logo

ތިލަފުށީގެ ކުނި ކުނބުރުދޫއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށް އެމްޑީޕީ އިން އެދިއްޖެ

profile

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 17:44

ތިލަފުށީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ބަދަލުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނިންމާފައިވާ ނިންމުން ބާތިލުކޮށްދިނުމަށް އެދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ޔުޓިލިޓީ ރެގިއުލެޓަރީ އޮތޯރިޓީ (ޔޫ.އާރް.އޭ) އަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ.

https://wamco.com.mv/

ޔޫ.އާރް.އޭއަކީ ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް ރެގިއުލޭޓް ކުރުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ ގައުމީ އިދާރާއަށް ވީހިނދު، މި ނުރައްކާތެރި ނިންމުމާ ގުޅިގެން އެ އިދާރާއިން މިހާތަނަށް އަމަލުކޮށްފައިވާ ގޮތް އޮޅުންފިލުވުމަށްވެސް އެމްޑީޕީގެ ސިޓީގައި ވަނީ އެދިފައެވެ.

އެމްޑީޕީން ފާހަގަކުރި ގޮތުގައި، ހދ. ކުނބުރުދޫއަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަންޒު ކަހަނބު އާލާވާ، ތިމާވެށީގެ ގޮތުން ނާޒުކު ވެއްޓެއް އޮތް ރަށެކެވެ.

ކުނބުރުދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް މިހާތަނަށް ނިމިފައިނުވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.

ވަކިން ޚާއްސަކޮށް، އަލިފާނުގެ ހާދިސާއެއްގައި އަންދާފައިވާ ކުނިފަދަ ނުރައްކާތެރި ކުނި ނައްތާލެވޭނެ އެއްވެސް ނިޒާމެއް އެ ރަށުގައި ގާއިމުވެފައެއް ނެތެވެ.

މިފަދަ ނުރައްކާތެރި ކުނި އެ ރަށަށް އުކާލުމުން، ރަށުގެ ފެން ފަށަލައަށާއި، ކުނބުރުދޫގެ ތިމާވެށީގެ ނިޒާމަށާއި، އަދި އެ ސަރަހައްދުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތިމާވެއްޓަށް ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް ލިބުމުގެ ބިރު އޮތްކަން އެމްޑީޕީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެމްޑީޕީން އިތުރަށް ތުހުމަތުކުރާ ގޮތުގައި، ވެމްކޯއިން ތިލަފުށީގައި އެނދި ކުނި ކުނބުރުދޫއަށް ގެންދިއުމަށް ނިންމި ނިންމުމަކީ ސިއްރިއްޔާތުގައި ނިންމާފައިވާ، އަދި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖްރާޢާތްތައް ފުރިހަމަ ނުކޮށް ނިންމާފައިވާ ޣައިރުޤާނޫނީ ނިންމުމެކެވެ. އެހެންކަމުން، މި ނިންމުން ވަގުތުން ހުއްޓުވައިދިނުމަށް އެ ޕާޓީން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

https://wamco.com.mv/
tel:+9607331319