މިނިޓެއްގެ ތެރޭގައި ދެގޯލް ކޮޅަށް ވަދެ, ބާސެލޯނާ އެއްވަރު
ހަފްސީ އަބްދުﷲ - 24 ނޮވެމްބަރު 2024 - 04:10
ބާސެލޯނާއަށް ލީޑް ނަގައިދިނީ ރަފީނިއާ: ފޮޓޯ-ބާސެލޯނާ
މިނިޓެއްގެ ތެރޭގައި ދެ ގޯލް ކޮޅަށް ވަދެ, ސްޕެނިޝް ލަލީގާގައި އެއްވަނާގައި އޮތް ބާސެލޯނާ ސެލްތަވީގޯއާ އެއްވަރު ވެއްޖެއެވެ.
މެޗު އެއްވަރުވީ ދެ ހާފްގައި ޖެހި ދެގޯލުން ބާސެލޯނާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް, މެޗުގެ ފަހު ހަ މިނިޓްގެ ތެރެއިން މިނިޓެއްގެ ތެރޭގައި ކޮޅަށް ދެގޯލް ވަދެގެންނެވެ. މެޗުގައި ބާސެލޯނާއިން ލީޑް ނެގީ ފުރަތަމަ ހާފްގައި 15 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ލަނޑުންނެވެ. މިއީ ސީޒަންގައި އޭނާގެ 13 ވަނަ ގޯލެވެ. އޭނާ ލަނޑު ޖެހީ ކޫންޑޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ބާސެލޯނާއިން ދެވަނަ ލަނޑެއް ޖަހާ ހަމަޖެހުން ހޯދީ 61 ވަނަ މިނިޓްގައެވެ. އެއީ ލެވަންޑޯސްކީ ޖެހި ލަނޑުންނެވެ. މިއީ ލެވަންޑޯސްކީ ސީޒަންގައި ޖެހި 15 ވަނަ ގޯލެވެ. އެކަމަކު 82 ވަނަ މިނިޓްގައި މާކް ކަސާޑޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑް ދެއްކުމުން ދިހަ ކުޅުންތެރިންނާއެކު ނަތީޖާ ހިފަހައްޓާ ނުލެވުނެވެ.
84 ވަނަ މިނިޓްގައި ބާސެލޯނާ ކޮޅަށް ފުރަތަމަ ގޯލް ޖެހީ އަލްފޮން ގޮންޒަލޭޒް އެވެ. އޭގެ ފަހުން މިނިޓެއްވެސް ނުވަނީސް ހޫގޯ އަލްވަރޭޒް ލަނޑެއް ޖަހާ ސެލްޓަ ވީގޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ފުރަތަމަ ހާފްގައި ސެލްޓަ ވީގޯއިން ޕެނަލްޓީއަކަށްވެސް އެޕީލް ކުރިއެވެ. އެއީ އިއާގޯ އަސްޕަސް އަށް ޖެރާޑް މާޓިން ފައުލްކުރިކަމަށް ބުނެ އެވެ. އެކަމަކު މާބޮޑަށް އެޕީލް ކުރަން ފެށުމުން ރެފްރީ ރީނދޫ ކާޑް ދެއްކީ އަސްޕަސް އަށެވެ.
ވާދަވެރި ރެއާލް މެޑްރިޑް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްފިނަމަ ފަރަގު 4 ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.