ދައުލަތަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި އެތައް އަހަރެއްވީ ޕޭމެންޓުތަކުގެ ފައިސާ ހޯދަމުންދާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 3.7 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ ރާއްޖޭގެ 56 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ވަރަށް ބޮޑަށް މި ސަރުކާރުން ފުޅާކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތައް ވަރުގަދަކޮށްގެން ތަންފީޒީ އިދާރާތަކަށް ލިބުނު ބާރުތަކާ އެކު މިހާތަނަށް ދައުލަތަށް މީގެކުރިން ނުލިބި ހުރި 3.7 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. .
" ގަވާއިދުތަކާއި ގާނޫނުތަކާއި ވަރުގަދަކޮށްގެން އަޅުގަނޑުމެންގެ ތަންފީޒީ ދާއިރާ ވަރުގަދަކޮށްގެން 3.7 ބިލިއަން ރުފިޔާ، ސަރުކާރަށް އެކި ފަރާތްތަކުން ދައްކަން ޖެހިފަ ހުރި، ކުރީ ދުވަސްތަކުގައި ނުހޯދާ، ޒަމާންތަކުގައި އަހަރުތަކުގައި ނުހޯދާ ފަސޭހަކޮށްލާފަ ހުރި ފައިސާ 3.7 ބިލިއަން ރުފިޔާ، ރައްޔިތުންގެ ފައިސާއެއީ، ހޯދާފަ، ވައްދައިފިން ދައުލަތަށް، ރައްޔިތުންގެ އެކައުންޓަށް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ނަގަން ޖެހިފައިވާ ދަރަނި ވެސް މަދުވެއްޖެ އެވެ.
މީގެއިތުރުން، ކުރީ ސަރުކާރުން އެކި އަމިއްލަ ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކަމުންދާ ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން، އެކި ވިޔަފާރިތަކާއި ހަވާލުކޮށްގެން ސަރުކާރުން ކުރުވި މަސައްކަތްތަކަށް ނުދައްކާ ހުރި ފައިސާގެ ތެރެއިން 5 މިލިއަނަށް ވުރެ ކުޑަ ބިލުތަކަށް މިދިޔަ ހަފްތާގައި ފައިސާ ދައްކާފާއިވާ ކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
"އަޅުގަނޑުމެން ވާނީ މިހާރު 5 މިލިއަނުން ދަށުން ދޭން ހުރި ބިލުތައް މިލިއަނާ ހަމަޔަށް ނާރާ ބިލްތަކުން 5 މިލިއަނުން ދަށުގެ ބިލެއް ވިއްޔާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފަ އޮތް ފަސް މިލިއަނުން ދަށުގެ ރައްޔިތުންގެ ހުރިހާ ބިލުތަކަށް ފައިސާ ދީ ނިންމައިފިން. މިދިޔަ ހަފްތާގަ އެކަނި 501 މިލިއަން ރުފިޔާ މިހާރު ވާނީ ޖަމާކޮށްދީފަ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ 51 ހަފްތާއާއި 2 ދުވަހުގެ ތެރޭގައި ޖުމްލަ 6.6 ބިލިއަން ރުފިޔާގެ ބިލުތައް ދައްކާފައިވާނެ ކަމަށެވެ.
"މިއީ އެސްއޯއީތަކަކަށް ނޫނޭ، މިއީ އާއްމު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ލައްވާ ސަރުކާރުން ކުރުވާފަ ހުރި މަސައްކަތްތަކަށް ދިން ފައިސާ" ރައީސް ވިދާޅުވި އެވެ.