
ސްމައިލީސް
ހިނިތުންވެލައި އުފާ ދޭށޭ!

އައިޝަތު ޝާނީ - 20 ފެބްރުއަރީ 2023 - 19:12
ހިނިތުންވުމަކީ ހެޔޮއެދުމާއި ލޯތްބާއި ފާޅުކަން ބޮޑު ގޮތެއްގައި ތަމްސީލުކުރާ އެއްޗެކެވެ. އެއީ ބަހެއް ނެތި އުފަލާއި ބަލައިގަތުން މުއާމަލާތު ކުރާ ކަމެކެވެ. ހިނިތުންވުމުން ތިބާއަށާއި އަނެކާއަށް ވެސް ހިތްހަމަޖެހުން ލިބިގެންދެއެވެ. އެއީ މާބޮޑު އުނދަގުލަކާއި ނުލާ ކުރެވޭ ސަދަގާތެކެވެ. އެއީ ހިތްހެޔޮކަމުގެ ރިވެތި މިސާލެކެވެ. ކޮންމެތާކު ހުރި ކޮންމެ މީހަކަށްވެސް އެނގޭނެ ބަހުރުވައެކެވެ.
ހިނިތުންވުމުގެ ސަބަބުން ތިބާއަށް ނޭނގި އެތަށް ފައިދާއެއް ލިބިގެންދެއެވެ.އެގޮތުން ގިނައިން ހިނިތުންވާމީހުންގެ އުމުރު ދިގުވާކަމަށް ދިރާސާތަކުން ބުނެއެވެ. ހިނިތުންވުމުގެ ސަބަބުން މީހުން ދުޅަހެޔޮކަންމަތީ ތިބުމަށް އެހީތެރިވެދޭކަމަށް ވެއެވެ. އެއީ ސްޓްރެސް އިން ދުރުކޮށްދީ މޫޑް ތާޒާ ވާ ކަމެކެވެ. މިހެންވަނީ ހިނިތުންވުމާ މެދު ވިސްނުމުން ސިކުނޑީގައި "އެންޑޯފިންސް" ދޫކޮށްލާތީއެވެ. މީގެ އިތުރުން ހިނިތުންވުމަކީ ފައްސި ދިރިއުޅުމަކަށް އެހީތެރިވެދޭ ކަމެކެވެ.ގިނައިން ހިނިތުންވާ މީހުން ގިނައިން ފާހަގަވެގެން ދަނީ ވަރަށް ދިރިއުޅުމުގައި ކާމިޔާބް މީހުންގެ ގޮތުގައިކަމަށްވެސް ދިރާސާތަކުންދައްކައެވެ.
އަނެއް ޝައުގުވެރި ހަގީގަތަކީ ދާދިފަހުން ކުރި ދިރާސާއަކުން ނިންމާފައިވާ ގޮތުގައި ހިނިތުންވުމަކީ 16،000 ޕައުންޑް ސްޓަރލިންގ އާއި ހަމައަށް ނަގުދު ފައިސާ ލިބުމާ އެއްވަރު ކަމެއް ކަމުގައިއެވެ. އެހެންކަމުން ތިއަރީގައި ދުވާލަކު ގާތްގަނޑަކަށް 62 ފަހަރު ހިނިތުންވެލާ މީހުންނަށް ހީވާނީ އެއީ މިލިއަނަރުންހެންނެވެ. ނަފްސުގެ މުއްސަދިކަމަކީވެސް ވަރަށް މުހިއްމު ކަމެކެވެ. ހިނިތުންވެލުން ގިނަކޮށްލައިގެން އެކަންވެސް ކާމިޔާބުވީއެވެ.
އެހެންނަމަވެސް ބައެއް މީހުންނަށް ހިނިތުންވުމަކީ ވަރަށް ގިނަ ސިއްރުތައް ފޮރުވައި ކަމެކެވެ. ހިތް ހަލާކުވެ ކަރުނައިގެ ކޯރެއްގައި ފަތަ ފަތާ އޮތް ނަމަވެސް ގިނަ މީހުންނަކީ، އެ ވޭން ހިނިތުންވުމަކުން ފޮރުވާލާ މީހުންނެވެ. މީހަކު ކޮށްލާ ސުވާލަކުން މާބޮޑަށް މާޔޫސްވެ ނުވަތަ ބުނަން އޮންނަ އެތި ބޮޑުކަމުން ގިނަ ފަހަރު އެކަން ހިނިތުންވުމަކުން ނިންމާލާ މީހުން މި ދުނިޔޭގައި ވަރަށް ގިނައެވެ. އެހެންކަމުން ހިނިތުންވުމަކީ މުއާމަލާތުކުރެވޭ އެންމެ ފަސޭހަ ގޮތެވެ.
ހިނިތުންވެފައި ތިބޭ ކޮންމެ މީހަކީ އަސްލު އުފަލުން އުޅޭ މީހުނެއް ނޫނެވެ. ނަމަވެސް އެއީ ވަރަށް ހިތްވަރުގަދަ ވަރަށް ކެރޭ މީހުންނެވެ. ދިރިއުޅުމުގެ ގަދަ ކަނޑުގައި ދިމާވާ ބޮޑަތި ރާޅުތަކާއި ކުރިމަތިލައި އަމާން އައްސޭރިއަކަށް ދިޔުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ މީހުންނެވެ.އެހެންކަމުން ކޮންމެ މީހަކާއި މެދުވެސް އޯގާތެރިވުން ވަރަށް މުހިއްމެވެ. އަޅާލުމާއި ލޯބި ދިނުން ވަރަށް މުހިއްމެވެ. އެމީހުންގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައި ހުންނަ ކަންކަން ނޭނގޭ ހިނދު ވިސްނާލަންޖެހޭ މުހިއްމު ކަމަކީ، އެ މީހަކު ކުރާ ކަމަކުން ނުވަތަ ބުނާ އެއްޗަކުންވެސް އެ ހިތްވަރު ގެއްލިގެން ގޮސްފާނެކަމެވެ. އަބަދުވެސް ބަލަންވީ އެހެން މީހަކު ހިނިތުންވެލާނެ ހެޔޮ ބަހެއް ނުވަތަ ހެޔޮ ކަމެއް ކުރެވޭތޯއެވެ. ހަމަ ޔަގީނުންވެސް އޭރުން މާޔޫސްވެފައި ތިބޭ މީހުންގެ އަދަދު ތަންކޮޅެއް މަދުވާނެއެވެ.ހާއްސަ ގޮތެއްގައި ނަފްސާނީ ބަލި ތަހައްމަލްކުރަމުންދާ މީހުންގެ ހިތަށް ތަންކޮޅެއް ފަސޭހަވާނެއެވެ.
ކޮންމެއަކަސް ހިނިތުންވުމަކީ ގިނަ ލޯބީގެ ވާހަކަތަކުގެވެސް ފެށުމެވެ. އަންހެން ކުއްޖާގެ ހިނިތުންވެލުމުން ފިރިހެން ކުއްޖާގެ ހިތް ކަތިލަނީއެވެ. ލޯބީގެ ގުލްޝަންގައި އެހިސާބުން މާތަށް ފޮޅުވަން ފެށެއެވެ. އަދި ލޯބީގެ ގިނަ މެސެޖްތަކުގައި، " ހިނިތުންވުން ހަނދާނުން ފޮހެލަން" ދަތިކަމަށް ބުނެއެވެ. ދުނިޔޭގެ 8 ބިލިއަން ހިނިތުންވުމުގެ ތެރެއިންވެސް "އެންމެ ފޭވަރިޓް" އަކީ އެ ހިިނިތުންވުމޭ ބުނެއެވެ. ގިނަ ލޯބީގެ ދިވެހި ލަވަތަކުގައި، "ހިނިތުންވެލާށޭ ކަލާ" އިން ގޮސް، "ހިނިތުންވެލައި އުފާދޭށޭ" އާއި "ޔާރާ ހިނިތުންވީމާ ހުރެވޭނެހެން މިހެން" ގެ އިތުރުން " ތިޔަ ހީލުން ފެނި ދީވާނާ" ވެސް ވެއެވެ. ހިނިތުންވުމަށް ތައުރީފް އޮއްސާލުމުން އޮންނަނީ، ލޯބި އުތުރު އަރައިގެން ބަންޑުންވާވަރު ވެފައިއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ހިނިތުންވުމާއި ގުޅުވާ ލޯބީގެ ލަވަ ހަދާފައި ހުރެއެވެ.
ހިނިތުންވެލާށެވެ. ހިތްހަމަޖައްސާލާށެވެ. ހިތުގެ ފުންމިނުން ހިތްހަމަޖެހިގެން ހިނިތުންވެލެވެންދެން ނަމަވިއަސް ހެޔޮއެވެ. ކޮންމެ ދުވަހަކުވެސް ލޯގަނޑު ކުރިމަތީ ހުރެ އަމިއްލަ ނަފްސަށް ހިނިތުންވެލަން ހަނދާން ނައްތާނުލާށެވެ. ކޮންމެ ދުވަހެއްގައި ވެސް ރަނގަޅު ކޮންމެވެސް ކަމެއް ވާނެކަމަށް ގަބޫލުކޮށް މާޔޫސްވުމާއި ދުރަށް ގޮސް، ހިނިތުންވެލާށެވެ. ހިނިތުންވެލައި އުފާ ދޭށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން