logo

މެދުއިރުމަތިން ތެޔޮ ބޭރުކުރުން އިތުރުވެ، ބޯޓުތަކަށް އޮތް ނުރައްކާއިތުރުވެއްޖެ

profile

އާމިނަތު ޝަޒްލާ - 05 އޮކްޓޯބަރު 2026 - 10:32

ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އޮތް ނުރައްކާތަކާއި ހަމަލާތައް އިތުރުވަމުންދިޔަ ނަމަވެސް، ވޭތުވެދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ހަފުތާގައި މެދުއިރުމަތިން ސާފުނުކުރާ ތެޔޮ ބޭރުކުރި މިންވަރު ހަނގުރާމައިގެ ކުރީގެ މިންވަރަށްވުރެ އިތުރުވެއްޖެއެވެ.

https://wamco.com.mv/

އުޅަނދުފަހަރު ދަތުރުކުރާ ގޮތް ބަލަހައްޓާ ބައިނަލްއަޤްވާމީ ކުންފުންޏެއް ކަމަށްވާ 'ކެޕްލާ' އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު 24 އަދި 27 އިން 29 އަށް މެދުއިރުމަތިން ތެޔޮ ބޭރުކުރި މިންވަރު ވަނީ ދުވާލަކު 19.5 މިލިއަން ފީފާއާއި 22.5 މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަން ފެށި ހަނގުރާމައިގެ ކުރިން ތެޔޮ ބޭރުކުރި މިންވަރަށްވުރެ ބޮޑު އަދަދެކެވެ. 2025 މާރިޗުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ސަރަހައްދުން އެވްރެޖްކޮށް ދުވާލަކު ބޭރުކޮށްފައިވަނީ 18 މިލިއަން ފީފާގެ ތެލެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހާ ހަމައަށް ހޭދަވި 7 ދުވަހުގެ ތެރޭގައި ސާފުނުކުރާ ތެޔޮ ބޭރުކުރި މިންވަރު އެވްރެޖްކޮށް ހުރީ ދުވާލަކު 18.5 މިލިއަން ފީފާގައެވެ. މީގެ ތެރޭގައި ހުރުމުޒު ކަނޑުއޮޅި އާއި ރަތްކަނޑު ހުރަސްކޮށް އުފުލި ތެލާއި، ޓާމިނަލްތަކުން ބޭރުކުރި ތެލުގެ އިތުރުން އޮމާން ކަނޑުއޮޅީގައި އުޅަނދުފަހަރުން އުޅަނދުފަހަރަށް ބަދަލުކުރި ތެޔޮވެސް ހިމެނެއެވެ.

މީގެއިތުރުން، ސެޕްޓެމްބަރު މަހުގެ 30 އާ ހަމައަށް ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި، ސާފުނުކުރާ ތެލާއި، ތެލުގެ އުފެއްދުންތަކާއި، ކެމިކަލް އަދި ނޮން-ގޭސް ލިކުއިޑްސް ބޭރުކުރި ޖުމްލަ މިންވަރު އެވްރެޖްކޮށް ހުރީ ދުވާލަކު 22.4 މިލިއަން ފީފާގައެވެ. އަދި ހުރުމުޒު ކަނޑުއޮޅިން ބޭރުވި ގުދުރަތީ ގޭސް (އެލް.އެން.ޖީ) އުފުލާ އުޅަނދުފަހަރުގެ އަދަދު ސެޕްޓެމްބަރު މަހު ވަނީ ފެބުރުއަރީ މަހުގެ ފަހުން މިހާތަނަށް އެންމެ މައްޗަށް ދިޔަ މިންވަރަށް އިތުރުވެފައެވެ. ނަމަވެސް، މި ހިސާބުތަކުގައި ސަލާމަތީ ސަބަބުތަކަށްޓަކައި އެމީހުންގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ނިއްވާލައިގެން ކަނޑުއޮޅި ހުރަސްކުރި އުޅަނދުތައް ނުހިމެނެއެވެ.

ފެބުރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން، މި ކަނޑުއޮޅިން ދުވާލަކު އެވްރެޖްކޮށް ވިޔަފާރިކުރާ 125 ބޮޑެތި އުޅަނދު ދަތުރުކުރެއެވެ. މީގެ ތެރޭގައި ތެޔޮ ޓޭންކަރުތަކާއި، ގޭސް އުފުލާ އުޅަނދުތަކާއި، ބަލްކް ކެރިއަރުތަކާއި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރު ހިމެނޭއިރު، މިއީ ދުނިޔޭގެ ދުވާލެއްގެ ސާފުނުކުރާ ތެލާއި ގުދުރަތީ ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތައެވެ. ނުރައްކާތެރި ހާލަތެއްގައިވެސް މެދުއިރުމަތިން ތެޔޮ ބޭރުކުރާ މިންވަރު އިތުރުވަމުންދަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ ޑިމާންޑް ހިފެހެއްޓުމަށްޓަކައެވެ.

https://wamco.com.mv/
tel:+9607331319