logo

ބޯކިރުފޮދެއްފަދަ ގޮނޑުދޮށްތަކާ އަޖައިބުކުރުވަނިވި ފަރުތަކުގެ ރަން އަހަރު

profile

ޝާމާ ޝުޢައިބު - 02 ޖެނުއަރީ 2025 - 12:33

ދިވެހިރާއްޖެއަކީ ގުދުރަތީ ރީތިކަމުން ފުރިގެންވާ ހިތްގައިމު ދުނިޔެމަތީގެ ސުވަރުގެއެކެވެ. އިންޑިޔާ ކަނޑުގެ ބޮޑު ނޫކުލައިގެ ބޮޑު ސަރަޙައްދުގައި ޖަވާހިރުތަކެއް ފަދައިން ފެތުރިފައިވާ، އެރަށްރަށުގައިވާ ހުދުބޯކިރުފޮދެއްފަދަ ގޮނޑުދޮށްތަކާ، ސާފު ބިއްލޫރިކޮޅެއް ފަދަ ފިރޯޒީ މޫދާއި، ކަނޑުގެ މަޑު ވައިރޯޅިތަކުގެ ތެރޭގައި ފެހިކަން ފެތުރިފައިވާ ނަލަނަލަ ޖަޒީރާ ރަށްތަކެވެ.

https://wamco.com.mv/

ކަނޑުގެ އަޑީގައި ވަނީ ދިރުންހުރި ފަރުތަކާއި، ކުލަގަދަ ކަނޑުގެ ދިރުންތަކާއި، ދުނިޔޭގެ އެންމެ ސާފު ޑައިވިންގ ސްޕޮޓްތައް ކަމުގައި ބެލެވޭ ތަންތަން ހިމެނޭ ހައިރާންކުރުވަނިވި އަޑީގެ ދުނިޔެއެކެވެ. އިރުއޮއްސޭ އިރު، ރަނާއި، ފިޔާތޮށި ކުލައާއި، ޖަންބުކުލައިގެ ކުލަތަކުން އުޑުމަތި ކުލަޖައްސާލައެވެ. އަދި ތަރިތައް ފެންނަ ރޭގަނޑުތައް ވަނީ ހަމަހިމޭންކަމާއި ހުވަފެނެއް ފަދައިންނެވެ.

ހިމޭން ފެންމަތީ ގެތަކާއި، ރާޅުތަކުގެ އަޑުގެ ރާގާއި، މީހުންގެ ހިތްހެޔޮކަމާއި، މުއްސަނދި ސަގާފީ ތަރިކައާ އެކު، ދިވެހިރާއްޖެއަކީ ހަމައެކަނި މަންޒިލެއް ނޫނެވެ. މިއީ ހަމަހިމޭންކަމާއި، އަޖައިބުވެރިކަމާއި، ރީތިކަމުގެ ތަޖުރިބާއެކެވެ.

ދުނިޔެ މަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެފައިވާ ދިވެހިރާއްޖޭގެ ޖާދުވީ މާހައުލާއި ކަނޑުފަޅުތަކުގެ މުއްސަނދިކަމަކީ މީހުންގެ ހިތްތައް އަތުލާފައިވާ ކަންކަމެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ 4 ނޮވެމްބަރ 2024 ގައި ޕޯޗުގަލްގެ މަޑޭރާގައި ބޭއްވި 2024 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް ގާލާ ސެރެމަނީގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީއެވެ.

2024 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ޑަބްލިއުޓީއޭގެ ދަށުން "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ މަޤާމު ވިދިވިދިގެން ދިވެހިރާއްޖެއަށް ފަސްވަނަ އަހަރު ލިބިގެން ވަނީ ގޮސްފައެވެ. ދިވެހިރާއްޖެއިން ފަތުރުވެރިންނަށް ދައުވަތު ދެނީ ސަނީ ސައިޑް އޮފް ލައިފް ތަޖުރިބާކުރުމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ރީތި، ސާފު ގޮނޑުދޮށްތަކާއި، ކަނޑާއި އޭގެ ދިރުންތައް ހިމެނެއެވެ. ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުން ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭއިރު، ދިވެހިރާއްޖެއިން ވަޢުދުވަނީ ހަނދާންނައްތާ ނުލެވޭނެފަދަ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެންމެ އުޖާލާ ސަފުހާތަކުގެ ތެރެއިން އެއް ސަފުހާއެއްގެ ގޮތުގައި 2024 ވަނަ އަހަރު ފާހަގަކުރެވިގެން ގޮސްފައިވާއިރު ރާއްޖެއަށް މިދިޔަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2023 ވަނަ އަހަރާއި އަޅާބަލާއިރު 9 ޕަސެންޓް ވަނީ އިތުރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. 2023 ވަނަ އަހަރު ޒިޔާރަތްކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ.

ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިންނާއެކު 2024 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގައި ހެދި ރެކޯޑާއެކު މިވަނީ ތާރީޚުން ރަން އަކުރުން ފަވާލެވޭފަދަ ޖާގައެއް ހޯދާފައެވެ. ސަރުކާރުން އަންނަ އަހަރަށް ހިފާފައިވަނީ 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒެކެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީމަހަކީ ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި މަހެކެވެ. ފެބްރުއަރީމަހު ރާއްޖެއަށްވަނީ ދެލައްކަ ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. ފާއިތުވި ޑިސެމްބަރު މަހަކީ 2024 ގައި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މަހެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރު ނިމުނުއިރު ރާއްޖޭގައި ފަތުރުވެރިކަމަށް 1،271 ތަނެއް ދިޔައީ ހިންގަމުންނެވެ.
މީގެ ތެރޭގައި 172 ރިސޯޓާއި 929 ގެސްޓްހައުސް އާއި 155 ސަފާރީ އަދި 15 ހޮޓާ ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 63،248 އެވެ.

ކޮންމެއަކަސް ތާރީޚުން ފަތުރުވެރިކަމުގެ ސިނާއަތް ރަންއަކުރުން ފަވާލި 2024 މިވަނީ އަޅުގަނޑުމެންނާ އަލްވަދާއުކިޔާފައެވެ. ދެން އޮތީ 2025 ވަނަ އަހަރަށް ކުރެވޭ އުއްމީދެވެ. އަލިމަހުން މި ސިނާއަތް މިއަހަރު ވިދާލާނެ ކަމަށް ކުރެވޭ ބޮޑު އުއްމީދެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay