logo
ލީޑްސްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

ލީޑްސްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

އޮކާފޯގެ ދެލަނޑާއެކު ޔުނައިޓެޑް ބަލިކޮށް ލީޑްސް އިން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފި

profile

ހަސަން ޝަމްއޫން - 14 އޭޕްރީލު 2026 - 06:05

އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުން މޮޅުވެ، ލީޑްސް ޔުނައިޓެޑުން ރެލިގޭޝަން ޒޯނާއި ފެއަށް ޖެހިލައިފިއެވެ.

https://wamco.com.mv/

ލީގުގަައި މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު މެޗުގައި ބޯންމައުތާއި ވާދަކޮށް 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ލީޑްސް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ބްރެންޓްފޯޑާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި ދެމެޗު ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލީޑްސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްވިޒަލޭންޑް ފޯވާޑް ނޯއާ އޮކާފޯ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް އޮކާފޯ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ލީޑްސް ޔުނަައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ޔުނައިޓެޑުން ވަރުގަދަކޮށް ފެށިއިރު، އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 56 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ލިސެންޑްރޯ މާޓިނޭޒަށް ދެއްކި ރަތްކާޑާއެކު އެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ނަމަވެސް މެޗުގެ 69 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކާލޯސް ކަސަމީރޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިއީ އެޓީމުގެ ކެޕްޓަން ބުރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މިއީ ޕްރެމިއާ ލީގު މެޗެއްގައި ޔުނައިޓެޑްގެ ދަނޑުގައި ލީޑްސް މޮޅުވި ފުރަތަމަ މެޗެވެ.

މިނަތީޖާއެކު ލީގުގަައި ކުޅުނު 32 މެޗުން ލީޑްސް ޔުނައިޓެޑަށް 36 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 15 ވަނައިގައެވެ. އަދި މިމެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑުން ލީޑުގައި ކުޅުނު 32 މެޗުން ހޯދި 55 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk