logo

އަމިއްލަ ބޭނުމަށް ދުންފަތް އެތެރެކުރުމުގެ އުސޫލަށް ބަދަލު ގެނެސްފި

profile

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:25

ރާއްޖެއަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް، އިތުރު ޑިކްލަރޭޝަނެއް ހުށަހެޅުމަކާ ނުލައި އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަމާބެހޭ އުސޫލުތައް އިސްލާހުކޮށް އަމަލުކުރަން ފަށައިފިއެވެ.

https://wamco.com.mv/

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ދަތުރުވެރިންނާއި އަމިއްލަ ފަރާތްތަކުން ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމުގެ ގަވާއިދު" އަށް ގެނައި ފުރަތަމަ އިސްލާހުގައިވާ ގޮތުން، އުމުރުން 21 އަހަރުން މަތީގެ ކޮންމެ ދަތުރުވެރިއަކަށް ވެސް، ގުޑްސް ޑިކްލަރޭޝަނަކާ ނުލައި 200 ސިނގިރޭޓު، 20 ސުއްޓާ، އަދި އެއްވެސް ބަދަލެއް ނުގެނެސް ހުންނަ ހިއްކި ދުންފަތުގެ 100 ގްރާމް އެތެރެކުރުމުގެ ހުއްދަ ލިބިގެންވެއެވެ. މީގެ އިތުރުން ހީޓަޑް ޓޮބެކޯ ހިމެނޭހެން، ސިނގިރޭޓާއި ސުއްޓާ ފިޔަވައި އެހެނިހެން ދުންފަތުގެ ބާވަތްތައް ބަލާނީ ގްރާމުން ކިރައިގެން ކަމަށް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.

އަމިއްލަ ބޭނުމަށް ދުންފަތް އޮޅައިގެން ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ވަކި މިންވަރަކަށް އާލާތްތައް ވެސް ޑިކްލަރޭޝަނަކާ ނުލައި އެތެރެކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އޮޅޭ އަތްމަތީ ކުޑަ އެއް މެޝިނާއި، ދުންފަތް އޮޅަން ބޭނުންކުރާ 50 ކަރުދާސް، 50 ފިލްޓަރު އަދި 50 ހުސް ޓިއުބު ނުވަތަ ޕައިޕް އެތެރެކުރެވޭނެއެވެ. އަދި ފިލްޓަރާއެކު ނުވަތަ ފިލްޓަރާ ނުލައި ހުންނަ ހުސް ޓިއުބާއި ޕައިޕް ގެންނަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލު ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ލުއިތަކެއް ހަމަޖައްސައިދީފައި ވީނަމަވެސް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކަށް މި ތަކެތި ދޫނުކުރުމަށް ގަވާއިދުގައި ވަނީ ލާޒިމުކޮށްފައެވެ.

ކަސްޓަމްސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އީ-ސިނގިރޭޓާއި، އީ-ލިކުއިޑްގެ އިތުރުން ޝީޝާއާއި ފްލޭވާރޑް ސިނގިރޭޓު ފަދަ ތަކެއްޗަށް އެއްވެސް ޑިއުޓީ އިނާޔަތެއް ނުލިބޭނެއެވެ.

https://wamco.com.mv/
tel:+9607331319