އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯއިން މަރާމާތު ކުރުމަށްފަހު އިސްލާމިކް މިނިސްޓްރީ އާއި މިއަދު ހަވާލުކޮށްފިއެވެ.
މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ކުރަން ފެށި މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނިއެވެ.
މި މަސައްކަތުގެ ނިމުން ފާހަގަ ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒު ގޯތި ތެރޭ ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިއުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ މާރީތިކޮށް ސްޓެލްކޯއިން އެތަން ހަދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި، އެ ހިތްހަމަޖެހުން އެ ފަރާތްތަކުން ލިބިގަންނާނެ ކަމަށެވެ.
މީގެ އިތުރުން، 40 އަހަރަށްވުރެ ގިނަ ދުވަސްވީ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި، ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯއިން އެތަން މަރާމާތުކޮށް، އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.
ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ މިކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށާއި، އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށް. މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.
އަދި ދިވެހިންގެ ތަރީހާއި ސަގާފަތާއި ގުޅޭ އެތަން ރައްކާތެރި ކަމާއެކު ދެމެހެއްޓުމަކީ އުއްމީދު ކަމަށްށެވެ. އަދި މި މަސައްކަތް ކުރުމުގެ ފުރުސަތު ސަރުކާރާއި، މިނިސްޓްރީން ދެއްވި ކަމަށްޓަކައި، ޝުކުރު ދަންނަވާ ކަމަށް ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވިއެވެ.
ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ އެހާ ފުރިހަމަކޮށް އެ މަސައްކަތް ނިންމާދެއްވި ކަމަށްޓަކައި ކުންފުނީގެ އެ މަސައްކަތުގައި ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެއެވެ.