
ލިވަޕޫލާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން
ލިވަޕޫލް ކަޓުވާލުމަށްފަހު ޗެމްޕިއަން ޕީއެސްޖީ ސެމީފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 15 އޭޕްރީލު 2026 - 04:51
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ރޭ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެފައިވާއިރު، އެޓީމު ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 0-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ލިވަޕޫލްގެ އަންފީލްޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވިދިޔައިރު، ޕީއެސްޖީ އިން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމު ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޑެމްބެލޭ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ސެމީފައިނަލުގައި ޕީއެސްޖީ ވާދަކުރަންޖެހޭނީ ކުއާޓާ ފައިނަލުގައި ބަޔާން މިޔުނިކާއި ރެއާލް މެޑްރިޑް މިރޭ ވާދަކުރާ މެޗުން ކުރި ހޯދާ ޓީމަކާއި ދެކޮޅަށެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-2 ގެ ނަތީޖާއަކުން ބާޔަން އިން ކާމިޔާބުކޮށްފައިވާއިރު، މިރޭގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެޓީމަށް ސެމީގެ ފުރުސަތު ލިބެން އެބައޮތެވެ.
ގުޅުން ހުރި ޙަބަރުތައް

އެތްލެޓިކޯ އަތްދަށުވެ ބާސެލޯނާ ޗެމްޕިއަންސް ލީގުން ކަޓައިފި
15 ގަޑިއިރު ކުރިން

އޮކާފޯގެ ދެލަނޑާއެކު ޔުނައިޓެޑް ބަލިކޮށް ލީޑްސް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފި
2 ދުވަސް ކުރިން
.jpg&w=3840&q=75)
އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން ޗެލްސީ ބަލިވެއްޖެ
3 ދުވަސް ކުރިން

އަލް އުޚްދޫދު ބަލިކޮށް އަލް ނަސްރުން ފަސް ޕޮއިންޓަށް ލީޑު ފުޅާކޮށްފި
3 ދުވަސް ކުރިން


.gif&w=3840&q=75)