logo

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 03 ނޮވެމްބަރު 2024 - 22:28

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ވަނީ އަރުވާފަ

މޫސާ އަލީ ޖަލީލަށް ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް ވަނީ އަރުވާފަ

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް، މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް އަށް އަރުވައިފި އެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ގައި ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބާގައި މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޖަލީލަށް އެ އިއްޒަތް އެރުވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

އިނާމާއި ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ވެސް ތިއްބެވީ ސްޓޭޖުމަތީގަ އެވެ. އެވަގުތު ކޮޅު އެމަނިކުފާނު ހުންނެވީ ފެންކަޅިވެފަ އެވެ.


މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލް ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 1980 ވަނަ އަހަރެވެ. ލާންސް ކޯޕްރަލް ރޭންކުގައި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި މޫސާ އަލީ ޖަލީލް ވަނީ އަސްކަރިއްޔާގެ އެކި ފަންތީގެ މަގާމުތައް އަދާކުރައްވާފަ އެވެ.

އެގޮތުން އަސްކަރީ ޔުނިޓުތަކުގެ ކޮމާންޑަރެއްގެ މަގާމު ފުރުއްވިއިރު އެމަނިކުފާނު ވަނީ ކޯސްޓް ގާޑްގެ ޑިރެކްޓާ ޖެނެރަލްކަމާއި ދިވެހި އަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް ފުރުއްވާފަ އެވެ.

ދިވެހި އަސްކަރިއްޔާގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ ހައިސިއްޔަތުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްކަން އެމަނިކުފާނު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށެވެ. އެމަނިކުފާނު ވަނީ ރާއްޖެއިން ފާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ވެސް ކުރައްވާފަ އެވެ. ދިގު މުއްދަތަކަށް އަސްކަރިއްޔާއަށް ހިދުމަތް ކުރެއްވުމަށްފަހު އެމަނިކުފާނު ޝަރަފުވެރިކަމާއި އެކު ރިޓަޔާ ކުރެއްވީ 9 ފެބްރުއަރީ 2012 ވަނަ އަހަރެވެ. އޭގެ ފަހުން ޑިފެންސް މިނިސްޓަރުކަން އެމަނިކުފާނު ކުރެއްވި އެވެ.

މާ ގިނަ ވަސީލަތްތަކާއި މާ ގިނަ ބަޔަކު ނެތި، ހާއްސަކޮށް އަސްކަރީ ދާއިރާއިން ތަމްރީނުވެފައިވާ ސިފައިން ވަރަށް މަދު ދުވަސްވަރެއްގައި އަސްކަރީ ގޮތުން މީހުން ތަމްރީނު ކުރުމަށާއި އަސްކަރީ ފިކުރުގެ ތެރޭގައި ސިފައިން ގެންގުޅުމުގައި ވެސް އެމަނިކުފާނު ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފަ އެވެ.


މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް ދިވެހި އަސްކަރިއްޔާއަށް ކުރެއްވި، އަދި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ދިވެހި ގައުމަށާއި އަސްކަރިއްޔާއަށް ކޮށްދެއްވި ގައުމީ ހިދުމަތެވެ. މީގެ 38 އަހަރު ކުރިން ހިނގައިދިޔަ މި ހާދިސާ ކުރިމަތިވިއިރު އެމަނިކުފާނު އޭރު ހުންނެވީ ސިފައިންގޭގެ ދެ ޝިފްޓުގެ ތެރެއިން އެއް ޝިފްޓުގެ ކޮމާންޑަރަކަށެވެ. އެމަނިކުފާނަކީ އޭރު ސިފައިން ގޭގެ އިންވެންޓަރީ ޔުނިޓުކަމަށްވާ ޓާސްކް ފޯސްގެ ކޮމާންޑަރުވެސް މެ އެވެ.

އެދުވަހު ދުޝްމަނުން ސިފައިންގެ މައި މަރުކަޒަށް ހަމަލާދޭން ފެށުމުން ހަތިޔާރާއެކު އެންމެ އަވަހަށް ދުޝްމަނުންނަށް ހަމަލާ ދެއްވަން ފެއްޓެވި ބޭފުޅުންގެ ތެރޭގައި ވެސް އޭރު ލެފްޓިނެންޓު ރޭންކުގައި ހުންނެވި މޫސާ އަލީ ޖަލީލް ހިމެނިވަޑައިގަންނަވަ އެވެ. ސިފައިންގެ މަރުކަޒަށް ދިން ހަމަލާއެއްގައި އެމަނިކުފާނަށް ޒަހަމްތަކެއް ލިބިވަޑައިގެންނެވި ނަމަވެސް އެންމެ ތަންކޮޅެއް ވެސް ހިތްވަރު ދޫނުކުރައްވާ އެމަނިކުފާނު ގެންދެވީ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަކުރައްވަމުން ނެވެ.

އޭރު ސިފައިންގޭގެ ވެރިންނަށް ތިއްބެވި ބޭފުޅުންނަށް އެ ހަނގުރާމަ ކުރިއަށް ގެންދިއުމަށްޓަކައި ލަފާއާއި އިރުޝާދުވެސް އެމަނިކުފާނު ގެންދެވީ ދެއްވަމުން ނެވެ.

https://wamco.com.mv/
tel:+9607331319