ވިނީޝިއުސްގެ ހެޓްރިކުން ހިތްހަމަ ޖެހުން, މިލިޓާއޯގެ އަނިޔާއިން މާޔޫސްކަން
ހަފްސީ އަބްދުﷲ - 09 ނޮވެމްބަރު 2024 - 18:23
މެޗުގައި ހެޓްރިކް ހެދި ވިނީޝިއުސް: ފޮޓޯ-ލަލީގާ
ވިނީޝިއުސްގެ ހެޓްރިކުން ރެއާލް މެޑްރޮޑަށް ހިތްހަމަ ޖެހުން ލިބުނު މެޗުގައި ޑިފެންޑަރ މިލިޓާއޯ އަށް އަނިޔާވެ ކޯޗު އެންޗެލޮޓީ އަށް މާޔޫސްކަންވެސް ކުރިމަތިވެއްޖެ އެވެ.
ބެލޮންޑިއޯ ނުލިބުމުގެ މާޔޫސްކަމަށްފަހު ސްޕެނިޝް ލަލީގާގައި އޮސަސޫނާ ކޮޅަށް ހެޓްރިކް ހަދާ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ވަނީ ތަފާތު ދައްކާފައެވެ. މިއީ ބެލޮންޑިއޯއާ ގުޅިގެން ކުރިމަތިވި ނުތަނަވަސްކަމާ ޑްރާމާއަށްފަހު ވިނީޝިއުސްގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުމެވެ. މެޗުގައި ވިނީޝިއުސް ފުރަތަމަ ލަނޑު ޖަހާ ރެެއާލް އަށް ކުރި ހޯދައިދިނީ 34 ވަނަ މިނިޓްގައެވެ. އެއީ ބެލިންގހަމް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އޭގެފަހުން ހާފް ނިމުމުގެ ކުރިން ބެލިންގހަމް ވަނީ ރެއާލްގެ ދެވަނަ ލަނޑު ޖަހާފައެވެ. މިއީ ބެލިންގހަމް ސީޒަންގައި ޖެހި ފުރަތަމަ ގޯލެވެ. ވިނީޝިއުސް ހެޓްރިކް ހެދީ ދެވަނަ ހާފްގައި, މެޗުގެ 60 ވަނަ މިނިޓާއި 69 ވަނަ މިނިޓްގައި ލަނޑު ޖަހައިގެންނެވެ. ވިނީ އޭނާގެ ދެވަނަ ލަނޑު ޖެހީ ކީޕަރު ލުނިން ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ހެޓްރިކް ހަދަން އެހީވީ ބަދަލަކަށް ނިކުއިން ބްރަހިމް ޑިއާޒް އެވެ. މެޗުގައި އެމްބާޕޭގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނުނެވެ.
ވިނީޝިއުސްގެ ހެޓްރިކުން މޮޅުވުމުގެ ހިތްހަމަޖެހުން ރެއާލް އަށް ކުޑަވީ މިލިޓާއޯގެ އަނިޔާގެ ސަބަބުންނެވެ. ރޮމުން ދަނޑުން ފޭބި ޑިފެންޑަރުގެ އަނިޔާ ސީރިއަސްއެވެ. އޮޕަރޭޝަން ކުރަން ޖެހޭކަމަށް ކްލަބުން ވަނީ ބުނެފައެވެ. މިލިޓާއޯގެ އިތުރުން ރޮޑްރީގޯ އާއި ލުކަސް ވަޒުކުއޭޒްވެސް ބަދަލުކުރީ އަނިޔާގެ ސަބަބުންނެވެ.
މޮޅާއެކު ރެއާލް މެޑްރިޑް ތާވަލްގެ ދެވަނައިގަ އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ 6 ޕޮއިންޓް ފަހަތުގައެވެ.