logo

ބީއެމްއެލް އިން ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ ތަޢާރަފުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 11:36

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މިއަދު ބޭއްވި "ޔޫތު އެންޓަރޕްރިނަރސް އެކްސްޕޯ" ގައި މި ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލައި ފައިސާ ހޯދުމަށް ހުޅުވާލެވިފައިވާ ރަނގަޅު ފުރުސަތެކެވެ.

ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭ މި ސްކީމަކީ، އަލަށް ވިޔަފާރި ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ތައާރަފުކުރި ފެސިލިޓީއެކެވެ.

އަހަރަކު 7 އިންސައްތައިގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން، ލޯނަށް އެދޭތާ 24 ގަޑިއިރު ތެރޭގައި އެޕްލިކޭޝަން ޕްރޮސެސްކޮށް، ވީހާވެސް އަވަހަކަށް ފައިސާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

މި ލޯނު އަނބުރާ ދެއްކުމަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.

މާލީ އެހީތެރިކަމުގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ވިޔަފާރީގެ އަމަލީ އިރުޝާދާއި، މެންޓަރޝިޕް އަދި ތަމްރީނު ފޯރުކޮށްދޭނެއެވެ. މިއީ ކާމިޔާބު އަދި ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށްޓަކައި ކޮންމެ މަރުހަލާއެއްގައިވެސް ބޭނުންވާނެ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް އެކުލަވައިލެވިފައިވާ ނިޒާމެކެވެ.

މި ފެސިލިޓީ އިފްތިތާހުކޮށްދެއްވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބީއެމްއެލް އިން ގަބޫލުކުރާ ގޮތުގައި މިއަދުގެ ޒުވާން ވިޔަފާރިވެރިންނަށް މަގުފަހިކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން މި ފެށި އެއް ބިލިއަން ރުފިޔާގެ ފައިނޭންސިންގ ސްކީމުގެ ސަބަބުން، ޒުވާނުންގެ އައު އީޖާދީ ޚިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި، ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ތަރައްގީކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ބަދުރުއްދީން ޙަސަން ފާހަގަކުރެއްވި ގޮތުގައި، "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ މެދުވެރިކޮށް، އެދޭތާ 24 ގަޑިއިރު ތެރޭގައި ލޯނު ފާސްކޮށް، ފަސޭހަކަމާއެކު ފައިސާ ދޫކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މީގެ ސަބަބުން ޒުވާން ވިޔަފާރިވެރިންގެ ޚިޔާލުތައް ލަސްކަމެއްނެތި ހަގީގަތަކަށް ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މިކަން ކުރިއަށް ގެންދިއުމަކީ ވިޔަފާރި ފެށުމަކީ ފަސޭހަ ކަމަކަށް ހަދައި، އައު ޖީލުގެ ވިޔަފާރިވެރިންނަށް އިތުބާރާއެކު އެމީހުންގެ ވިޔަފާރީގެ ދަތުރު ފެށުމަށް އެހީތެރިވެދިން ކަމަށްވެސް އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބުނެފައެވެ.
މި ފައިނޭންސިންގ އަކީ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި،މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖޭގެ އައު ޖީލުގެވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކް އޮފްމޯލްޑިވްސްއިން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ރަމްޒެކެވެ.

މި ފައިނޭންސިންގ އަކީ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މާލީ ނިޒާމުގެ ތެރޭގައި އެންމެހައި ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ރާއްޖޭގެ އައު ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ގޮތުން ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަމޫނާއެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk