އޭޝިއާ ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސްގެ އިންޑަސްޓްރީ ޗެމްޕިއަންސް (އޭސެސް) ގެ ދެ އެވޯޑް ސްޓެލްކޯ އަށް ލިބިއްޖެއެވެ.
އޭޝިއާ ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސްގެ އިންޑަސްޓްރީ ޗެމްޕިއަންސް އެވޯޑްގެ އިންޑަސްޓްރީ ޗެމްޕިއަންސް އޮފް ދަ އިޔަރ ކެޓަގަރީން ސްޓެލްކޯއަށް އެ އެވޯޑް ލިބިފައިވާއިރު މި އެވޯޑަކީ ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކުން ހާސިލު ކޮށްފައިވާ އެވޯޑެކެވެ.
މި އެވޯޑަކީ އެކުންފުންޏަކުން ދޭ ހިދުމަތް ކުރިއަރަމުން އަންނަ ފެންވަރަށާއި ދެމެހެއްޓެނެވި ގޮތުގައި ޚިދުމަތް ފޯރުކޮސްދޭން ކުރާ މަސައްކަތްތަކަށާއި ކުންފުނީގެ ހިންގުން ހަރުދަނާކުރަން ކުރާ މަސައްކަތްތަކަށާއި ނެރޭ ނަތީޖާތަކަށް ވެސް ބަލައިގެންނެވެ.
ސްޓެލްކޯއަށް މި އެވޯޑް ލިބިފައިވާއިރު އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީއަށް ވަނީ އޭސެސް އެވޯޑުގެ އޭޝިއާސް މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް ކެޓަގަރީން އެވޯޑު ލިބިފައެވެ. މި އެވޯޑު ދިނުމުގައި ކުންފުނީގެ ހިންގުންތެރިކަމަށް ބަލައެވެ.
ސްޓެލްކޯގެ ޚިދުމަތަށް މި އަހަރުގެ ޑިސެންބަރު މަހު 75 އަހަރު ފުރޭއިރު، 1949 ވަނަ އަހަރު ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފެށިގެން މި ވޭތުވެދިޔަ މުއްދަތުގައި ޤައުމީ ތަރައްޤީގައި ސްޓެލްކޯއިން ހިއްސާވެފައިވެއެވެ.
އެގޮތުން ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެން ދިއުމުގައި ކަރަންޓުގެ ސިނާއަތާއި އެ ސިނާއަތުގައި ޚިދުމަތްދޭން އޮތް ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ ދައުރު ފާހަގަކޮށްލެވެއެވެ. އަދި ހަމަ މިއާއިއެކު 1949ން ފެށިގެން ސްޓެލްކޯއިން (އެކި ނަންނަމުގައި) ދެމުންއައި ކަރަންޓުގެ ޚިދުމަތުގެ އިތުރުން މިހާރު މި ކުންފުނިން ދެމުންދާ ފެނާއި، ނަރުދަމާގެ ޚިދުމަތާއިއެކު ޤައުމީ ތަރައްޤީގައި ކުންފުނީގެ ހިއްސާ އިތުރުވެގެން ގޮސްފައިވާ ވުން ވެސް ފާހަގަކުރެވެއެވެ.
މި އެވޯޑުތަކަކީ މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ދެމުންދާ އެވޯޑުތަކެކެވެ.