logo

އއ. އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

profile

މުޙައްމަދު ފަޟްލޫން - 05 އޯގަސްޓު 2026 - 15:45

ސަރުކާރުން ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އއ އުކުޅަހުގައި މިއަދު ބޭއްވި ގަސް އިންދުމުގެ ހާއްސަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

https://wamco.com.mv/

މިއަދު ހަވީރު ކުރިއަށްދިޔަ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ހިތިގަސް އިންދަވައިދެއްވާފައެވެ. މި އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެން ގަސް އިންދަވާފައިވެއެވެ. އުކުޅަހުގައި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން ޖުމްލަ 19 ގަސް އިންދާފައިވާއިރު، އޭގެ ތެރޭގައި ރުކާއި، ކިނބިގަހާއި، މަދީނާގަހުގެ އިތުރުން މޫނިމާގަސް ހިމެނެއެވެ.

5 މިލިއަން ގަސް އިންދުމުގެ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ތިމާވެށީގެ މުހިންމު މަސައްކަތެކެވެ. 2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިފުތިތާޙުކޮށްދެއްވި މި ޕްރޮގްރާމުގެ ދަށުން، މިހާތަނަށް މުޅި ރާއްޖޭގައި އެކި ބާވަތްތަކުގެ 1,830,599 ގަސް ވަނީ އިންދާފައެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށް ސަރުކާރުން އިސްކަންދެއްވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ލާބަޔާއި މަންފާއަށްޓަކައި ކުރިއަށްގެންދެވޭ ގައުމީ ފެންވަރުގެ މުހިންމު ދަތުރެކެވެ.

https://wamco.com.mv/
tel:+9607331319