logo

2025 ގައި އިސްލާމީ މަރުކަޒުގެ ފުރިހަމަ މަރާމާތެއް ކުރަނީ

profile

އައިޝަތު އިނާޝާ - 12 ނޮވެމްބަރު 2024 - 16:43

 މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް

ދިވެހިރާއްޖޭގެ އިސްލާމީ އެންމެ ބޮޑު ބިނާ ކަމަށްވާ، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އިސްލާމީ މަރުކަޒުގެ ފުރިހަމަ މަރާމާތެއް 2025 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އިސްލާމީ މަރުކަޒުގެ ކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި، އިސްލާމީ މަރުކަޒު ރައްކާތެރިކަމާއެކު ބަލަހައްޓަވާނެ ކަމަށެވެ. އަދި މިކަމަށްޓަކައި 2025 ވަނަ އަހަރު މަރުކަޒުގެ ފުރިހަމަ މަރާމާތެއް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ޤައުމީ ޝަޚްޞިއްޔަތުގެ ނިޝާންކަމަށާއި އިސްލާމީ ތަރުބިއްޔަތާއި ތަޢުލީމާއި ތަމްރީނުގެ ކިއްލާ ކަމަށެވެ. އަދި އިސްލާމީ މަރުކަޒުގެ ބިނާކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމަށް ހައްޤު ޝުކުރު އަދާކުރައްވާ ކަމަށެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

https://int.etukuri.mv/
tel:+9607331319