްސް އޮފް ރިފަރެންސް" ގައި މިހާރު ސޮއިކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަފީރު އިތުރަށް ވިދާޅުވީ، ސާކްގެ އޮނިގަނޑުގެ ތެރެއިން މިހާރު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމަށްވުރެ ފުޅާ އަދި ހަރުދަނާ "ސަފްޓާ ޕްލަސް" ފެންވަރުގެ ދޭދޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މުދަލާއި ހިދުމަތް އެކްސްޕޯޓްކުރުމުގައި ކުރިމަތިވާ ހުރަސްތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އިންޑިއާއަށް އެކްސްޕޯޓްކުރުމުގައި މިހާރުވެސް އެއްވެސް ޑިއުޓީއެއް ނުނަގާކަން ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން އަލިފާނުގެ ހާދިސާ ހިނގި ތިން ތަނެއް ސާފުކުރަން ފަށައިފި
4 ގަޑިއިރު ކުރިން

މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫއެއް މާލޭ ސިޓީ ކައުންސިލުން ކުރިޔަށް ގެންދަނީ
6 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
6 ގަޑިއިރު ކުރިން

ފްރާންސް ސެމީފައިނަލަށް ދަތުރުކޮށްފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)