
“ ޤައުމީ ޤައުމަށް އިޖާބަދޭ ކެރިގެން ޖާނާ ފުރާނަދޭ”
“ޤައުމީ ޤައުމަށް އިޖާބަދޭ ކެރިގެން ޖާނާ ފުރާނަދޭ”

ޢާއިޝަތު ޢަލީ - 22 އޮކްޓޯބަރު 2026 - 04:55
ދިވެހި ތާރީޚުގައި ލިޔެވިފައިވާ މި މަތިވެރި ޢިބާރާތަކީ ކާބަފައިންގެ ހިތްވަރާއި، ޤައުމީ ލޯތްބާއި، ވަޠަނަށްޓަކައި ލޭއޮހޮރުވަން ކެރުނު ފަޚުރުވެރި މާޒީގެ ހަނދާނެކެވެ. ނަމަވެސް، މިއަދު މި ޝިޢާރު އިވުމުން އާންމު ރައްޔިތު މީހާގެ ޟަމީރަށް ކުރަނީ ފުން އަސަރެކެވެ؛ ހިތުގައި އުފެދެނީ ފަޚުރުވެރިކަމުގެ ބަދަލުގައި މާޔޫސްކަމާއި ނުތަނަވަސްކަމެވެ. ސަބަބަކީ، ޤައުމަށްޓަކައި "ޖާނާއި ފުރާނައިން" ޤުރުބާންވާންވީ ހަމައެކަނި އާދައިގެ ނިކަމެތި ރައްޔިތުމީހާ ކަމަށް ހަދައި، ވެރިކަމުގެ ޢިއްޒަތާއި ލައްޒަތުގައި ތިބި ފަރާތްތަކުން އެ ޤުރުބާނީގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގެ އިޙްސާސް މިއަދު ޢާންމުވެފައި ވުމެވެ.
ޝިޢާރާއި ޙަޤީޤަތުގެ ފުށުއެރުން: ޤުރުބާނީގެ ނިވަލުގައި އޮތް ބޭއިންޞާފު
ސަރުކާރުގެ ޕޯޑިއަމްތަކުންނާއި ރަސްމީ ޖަލްސާތަކުން ދައްކަނީ "ޤައުމީ ލޯބީގެ" ވާހަކައެވެ. އިޤްތިޞާދީ ގޮތުން ޤައުމު އަޑިއަޅާލާފައިވާ މި ދަނޑިވަޅުގައި، ދަތިތަކަށް ކެތްކުރުމަށާއި ޤައުމީ މަސްލަހަތު އިސްކުރުމަށް ރައްޔިތުންނަށް ދަނީ ނަޞޭޙަތްތެރިވަމުންނެވެ. ނަމަވެސް، މިއީ ހަޤީޤަތުގައި ރައްޔިތުންނަށް އޮޅުވާލެވޭ އޮޅުވާލުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޤައުމަށް އިޖާބަދީ، ޖާނުން ޤުރުބާންވާންވީ ހަމައެކަނި ދެއިރު ދެދަޅައަށް މަސައްކަތްކުރާ މަސައްކަތްތެރިޔާ ހެއްޔެވެ؟
ޙަޤީޤަތަކީ، ރައްޔިތުންގެ ކިބައިން ޤުރުބާންވުމަށް އެދޭއިރު، ދައުލަތުގެ ވެރިންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ދިރިއުޅުމުން އެއްވެސް ކަހަލަ ދަތިކަމެއް ނުފެނެއެވެ. ސިޔާސީ މަޤާމުތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ، ބޮޑެތި މުސާރަތަކާއި އިނާޔަތްތައް ބަހަމުންދާއިރު، ދައުލަތުގެ ބަޖެޓުން ކުރެވޭ އިސްރާފުތަކަށް އެއްވެސް ހުއްޓުމެއް ނާދެއެވެ. ރައްޔިތުމީހާގެ ޖީބުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާއިން ވެރިން ދުއްވާ އަގުބޮޑު ކާރުކޮޅުތަކާއި، ބޭރު ދަތުރުތައް ފަހިކުރަމުންދާއިރު، ރައްޔިތުންގެ ޤުރުބާނީ މިވަނީ ސިޔާސީ ބޭފުޅުންގެ އަރާމަށްޓަކައި ވެވޭ ކަތިލުމަކަށް ބަދަލުވެފައެވެ.
ޤައުމުގެ މިހާރުގެ ޙާލަތު: އިޤްތިޞާދީ އަދި އިޖުތިމާޢީ ބޮޑު ތަކުލީފު
މިއަދު ދިވެހި ޤައުމުގެ ޙާލަތު އޮތީ ބިރުވެރި ފައްތަރެއްގައެވެ. ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ތަކެތީގެ އަގު ވަނީ އަތްނުފޯރާ ފަށަށް އަރައިގެން ގޮސްފައެވެ. ކާޑުގެ ބާވަތްތަކާއި، ކަރަންޓާއި ފެނުގެ ބިލުތައް ދެއްކުމަށްފަހު، ކުއްޔަށް އުޅޭ ރައްޔިތު މީހާގެ އަތުގައި ބޭސްފަރުވާއަށް ކުރާނެ ޚަރަދެއް ނޯވެއެވެ. ސަރުކާރުން އިޤްތިޞާދު އިޞްލާޙު ކުރުމުގެ ނަމުގައި އަޅާ ކޮންމެ ފިޔަވަޅަކުން ބުރަ ބޮޑުވަނީ އާދައިގެ ރައްޔިތުމީހާގެ ކޮނޑަށެވެ. އަސާސީ ބޭނުންތައް ނުފުދި، ޢާއިލާތައް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާއިރު، ވެރިންގެ ފަރާތުން ފެންނަނީ އިހުސާސްތެރިކަމެއް ނެތް ޢަމަލުތަކެވެ.
ވަޒީފާގެ ބާޒާރުގައި އޮތީ ބިރުވެރިކަމާއި ނުތަނަވަސްކަމެވެ. ހަމައެކަނި ސިޔާސީ ވިސްނުމަކާ ހެދި، ކުށެއްނެތް އެތައް ރައްޔިތުންނެއް ވަޒީފާއިން ވަކިކުރަމުންދާއިރު، ޤާބިލު އެތައް ޒުވާނުންނެއް ބާކީކޮށް، ގާތްތިމާގެ މީހުންނަށާއި ސިޔާސީ އެކްޓިވިސްޓުންނަށް މަޤާމުތައް ބެހުން ވަނީ ޢާންމު ވެފައެވެ. މިއީ މިއަދު ދައުލަތް ހިންގުމުގައި އަށަގަނެފައިވާ އެންމެ ހުތުރު ކޮރަޕްޝަނެވެ.
ހަމައެއާއެކު، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ވަނީ އިންތިހާއަށް ދަށްވެފައެވެ. ސިއްޙީ ނިޒާމު ބޮއްސުންލައި، ކޮންމެ ބޮޑު ބައްޔަކަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ޙާލަތަށް ކަންކަން ގޮސްފައިވާއިރު، އާސަންދައިގެ ޚިދުމަތް ލިބުންވެސް މިވަނީ ސިޔާސީ ނުފޫޒާ ގުޅިފައެވެ. ސްކޫލްތަކުގެ ފެންވަރު ދަށްވެ، ތަޢުލީމީ ދާއިރާގެ އިތުބާރު ގެއްލިފައިވާއިރު، މި ހުރިހާ ކަމެއްގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމާމެދު ރައްޔިތުން ކުރާ އެންމެހައި އިތުބާރެއް ވަނީ ފުނޑުފުނޑުވެފައެވެ.
ޒުވާނުންގެ މާޔޫސްކަމާއި އަޑުއުފުލުންތައް ހަނިކުރުން
ޤައުމުގެ ކުރިމަގު ކަމުގައިވާ ޒުވާނުން މިއަދު ތިބީ ފުން މާޔޫސްކަމެއްގައެވެ. ކިޔަވައިގެން ނިކުންނަ ޒުވާނާއަށް އަމިއްލަ ޤައުމުން ޙައްޤުވާ މިންވަރު ނުލިބުމާއި، ގެދޮރުވެރިކަމެއް ލިބޭނެ މަގެއް ނެތުމުގެ ސަބަބުން، ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރުމުގެ ވިސްނުން ވަނީ ޢާންމުވެފައެވެ. "ޤައުމަށް އިޖާބަދޭން" ތިބި އެންމެ ހަކަތަގަދަ ބާރު، ޤައުމުގައި މަޑުކުރަން ބޭނުންނުވާ މިންވަރަށް ކަންކަން ގޮސްވެފައިވުމަކީ ވެރިކަމުގެ ނިޒާމު ފެއިލްވެފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެކެވެ.
މި ހުރިހާ ބޭއިންޞާފަކާއި ދެކޮޅަށް ރައްޔިތުން އަޑުއުފުލައި، ޙައްޤު ހޯދަން މަސައްކަތްކުރާ ކޮންމެ ދަނޑިވަޅެއްގައި ސަރުކާރުން ބޭނުންކުރަނީ ބިރުދެއްކުމުގެ އުކުޅުތަކެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ނޫސްވެރިންނަށާއި ސޯޝަލް މީޑިއާގައި އަޑުއުފުލާ ފަރާތްތަކަށް ފިޔަވަޅު އަޅައި، އަނގަބަންދުކުރުމަށް ކުރާ މަސައްކަތްތަކަކީ ޑިމޮކްރެސީގެ އަސާސްތަކާ މުޅިން ޚިލާފު ކަންކަމެވެ. ބަސްބުނުމުގެ މިނިވަންކަން ހަނިކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދިނުމަކީ ޙަޤީޤަތުގައި ރައްޔިތުންގެ ހިތްތަކުގައި ވެރިންނާމެދު އޮތް ނުރުހުމާއި ރުޅިވެރިކަން އަނދައަނދާ ހުރި އަލިފާންގަނޑަކަށް ބަދަލުކޮށްލާ ސަބަބެކެވެ.
ފައިސާ ޗާޕުކުރުމާއި ދަރަނީގެ ދަންތުރަ
ޤައުމުގެ މާލީ ޙާލަތު އޮތީ ތާރީޚުގައި ދުވަހަކުވެސް ނުދެކޭފަދަ ނުރައްކާތެރި ފައްތަރެއްގައެވެ. ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، އެތެރެއާއި ބޭރުން ބޮޑެތި ޢަދަދުތަކުން ނަގަމުންދާ ދަރަނިތަކުގެ ސަބަބުން މުޅި ޤައުމު ވަނީ ދަރަނީގެ ދަންތުރައެއްގައި ތާށިވެފައެވެ. ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް އިންޒާރު ދެމުންދާއިރުވެސް، ސަރުކާރުން އިސްކަންދެނީ ސިޔާސީ ޕްރޮޖެކްޓްތަކަށާއި، ކޮންޓްރެކްޓްތައް ބަހައިގެން ވަކި ބަޔަކު މުއްސަނދިކުރުމަށެވެ. ފައިސާގެ އަގު ވެއްޓި، ޑޮލަރުގެ އަގު ކަޅުބާޒާރުގައި އިންތިހާއަށް އުފުލިގެން ދިޔުމުގެ ހިތި ނަތީޖާ ތަޙައްމަލުކުރަން ޖެހިފައިވަނީ އާންމު ވިޔަފާރިވެރިޔާއާއި ރައްޔިތު މީހާއެވެ.
އިޖުތިމާޢީ ފޭރާން ވީދި، ޢަދުލުއިންޞާފު ގެއްލުން
ސަރުކާރުގެ ނާޤާބިލު ސިޔާސަތުތަކުގެ ސަބަބުން މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން މިވަނީ ބޮއްސުންލައިގެން ގޮސްފައެވެ. ވައްކަމާއި ޑްރަގްގެ ވަބާ ކޮންޓްރޯލުން ނެއްޓި، ގޭންގުތަކުގެ ނުފޫޒު ސިޔާސީ މައިދާނަށް ވަދެފައިވާއިރު، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތައް ވަނީ ސިޔާސީ ކުޅިބަޔަކަށް ވެފައެވެ. ވަކި ފަންތިއެއްގެ މީހަކު ކުރާ ކުށް ފޮރުވައި، ނިކަމެތި މީހާ ކުށްވެރިކުރާ ނިޒާމެއްގެ ތެރޭގައި ޢަދުލުއިންޞާފުގެ އެއްވެސް ކަންފުޅެއް ނެތެވެ.
މިއަދު ދިވެހި ޤައުމު އޮތީ ބަދަލަކަށް ކަރުހިއްކައިގެންފައެވެ. ވެރިންގެ ޣާފިލުކަމާއި، ބޮޑާކަމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމަކީ ކުޑަ ވަގުތުކޮޅަކަށް ހިފެހެއްޓިދާނެ އެއްޗެއް ނަމަވެސް، ޙައްޤަށްޓަކައި އަޑުއުފުލާ ރައްޔިތުންގެ ޖަޒުބާތު ދުވަހެއް ދުވަހަކަށް ދާނީ ވަރުގަދަވަމުންނެވެ. ޤައުމަށް ޖާނާއި ފުރާނަ ދޭން ތައްޔާރަށް ތިބި ރައްޔިތުން، ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަމަށްޓަކައި އަނިޔާވެރިކަމާ ދެކޮޅަށް އިޖާބަދޭން ފަސްނުޖެހޭނެ ވަގުތު މިހާރު މިވަނީ އައިސް ޖެހިފައެވެ.
ދަޢުލަތުގެ ބާރުތައް މަސްހުނިވުމާއި ޑިމޮކްރެސީގެ މަރުފަލަކަ
ދިވެހިރާއްޖޭގެ ޖުމްހޫރީ ޤާނޫނުއަސާސީ ބިނާވެގެންވަނީ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހަދާ މަޖިލީހާއި، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ވަކިކުރެވިފައިވާ ޑިމޮކްރެޓިކް ހަމަތަކުގެ މައްޗަށެވެ. ނަމަވެސް މިއަދު ފެންނަނީ މި ހުރިހާ ބާރުތަކެއް އެއް މުށުތެރެއަށް ލައި، މުއައްސަސާތަކުގެ މިނިވަންކަން ކަތިލަމުންދާ ހިތި މަންޒަރެވެ.
މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ސަރުކާރުން ބޭނުންވާހައި ގޮތަކަށް ޤާނޫނުތައް ބައްޓަންކުރާ "ރަބަރު ތައްގަނޑަކަށް" އެ މުއައްސަސާ ވަނީ ވެފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ސިޔާސީ ނުފޫޒު ފޯރުވައި، ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރަން ތިބި ފަރާތްތައް ސަރުކާރުގެ ހިޔާވަހިކަމުގެ ދަށަށް ގެންގޮސްފައިވުމަކީ ދަޢުލަތުގެ ބިންގާ ގުޑުވާލާފައިވާ ކަމެކެވެ.
ނިންމުން: ކެތްތެރިކަމުގެ އިމާއި އިންޒާރު
"ޤައުމީ ޤައުމަށް އިޖާބަދޭ ކެރިގެން ޖާނާ ފުރާނަދޭ" މި ޝިޢާރަކީ ރައްޔިތުން އަޅުވެތިކޮށް، ނިކަމެތިކޮށް ބޭތިއްބުމަށް ބޭނުންކުރެވޭ އައްޑަނައަކަށް ހަދައިގެން ނުވާނެއެވެ. ޤައުމަށްޓަކައި ރައްޔިތުން ދޭންޖެހޭ ޤުރުބާނީ ދީފިއެވެ. ދެން އޮތީ ވެރިން ޤައުމަށްޓަކައި އިޚްލާޞްތެރިވުމެވެ.
އިންޞާފާއި، ހަމަހަމަކަމާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްނުދެވޭނަމަ، އަދި ކޮރަޕްޝަނާއި އިސްރާފު ހުއްޓުވައި ރައްޔިތުންގެ ދިރިއުޅުން އާރާސްތުކޮށް ނުދެވޭނަމަ، މި ޝިޢާރުގެ މާނަ މުޅިން ބަދަލުވެގެން ހިނގައިދާނެއެވެ. ރައްޔިތުންގެ ކެތްތެރިކަމުގެ އިމަކީ ކޮޅެއްނެތް އެއްޗެއް ނޫނެވެ. ދޮގާއި، މަކަރާއި، އޮޅުވާލުމުގެ މައްޗަށް ބިނާވެފައިވާ ވެރިކަމެއްގެ ކުރިމަތީގައި ރައްޔިތުން އަބަދު ހިމޭނުން ނުތިބޭނެއެވެ. އެ ހިމޭންކަން ފޫއަޅުވާލައި، ޙައްޤު ހޯދުމަށް ނިކުންނަ ދުވަހަކުން، މިއަދު ފެންނަ ބާރާއި ނުފޫޒަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫންކަން ވެރިންނަށް ސާފުވާނެއެވެ. ޤައުމަށް އިޖާބަދިނުމަކީ ހަމައެކަނި ވެރިންގެ އަމުރުތަކަށް ބޯލެނބުމެއް ނޫނެވެ؛ ޤައުމަށް އިޖާބަދިނުމަކީ ޤައުމު ޚަރާބުގެ މަގަށް ދިޔަނުދީ، ބޭއިންޞާފާއި އަނިޔާވެރިކަމާ ދެކޮޅަށް ކެރިގެން ތެދުވުމެވެ. ރައްޔިތުންގެ ލެޔާއި ދަލުން އުފައްދާ މުއްސަނދިކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ޤައުމު އަނދަވަޅަކަށް ވައްޓާލަން ދޫކޮށެއް ނުބޭތިއްބޭނެއެވެ. ޤައުމަށް ޖާނާއި ފުރާނަ ދޭން ތައްޔާރަށް ތިބި ދިވެހި ދަރިންގެ ޢަޒުމަކަށް ވާންވީ، ބޭއިންޞާފުގެ ކުރިމަތީގައި ކަކޫނުޖަހައި، ޤައުމުގެ ޙައްޤުގައި، އިސްލާމީ މަތިވެރި އުޞޫލުތަކާ އެއްގޮތަށް، އަމާން އަދި އިންޞާފުވެރި ވެރިކަމެއް ޤާއިމުކުރުމަށްޓަކައި އެއްބައިވަންތަކަމާއެކު ސާބިތުވެ ތިބުމެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒް
12 ގަޑިއިރު ކުރިން

ޣައްޒާގެ ކުޑަކުދިން ބަނޑުހައިހޫނުކަމެއްގެ ތެރޭގައި: ހާލަތު އިންތިހާއަށް ގޯސްވެއްޖެ
17 ގަޑިއިރު ކުރިން

ވެރިކަމުގެ ބާރަކީ ރައްޔިތުން!
ދުވަހެއް ކުރިން

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް!
2 ދުވަސް ކުރިން


