logo
ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..

ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..

އެތްލެޓިކޯ އަތްދަށުވެ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓައިފި

profile

ހަސަން ޝަމްއޫން - 15 އޭޕްރީލު 2026 - 04:52

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ރަށުން ބޭރުގައި އެތްލެޓިކޯ މެޑްރިޑް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް ބާސެލޯނާ މުބާރާތުން ކަޓައިފިއެވެ.

https://wamco.com.mv/

ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާގެ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް މޮޅުވެފައިވާއިރު، އެޓީމު ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މެޑްރިޑްގެ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ 24 މިނެޓްތެރޭގައި ބާސެލޯނާ އިން ވަނީ ދެލަނޑު ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ފެރާން ޓޮރޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލަމީން ޔަމާލް ބާސެލޯނާއަށް ލީޑުހޯދައިދިންއިރު، މެޗުގެ 24 ވަނަ މިނެޓުގައި އެޓީމުގެ ލީޑް ފުޅާކޮށްދިނީ ފެރާން ޓޮރޭސް އެވެ.

ނަމަވެސް އޭގެ ހަތް މިނެޓްފަހުން އެތްލެޓިކޯ މެޑްރިޑްގެ ނައިޖީރިއާ ފޯވާޑް އަޑެމޯލާ ލުކްމޭން ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ބާސެލޯނާއަށް މެޗު ކޮންޓްރޯލް ގެއްލުނީ މެޗުގެ 79 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު އެރިކް ގާސިއާއަށް ދެއްކި ރަތްކާޑާއެކުއެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މީގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސެލޯނާގެ ޑިފެންޑަރު ރައުލް އަރައުހޯއަށް ވަނީ އެޓީމަށް އެގްރިގޭޓް ނަތީޖާ އެއްވަރުކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު 2-1 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެން މެޗު ނިމުނު ނަމަވެސް އެޓީމަށް ވަނީ ސެމީފައިނަލުގެ ފުރުސަތު ގެއްލިފައެވެ.

މުބާރާތުގެ ސެމީފައިނަލުގައި އެތްލެޓިކޯ މެޑްރިޑް ވާދަކުރަންޖެހޭނީ ކުއާޓާ ފައިނަލުގައި ސްޕޯޓިންގ ލިޒްބަން އާއި އާސެނަލް މިރޭ ވާދަކުރާ މެޗުން ކުރި ހޯދާ ޓީމަކާއި ދެކޮޅަށެވެ. ސްޕޯޓިންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 ގެ ނަތީޖާއަކުން އާސެނަލް އިން ކާމިޔާބުކޮށްފައިވާއިރު، މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެޓީމަށް ސެމީގެ ފުރުސަތު ލިބެން އެބައޮތެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk