
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ދައުލަތުގެ ބާރުތަކަށް ނުފޫޒެއް ނުފޯރުވާނަން، ކުރިއަށްއޮތް ތާނގައިވެސް އެފަދަ ކަމެއް ނުކުރާނަން: ރައީސް

އައިޝަތު އިނާޝާ - 29 އޮކްޓޯބަރު 2024 - 18:11
ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ނުފޯރުއްވާނެ ކަމަށާއި ކުރިޔަށް އޮތް ތާނގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެ މަނިކުފާނު މިއަދާ ހަމައަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށާއި އެއީ މުސްތަގުބަލުގައި ވެސް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން އަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތް ކުރަމުން ދޭތޯ ކަށަވަރު ކުރެއްވުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް، ގާނޫނާއި ގަވައިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާހެއް ގެންނަވަން ސަރުކާރުން ހުށަހަޅަމުން ގެންދާވާނެ ކަމަށެވެ.
ރައީސް މިފަދަ ޕޯސްޓެއް މި ކުރެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައި ވަނިކޮށެވެ.
ސަރުކާރުގެފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގައި ތިއްބަވާ މެމްބަރުންގެ ތެރެއިން ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަންވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަންތައް ދިރާސާކޮށް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރަށް އެ ދެ މަގާމަށް އައްޔަންކުރާ ބޭފުޅުން އިސްތިއުފާ ދެއްވަން ބޭނުންވާނަމަ އެކަން އަންގައި ސިޓީ ހުށަހަޅަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހާލިދާގެ ޖަނާޒާގައި ވަޒީރު ހައިދަރު ބައިވެރިވެ ވަޑައިގަންނަވާނެ: ދިވެހި ސަރުކާރު
8 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަހާ ގުޅިގެން ނައިބް ރައީސްގެ ހާއްސާ އިންޓަވިއުއެއް
2 ދުވަސް ކުރިން

399 ފަރާތަކާއި ފްލެޓްގެ ތަޅުދަނޑި ވަނީ ހަވާލްކުރެވިފައި: ވަޒީރު މުއްތަލިބު
3 ދުވަސް ކުރިން

ދިވެހިންގެ ގައުމީ ހަޔާތުން ފެންނަން އޮތް އެންމެ ރީތި ސިފައަކީ އެއްބައިވަންތަކަން: ރައީސް
5 ދުވަސް ކުރިން


