އެމްބާޕޭގެ ފުރަތަމަ އެލް ކްލެސިކޯ ހަރާބު!
ހަފްސީ އަބްދުﷲ - 27 އޮކްޓޯބަރު 2024 - 02:17
މެޗުގައި ދެ ލަނޑު ޖެހި ލެވަންޑޯސްކީ އުފާފާޅުކުރަނީ: ފޮޓޯ-ލަލީގާ
ފުރަތަމަ 'އެލްކްލެސިކޯ' ގައި ރެއާލް މެޑްރިޑް ކޮޅަށް ބާސެލޯނާ އިން 4 ލަނޑު ޖަހައިފި އެވެ. ލަނޑެއް ނުޖެހި ނުމުނު ފުރަތަމަ ހާފަށްފަހު ބާސެލޯނާއިން ރެއާލް ލަދުގަންނުވާލީ ދެވަނަ ހާފްގައި 4 ލަނޑު ޖަހައިގެންނެވެ. މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-0 ނެވެ.
ބާސާގެ ފުރަތަމަ ލަނޑު ދެވަނަ ހާފް ފަށައިގެން 9 ވަނަ މިނިޓްގައި ޖެހީ ލެވަންޑޯސްކީ އެވެ. އެއީ މާކް ކަސާޑޯ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޭގެ މިނިޓެއް ފަހުން ދެވަނަ ގޯލެއްވެސް ޖެހީ 36 އަހަރުގެ ލެވަންޑޯސްކީ އެވެ. ދެވަނަ ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ އަލެހަންދްރޯ ބަލްޑޭ އެވެ. މިއީ މިސީޒަންގެ ލީގުގައި 11 މެޗުން ލެވަންޑޯސްކީ ޖެހި 14 ވަނަ ގޯލެވެ.
ބާސެލޯނާގެ ތިންވަނަ ލަނޑު ޖަހާ, އެލްކްލެސިކޯގެ ތާރީޚުން ޖާގަ ހޯދީ ޔަމާލް އެވެ. 77 ވަނަ މިނިޓްގައި ޔަމާލް ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ އެލްކްލެސިކޯގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. ބާސެލޯނާގެ ފަހު ލަނޑު ޖެހީ މިސީޒަންގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލްގެ ރަފީނިއާ އެވެ. 84 ވަނަ މިނިޓްގައި އޭނާ ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ އިނީގޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
މެޗަށްފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ބާސެލޯނާ
ބޮޑު ބައްޔާއެކު ލަލީގާގައި ރެއާލް އިން ދަމަހައްޓަމުން އައި ބަލިނުވުމުގެ ސިލްސިލާއަށްވެސް 43 މެޗަށްފަހު ނިމުން އައީއެވެ. މެޗަށްފަހު ކޯޗު ކާލޯ އެންޗެލޮޓީ ބުނީ މިހާ ގިނަ ދުވަހަށްފަހު ބަލިވުމަކީ އުނދަގޫ އިހުސާސްވާ ކަމެއް ކަމަށެވެ.
މިއީ އުނދަގޫ ވަގުތެއް, ވަރަށް ޓަފް ވަގުތެއް. ޚާއްޞަކޮށް ބަލިނުވެ ގިނަ މެޗުތަކަކަށްފަހު ބަލިވުމުން.
މިއީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވެ ކުޅުނު ފުރަތަމަ އެލްކްލެސިކޯ އެވެ. މެޗުގެ ފުރަތަމަ ހާފްގައި އޭނާ ޖެހި ލަނޑު އޮފްސައިޑްކަމަށް ވީއޭއާރުން ނިންމިއެވެ. މިމޮޅާއެކު ބާސެލޯނާ އިން ވަނީ ލީގު ތާވަލްގެ އެއްވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ރެއާލް މެޑްރިޑް އޮތީ ދެވަނާގައެވެ.