logo
ލަމީން ޔަމާލް

ލަމީން ޔަމާލް

ޔަމާލްގެ އަނިޔާ ސީރިއަސް، ނަމަވެސް ވޯލްޑްކަޕަށް ފިޓުވެދާނެ!

profile

ހަސަން ޝަމްއޫން - 23 އޭޕްރީލު 2026 - 19:58

ސްޕެނިޝް ލަލީގާގައި ބުދަ ދުވަހުގެ ރޭ ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ސެލްޓަ ވީގޯ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި އަނިޔާވި ޒުވާން ފޯވާޑް ލަމީން ޔަމާލަށް މިސީޒަނުގެ ބާކީ ހުރި މެޗުތަކުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

https://wamco.com.mv/

ނަމަވެސް، ފަލަމަސްގަނޑަށް ލިބުނު އަނިޔާ އިން ރަނގަޅުވެ، ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް، އުމުރުން 18 އަހަރުގެ ފޯވާޑް ފިޓްވާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޔަމާލްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، ސެލްޓަ ވީގޯ އަތުން ބާސެލޯނާ މޮޅުވި ޕެނަލްޓީ ޖަހަން އުޅުމުގެ ތެރޭގަ އެވެ. ޕެނަލްޓީ ޖެހި ގޮތަށް އެނބުރި، ޔަމާލް ވަނީ ބާސެލޯނާގެ ބެންޗަށް ސިގްނަލް ދީ، އަނިޔާވިކަން އަންގައިފަ އެވެ. މެޑިކަލް އޮފިޝަލުންގެ އެހީގައި ދަނޑުން ފައިބައި، ފަރުވާ ހޯދުމަށް ފަހު، އޭގެ ފަހުން ހެދި ޓެސްޓްތަކުން އެނގުނީ، ލިބުނު އަނިޔާ ސީރިއަސް ކަމެެވެ. ސްޕެއިނުގެ މެޑިކަލް ޓީމާ ވާހަކަ ދެއްކުމަށް ފަހު، ބާސެލޯނާ އިން ޔަމާލްގެ ރިހެބިލިޓޭޝަން ޕްލޭން އެކުލަވާލައިފައިވާއިރު، ޖޫން 11 ގައި ފަށާ ވޯލްޑް ކަޕަށް ޔަމާލް ފިޓްވުމުގެ ފުރުސަތު ބޮޑެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޔަމާލް ބުނެފައިވަނީ، އަނިޔާވެގެން ކުޅުމާ ދުރުގައި ހުންނަން ޖެހިފައި މި ވަނީ އޭނާ އެންމެ ބޮޑަށް ދަނޑުމަތީގައި ހުންނަން ބޭނުންވި ދުވަސްވަރުގައި ކަމަށެވެ. އަދި، މި ވަގުތު ލިބިފައިވާ ހިތްދަތިކަން ބަޔާންކޮށްދޭން ވެސް އުނދަގޫ ކަމަށް ޔަމާލް ވަނީ ބުނެފަ އެވެ.

މި ސީޒަނަށް ބަލާއިރު ޔަމާލް ހުރީ ރަނގަޅު ފޯމެއްގަ އެވެ. އޭނާ ވަނީ ލީގުގަައި އެންމެ ފަހުން ކުޅުނު 28 މެޗުގައި، 16 ލަނޑު ޖެހުމުގެ އިތުރުން އިތުރު 11 ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. މީގެ އިތުރުން މިސީޒަނުގެ ހުރިހާ މުބާރާތަކަށް ބަލާނަމަ، ހުރިހާ މުބާރާތެއްގައި ކުޅުނު 45 މެޗުން ވަނީ 24 ލަނޑު ޖަހައި، އިތުރު 18 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ސްޕެއިން ގައުމީ ޓީމާ އެކު، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޔަމާލް ވަނީ ސްޕެއިނަށް ކުޅެދިން 25 މެޗުގައި ގައުމީ ޓީމަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk