logo

ނެއްލައިދޫގައި ރަށު ވަޤުފް މަޝްރޫޢު ކުރިއަށް ގެންދަން އެއްބަސްވުމުގައި ސޮއިކޮށްފި

profile

ޒިދާން މުޙައްމަދު - 16 ނޮވެމްބަރު 2024 - 13:30

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަގުފް މަޝްރޫއުތަކުގެ ތެރެއިން ހދ. ނެއްލައިދޫގައި ކުރިއަށް ގެންދާ ވަޤްފު މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާއާއި ނެއްލައިދޫ ކައުންސިލާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް މުހައްމަދު އަލީފެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވަގުފްގެ މަޝްރޫއުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭގޮތަށް ފުޅާ ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި، ނެއްލައިދޫ ކައުންސިލާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި ވަގުފް މަޝްރޫއުއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެ ކަމަށެވެ.

ވަަޒީރު ވިދާޅުވީ، ރަށްރަށުގައި ވަގުފް އިމާރާތްތައް އިތުރު ކުރުމަކީ ވުޒާރާގެ އަމާޒެއް ކަމަށާއި، ނެއްލައިދޫގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމެވީ ވުޒާރާއަށް ލިބުނު ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ފެނުނު އެންމެ މުނާސަބު އެއް ޕްރޮޕޯސަލްއަކީ ނެެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ޕްރޮޕޯސަލްކަމަށް ވާތީ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، މި މަޝްރޫއުއަކީ ކުރިމަގަށް ކުރެވޭ ރަނގަޅު މަސައްކަތެއް ކަމަށާއި އުއްމީދަކީ މި މަޝްރޫޢުގެ ނަފާ ނެއްލައިދޫއަށާއި މުޅި ރާއްޖެއަށް ވީހާވެސް އަވަހަށް ލިބިގެން ދިއުން ކަމަށެވެ.

ނެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ވަގުފް މަޝްރޫއުއަކީ ލަނޑާ/ކަނޑު/ފަރު މަސްވެރިކަމާގުޅޭ މަސައްކަތަށް އެރަށުން އާއްމުންނަށް ކުއްޔަށްދިނުމަށް، 10 އައުޓްލެޓް އިމާރާތްކުރުމެވެ. މި މަޝްރޫއުގެ ދަށުން އަޅާ 10 އައުޓްލެޓް ކުއްޔަށް ދީގެން ލިބޭ ނަފާއިން ރަށުގެ މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ އިޖުތިމާޢީ އެކި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށް ނެއްލައިދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ރަށު/ސިޓީ ވަގުފް މަޝްރޫއުއަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އިފްތިތާހް ކުރި މުހިއްމު މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލަކުންނާއި 10 އަތޮޅު/ސިޓީ ކައުންސިލަކުން ވަނީ ޕްރޮޕޯސަލް ހުށައަޅާފައެވެ.

https://int.etukuri.mv/
tel:+9607331319