logo

ކުރިއަށް އޮތް 5 އަހަރަށް ސްޓެލްކޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކޮށްފި

profile

ޝުރުފާ މުހައްމަދު - 27 އޮކްޓޯބަރު 2024 - 18:43

ސްޓެލްކޯގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުން--- ފޮޓޯ:ސްޓެލްކޯ

ސްޓެލްކޯގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުން--- ފޮޓޯ:ސްޓެލްކޯ

ކުރިއަށް މި ދާ ފަސް އަހަރު 2024 – 2028 ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާޙުކޮށްފި އެވެ.

މި ޕްލޭން އިފްތިތާޙުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. ޕްލޭން އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ، ޙުސައިން ފަހުމީ އެވެ.

މި ޕްލޭންއަކީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހުސައިން ފަހުމީ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީއާއި ތަހުޒީބާއި، ކުރިއެރުންތަކާއި އެއް ހަމަޔަކަށް ކަރަންޓާއި، ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގުކޮށްޓެވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ހަރުދަނާ ލަފަޔާއި އިރުޝާދާއި އެކުގައި ތައްޔާރުކުރެވިފައިވާ ޕްލޭނެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއިއެކު، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރު ކުރުންމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެ ކުންފުނިން ބުނިގޮތުގައި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކޮށްފައިވަނީ ކުންފުނީގެ އެކި ދާއިރާތަކުގެ ޓެކްނިކަލް އަދި މެނޭޖިރިއަލް މުވައްޒަފުން ހިމަނައިގެން އެކުލަވާލެވުނު އިލްމީ އަދި ގާބިލް ޓީމަކުންނެވެ. އެ ޓީމްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކުންފުނީގެ ސްޓްރެޓިޖިކް ކޮމިޓީގެ ހާއްސަ ބެއްލެވުމާއި އިރުޝާދުގެ ދަށުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި މަސައްކަތުގެ ތެރެއިން، ކުންފުނި ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އިސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކުންފުނީގެ މިޑްލް މެނޭޖްމަންޓްގައި ހިމެނޭ ޔުނިޓް ހެޑުންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ޚީޔާލާއި އެއްގޮތަށް ޑިޕާޓްމަންޓްތައް ހިންގުމުގެ ޕްލޭންތައް އެކުލަވާލައި،

އެސްއޭޕީ ގައި ހިމަނާފައިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެ ޕްލޭނުގައި އެކުލަވާލެވިފައިވާ ފްރޭމްވަރކްގައި 5 ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވާނެ ކަމަށް ކުންފުނިން ބުނެ އެވެ. އަދި މި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅިފައިވާނެ ކަމަށާއި، މި ޓާގެޓްތައް ޙާޞިލްވޭތޯ މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމްކޮށްފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓެލްކޯއިން ބުނީ މިހާރު ތައްޔާރުކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމަށާއި ޔުޓިލިޓީ ހިދުމަތްތަކުގެ ސިނާއަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީންނާއި، ސްޓެލްކޯގެ ސްޓްރެޓެޖިކް ކޮމިޓީގެ ލަފާގެ މަތިން ތައްޔާރުކުރެވި އަދި، ކުންފުނީގެ ބޯޑުގެ ފުރިހަމަ ތާޢީދާއެކު އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319