logo

އީރާނާ އާއި އެމެރިކާއިން ހަމަލާ ހުއްޓާލައިގެން ތިބެން އެއްބަސްވި މުއްދަތު ޓްރަމްޕް އިތުރުކޮށްފި

profile

އައިމިނަތު ޒައިބާ - 22 އޭޕްރީލު 2026 - 05:23

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރިކަން އިއުލާންކޮށްފިއެވެ. ޓްރަމްޕް ބުނީ އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް މަޑުޖައްސާލާފައިވާ ކަމަށާއި، އެއީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ހުށަހެޅުމެއް ހުށަހެޅުމަށް އީރާނަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ. އަންގާރަ ދުވަހު މި ނިންމުން ނިންމީ ޕާކިސްތާނުގެ މެދުވެރިންގެ އެދުމުގެ މަތިން ކަމަށް ޓްރަމްޕް ބުނެފައިވެއެވެ. މި އެއްބަސްވުމުގެ މުއްދަތު ބުދަ ދުވަހަށް ހަމަވުމަށް އޮތީ ތާވަލުކުރެވިފައެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ އީރާން ހިސޯރުކުރުން (ބްލޮކޭޑް) ކުރިއަށް ގެންދިއުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގާފައިވާނެ ކަމަށެވެ. އަދި އީރާނުގެ ފަރާތުން ހުށަހެޅުމެއް ލިބި، މަޝްވަރާތައް ވަކި ކޮޅަކަށް ނިމެންދެން ހަމަލާ ހުއްޓާލުމުގެ މުއްދަތު އިތުރުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. ވަކި ތާރީޚެއް ނެތި ޓްރަމްޕް މިހެން ބުނުމުން، މިއީ އެމެރިކާއިން މުއްދަތެއް ނެތްގޮތަށް ދިން އިތުރުކުރުމެއްކަން ދޭހަވެއެވެ.

https://wamco.com.mv/

ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުން އަދި މިހާތަނަށް ރައްދެއް ދީފައެއް ނުވެއެވެ. އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުނީ ތެހެރާންގެ ރަސްމީ ބަހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

މި ނިންމުމަކީ ޓްރަމްޕްގެ ނިންމުންތަކަށް ކުއްލިއަކަށް އައި ބަދަލެކެވެ. މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ޓްރަމްޕް ބުނެފައިވަނީ މުއްދަތު އިތުރުކުރުމާ އޭނާ ދެކޮޅު ކަމަށާއި، އެމެރިކާއިން އީރާނުގެ އުމްރާނީ ތަންތަނަށް ބޮޑު ހަމަލާއެއް ދިނުމުގެ ކުރިން އީރާނަށް އޮތް ވަގުތު ކުޑަތަންވަމުންދާ ކަމަށެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތައް ކަނޑުމަގުން ހިސޯރުކޮށްފައިވާތީ އެކަން ކުށްވެރިކޮށް، ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އީރާނުން ބައިވެރިވުމާމެދު ވަނީ ސުވާލު އުފެދިފައެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މުއްދަތު އިތުރުކުރީތީ ޓްރަމްޕަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދާއިމީ ސުލްހައަކަށް ވާސިލުވުމަށް އިސްލާމްއާބާދުގައި ބާއްވާ ދެވަނަ ބުރުގެ މަޝްވަރާތަކަށް ދެފަރާތުންވެސް އެއްބާރުލުން ދޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އީރާނުގެ ބަނދަރުތައް ހިސޯރުކުރުމަކީ "ހަނގުރާމައިގެ އަމަލެއް" ކަމަށާއި، އެއީ މިހާރު އޮތް ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ އަންގާރަ ދުވަހު ވިދާޅުވެފައެވެ.
އީރާނުން އެމެރިކާގެ އިންޒާރުތަކަށް ދެކޮޅުހަދަމުން ދިޔަ ނަމަވެސް، ޓްރަމްޕް ބުނެފައިވަނީ އީރާނުގެ ލީޑަރޝިޕްގެ އެތެރޭގައި ބައިބައިވުންތަކެއް އުޅޭތީ ޑިޕްލޮމެޓިކް މަސައްކަތްތައް ލަސްވަމުންދާ ކަމަށެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއެކު އިސް ގިނަ ބޭފުޅުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ. އެހެންނަމަވެސް އީރާނުގެ ސަރުކާރުގެ ނިޒާމަށް ބޮޑު ލޮޅުމެއް އައިސްފައެއް ނުވެއެވެ. ހަނގުރާމައިގެ ކަންކަން އިސްކޮށް ބަލަހައްޓަނީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިންނެވެ. ޚާމަނާއީގެ ބަދަލުގައި މިހާރު ލީޑަރަކަށް ހުންނެވީ އެމަނިކުފާނުގެ ދަރިކަލުން މުޖްތަބާ ޚާމަނާއީއެވެ.
އަލްޖަޒީރާގެ ރިޕޯޓަރު އަލީ ހާޝިމް ވިދާޅުވީ ޓްރަމްޕް ބުނާ ބައިބައިވުންތަކުގެ ވާހަކައަކީ ކުށްހީއެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ލީޑަރު އަވަހާރަކޮށްލި ފަހުންވެސް އީރާނުގެ ލީޑަރޝިޕް އޮތީ ވަރަށް ބަދަހިކޮށެވެ. ސަބަބަކީ އާ ލީޑަރު މުޖްތަބާ ޚާމަނާއީގެ ވަށައިގެން ތިއްބެވީ ފާއިތުވި 15 އަހަރު އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް ވެފައި، އެ ބޭފުޅުން މިހާރު ތިއްބެވީ މުހިންމު ނިންމުންތައް ނިންމާ މަގާމުތަކުގައި ކަމަށްވާތީއެވެ.
އެމެރިކާއާއި އީރާނުން ފުރަތަމަ ދެ ހަފްތާގެ ހަމަލާ ހުއްޓާލުމަކަށް އެއްބަސްވީ އޭޕްރީލް 8 ގައެވެ. ނަމަވެސް ލުބްނާނުގެ މައްސަލައާއި ހުރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލްއާ ގުޅޭގޮތުން ދެބަސްވުންތައް އުފެދި މަސްރަހު ވަނީ ގޯސްވެފައެވެ.
ހަނގުރާމަ ނިންމުމަށް އެމެރިކާއިން ބޭނުންވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އެއްކޮށް ހުއްޓާލުމަށާއި، މިސައިލް އުފެއްދުން މަދުކުރުމަށާއި، ހިޒްބުﷲ އާއި ހަމާސް ފަދަ ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން ހުއްޓާލުމަށެވެ. ނަމަވެސް އީރާނުން ބުނަނީ އެގައުމުގެ އާންމު ނިއުކްލިއަރ ޕްރޮގްރާމުގެ ދަށުން ޔުރޭނިއަމް ފައްކާކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި އަސްކަރީ ގާބިލުކަމާއި ސަރަހައްދީ ގުޅުންތައް ދޫކޮށްނުލާނެކަމަށްވެސް އީރާނުން ބުނެފައިވެއެވެ. އީރާނުގައި ހުރި ފައްކާކޮށްފައިވާ ޔުރޭނިއަމް ގައުމުން ބޭރުކުރުމަށް އެމެރިކާއިން ކުރާ ޑިމާންޑަށްވެސް އީރާނުން ވަނީ ދެކޮޅު ހަދާފައެވެ.

ސްޓިމްސަން ސެންޓަރގެ ފެލޯ ބާބަރާ ސްލާވިން ވިދާޅުވީ، ޓްރަމްޕް ހަމަލާ ހުއްޓާލުމުގެ މުއްދަތު އިތުރުކުރީ ފެއިލްވަމުންދާ މަޝްވަރާތަކުގެ ސަބަބުން ލިބުނު "ލަދުވެތިކަން ފޮރުވުމަށް" ކަމަށެވެ. ނައިބު ރައީސް ޖޭޑީ ވެންސް ޕާކިސްތާނަށް ފޮނުވަން ޓްރަމްޕް ތައްޔާރަށް ހުރި ނަމަވެސް، އީރާނުން މަޝްވަރާތަކަށް ހާޒިރުވާނެ ކަމުގެ ނިޝާނެއް ފެނިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބާބަރާ ވިދާޅުވީ މި ހަނގުރާމަ ދިޔައީ ޓްރަމްޕް ފެށުނީއްސުރެ އުއްމީދުކުރި ގޮތަކަށް ނޫން ކަމަށާއި، ހުރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާއެކު އީރާނަށް އާ ބާރުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެމެރިކާއިން ކުރާ ބޮޑެތި ޑިމާންޑްތައް ދޫކޮށްލައި، މައްސަލަ ހައްލުކުރުމަށް ސީރިއަސްކަން ދައްކަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk