
ވެރިކަމުގެ ބާރަކީ ރައްޔިތުން!
ވެރިކަމުގެ ބާރަކީ ރައްޔިތުން!

ރިޟްވާން މޫސާ - 21 އޮކްޓޯބަރު 2026 - 04:43
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ކަޅާއި ހުދުން ލިޔެވިފައި އޮންނަނީ ވަރަށް ސާފު، ފުން އިބާރާތެކެވެ. "ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައެވެ."
ނަމަވެސް، މިއަދު އަޅުގަނޑުމެން އަމިއްލަ ނަފުސާ ކޮށްލަންޖެހޭ ސުވާލަކީ، މި ބާރުގެ ޙަޤީޤީ ވެރިންނަކީ ކޮބައިހެއްޔެވެ؟ ވޯޓު ފޮށްޓާ ހަމައަށްދާ ދުވަހު "ރަސްކަލުން" ގެ ދަރަޖަ ދެވޭ އާންމު ރައްޔިތު މީހާ، ވޯޓުލައި ނިމުމާއެކު ހަމަ އެ ސިކުންތުގައި މަގުމަތިވެ، ބާރުވެރިކަން ގެއްލިގެން ދަނީ ކީއްވެގެން ހެއްޔެވެ؟ މިއަދު ފެންނަ މަންޒަރަކީ ރައްޔިތުންގެ ބާރު ފޭރިގަނެ، އެ ރައްޔިތުން މުޅިން ހަފުސްވެ، ނިކަމެތިވެފައިވާ ހިތްދަތި މަންޒަރެވެ.
އިޤްތިސާދީ އަނދަވަޅާއި ދިރިއުޅުމުގެ ހަފުސްކަން
މަގުމައްޗަށް ނިކުމެ އާންމު މީހާއާ ވާހަކަދައްކާލުމުން އިވެނީ އެއް އަޑެކެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ. ޖީބަށް ވަންނަ އެއްޗަކާއި ދާ އެއްޗެއް ދިމައެއް ނުވެއެވެ. ކަރަންޓު ބިލާއި، ފެން ބިލާއި، ކުލި ދައްކައި ނިމޭއިރު، އަނބިދަރިންގެ އަނގައަށް ލާނެ އެއްޗެއް ގަންނާނެ ލާރިއެއް އަތަކު ނޯވެއެވެ. އިޤްތިސާދު ރަނގަޅުވަނީއޭ، ރައްޔިތުން ތިބީ ތަނަވަސްކަމުގައޭ ކިޔައި ވެރިން ޕޯޑިއަމްތަކުގައި ގޮވާ އަޑު އިވުނަސް، ބަދިގެތަކުގެ ހާލަތު ބުނެދެނީ މުޅިން އެހެން ވާހަކައެކެވެ. ދިރިއުޅުމުގެ ފެންވަރު ދަށަށް ގޮސް، ރައްޔިތު މީހާ މިވަނީ ދަރަނީގެ މަޅީގައި ތާށިވެފައެވެ.
އަސާސީ ޚިދުމަތްތައް: ސަލާންޖެހުމުގެ ސަގާފަތެއް!
ސިއްހީ ޚިދުމަތް ހޯދަން ދާންޖެހެނީ އާދޭސްކުރަމުންނެވެ. އާސަންދަ ކާޑު އަތުގައި އޮތަސް، ބޭސްފަރުވާއަށް ސަލާންޖަހަން ނުޖެހޭ ދުވަހެއް ނުދެއެވެ. ރަށްރަށުގެ ހޮސްޕިޓަލްތަކާއި ފާމަސީ ތަކުން ބައެއްބޭސްތަށް ލިބެން ނެތްއިރު، މާލެ އައިސް ޑޮކްޓަރަށް ދައްކަން މަސްތަކެއް ވަންދެން ކިއުގައި ތިބެންޖެހެއެވެ. ފެނާއި ނަރުދަމާގެ ވާހަކަ ދައްކަނީ އިންތިޚާބު ކައިރިވުމުންނެވެ. ތަޢުލީމީ ނިޒާމު އޮތީ ބޮއްސުންލާފައެވެ. ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތައް ވެފައި މިވަނީ، ސިޔާސީ ވެރިންގެ ފައިބުޑަށް ވެއްޓިގެން ނޫނީ ނުލިބޭ "ދަރުމައަކަށެވެ."
އެއް އަނގައިން ކޮރަޕްޝަނާ ދެކޮޅަށް، އަނެއް އަތުން ޖީބަށް!
ވެރިކަމަށް އަންނަން ދައްކާ ވާހަކައާއި، ގޮނޑީގައި އިށީނދެ ކުރާ ކަންތައް ދުވަހަކުވެސް ދިމައެއް ނުވެއެވެ. ވާހަކަދައްކާއިރު އަނގައިން ފޮނުވާލަނީ ކޮރަޕްޝަނާ ދެކޮޅު ވަރުގަދަ މެސެޖުތަކެވެ. އެކަމަކު އަމަލުން ފެންނަނީ އަނެއް އަތުން ދައުލަތުގެ ޚަޒާނާ ދަވާލާ މަންޒަރެވެ. ވަޒީފާތައް ބަހަނީ އަނބިކަމަނާ ބުނާހާ ބަޔަކަށާއި ސިޔާސީ އެކުވެރިންނަށެވެ. ބޮޑެތި ޕްރޮޖެކްޓްތައް ދެނީ ކަޓު ދޭ މީހުންނަށެވެ. ކޮރަޕްޝަން ހުއްޓުވަން ހަދާފައި ހުންނަ މުއައްސަސާތައް ތިބެނީ ސިޔާސީ ނުފޫޒުގެ ދަށުވެ، އަނގަ ބަންދުވެފައެވެ. މިއީ މިއަދު ރައްޔިތުން އެންމެ ބޮޑަށް ލޭ ކެކޭ، އަދި ރުޅިގަދަވާ އެއް ސަބަބެވެ.
އިންސާފު ގެއްލި، ޚިޔާލުފާޅުކުރުމަށް ހުރަސްއެޅުން
ޢަދުލު އިންސާފަކީ ހަމައެކަނި ފައިސާވެރިންނާއި ބާރުގަދަ މީހުންނަށް އޮތް އެއްޗަކަށް ވެއްޖެއެވެ. ނިކަމެތި މީހާ ކުޑަކުޑަ ކަމެއް ކޮށްފިނަމަ ވަގުތުން ޖަލުގެ ތޭރިތަކުގެ ފަހަތަށެވެ. އެކަމަކު ބޮޑެތި ޚިޔާނާތްތެރިން ތިބެނީ ސެކިއުރިޓީން ގޮވައިގެން، ވީއައިޕީ ޕްރޮޓޮކޯލްގައެވެ. މިއީތޯ އިންސާފަކީ؟
މި ހުރިހާ ބޭއިންސާފަކާ ދެކޮޅަށް ރައްޔިތު މީހާ އަޑުއުފުލައިފިނަމަ، ދެން ފެންނަނީ ބިރުދެއްކުމެވެ. ސޯޝަލް މީޑިއާގައި ޕޯސްޓެއް ލިޔެލާއިރަށް ވަޒީފާއިން ވަކިކޮށްލައެވެ. މަގުމައްޗަށް ނިކުމެ ޝުއޫރު ފާޅުކޮށްފިނަމަ ފުލުހުން ފޮނުވައިގެން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް އަނގަ ބަންދުކުރުވައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ހަމައެކަނި ޤާނޫނުއަސާސީގެ ފޮތުގައި އޮތް ޒީނަތްތެރި ލަފުޒަކަށް ވެ ނިމިއްޖެއެވެ.
ހޮޅި ވާހަކައާއި ވިއްކާ ހުވަފެންތައް
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ވެފައިވާ ވަޢުދުތަކުގެ ދިގު ލިސްޓަށް ބަލާލުމުން ހިނިއަންނަ ވަރު ވެއެވެ. ފްލެޓް އަޅައިދޭނެއެވެ. ކަރަންޓު އަގުހެޔޮ ކުރާނެއެވެ. ޒުވާނުންނަށް ވަޒީފާ ދޭނެއެވެ. އެކަމަކު ފަސް އަހަރު ނިމިގެންދާއިރު ފެންނަނީ ހުސް "ހޮޅި" ވާހަކައެވެ. ރައްޔިތުން މޮޔަހައްދައި، ކަންފަތްދޮށުގައި ފުމެލި ކުލަގަދަ ހުވަފެންތައް ވިރިގެން ދަނީއެވެ. ދެން އަނެއްކާވެސް އަންނާނީ އައު ދޮގުތަކަކާއިގެން، އައު އިންތިޚާބަކަށެވެ.
ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލުން: މަޑުމައިތިރިކަމަކީ ބަލިކަށިކަމެއް ނޫން!
މިއަދު މުޅި މުޖުތަމަޢުން ފެންނަނީ މާޔޫސްކަމާއި ނާއުންމީދުގެ އަނދިރި ވިލާގަނޑެކެވެ. ޒުވާނުން ތިބީ މުސްތަޤުބަލެއް ނެތި، ޤައުމު ދޫކޮށް ދާން މަޖުބޫރުވެފައެވެ. ދުވަސްވީ އިސްރަށްވެހިން ތިބީ ބޭސްފަރުވާއަށް ސަލާންޖަހަން ޖެހި، ކަރާމާތް ގެއްލިފައެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ދަނީ ބަނގުރޫޓުވެ، ދޮރުތައް ބަންދުކުރަމުންނެވެ. މި ހުރިހާ ތަކުލީފެއްގެ ތެރޭގައި ރައްޔިތު މީހާ ހިމޭނުން ހުންނަނީ ކަންކަން ނޭނގޭތީއެއް ނޫނެވެ. އަދި ބަސްބުނަން ނުކެރިގެންނެއްވެސް ނޫނެވެ. އެއީ ޤައުމުގެ ހަމަޖެހުމަށްޓަކައި ދައްކާ ކެތްތެރިކަމެކެވެ.
ނަމަވެސް، ވެރިކަމުގެ ދަހިވެތިކަމުގައި ތިބޭ ފަރާތްތަކުން މި ކެތްތެރިކަން މާނަކުރަނީ ރައްޔިތުންގެ "ގަމާރުކަން" ނުވަތަ "ބަލިކަށިކަން" ކަމުގައެވެ. ދައްކާހާ ދޮގު ވާހަކައެއް ރައްޔިތުން ޤަބޫލުކުރާނެ ކަމަށް ހީކުރުމަކީ ވެރިންނަށް ހެދޭ އެންމެ ބޮޑު ގޯހެވެ. ރައްޔިތުންގެ ޖީބު ހުސްވެ، އަނބިދަރިން ބަނޑަށްޖެހި، އިންސާފު ހޯދަން ދާނެ ދޮރެއް ނެތި މުޅިން ހަފުސްވާ ހިސާބުން، އެ ކެތްތެރިކަމުގެ އިމުން ބޭރުވާނެއެވެ. ބިރުދެއްކުމާއި ސިޔާސީ އިންޒާރުތަކަކީ އަނިޔާވެރިކަމުގެ ކުރިމަތީގައި ރައްޔިތުން އަބަދު ފަހަތަށް ޖެހޭނެ ސަބަބެއް ނޫނެވެ. ސިޔާސީ މީހުން ވިސްނަންވީ، ރައްޔިތުންގެ ރުޅިވެރިކަމަކީ ހިމޭނުން އޮންނަ އަލިފާން ފަރުބަދައެއް ފަދަ އެއްޗެއް ކަމެވެ. އެ ފަރުބަދަ ގޮވާނީ އެއްވެސް އިންޒާރަކާ ނުލައެވެ.
ދައުލަތުގެ މުއައްސަސާތައް ފެއިލްވުމާއި އިތުބާރު ގެއްލުން
ރައްޔިތުން އެންމެ ބޮޑަށް މާޔޫސްވާ އަނެއް ސަބަބަކީ، ވެރިން ޖަވާބުދާރީ ކުރުވަން ޤާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާތައް ކަކޫމައްޗަށް ތިރިވެފައިވާ މަންޒަރު ފެނުމެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ތަންތަން މިއަދު ސިފަވަނީ ސަރުކާރުގެ ސިޔާސީ ގޮފިތަކެއްގެ ގޮތުގައެވެ. ވެރިކަން ކުރާ ފަރާތްތަކުގެ ކުށްތައް ފޮރުވައިދީ، ދިފާޢުކޮށްދޭ އައްޑަނަތަކަކަށް އެ ތަންތަން ވެ ނިމިއްޖެއެވެ. މިނިވަން މުއައްސަސާއެއްގެ ވެރިއަކަށް ހުންނަ މީހާ ވިސްނަނީ އަމިއްލަ ވަޒީފާއާއި މަޤާމުގެ ދިފާޢުގައެވެ. ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޒިންމާ އޮތީ ކަނޑުފައްތާފައެވެ.
މި ނިޒާމީ ފޭލިވުމުގެ ސަބަބުން، ދައުލަތުގެ އެއްވެސް އިދާރާއަކަށް ރައްޔިތުމީހާގެ އިތުބާރެއް މިއަދަކު ނެތެވެ. ޝަކުވާއެއް ހުށަހެޅިޔަސް ވާނެ ފައިދާއެއް ނެތްކަން އެނގޭތީ، ރައްޔިތުން ތިބީ ގޮތްހުސްވެފައެވެ. މިއީ ޤައުމެއް ބޮއްސުންލައިގެން ދިޔުމުގެ އެންމެ ނުރައްކާތެރި ފިޔަވައްސެވެ. ޤާނޫނީ އިމުގެ ތެރެއިން އިންސާފު ނުލިބޭނެކަން ޔަޤީންވުމަކީ، މީހުން ޤާނޫނު އަމިއްލަ އަތްމައްޗަށް ނަގަން މަޖުބޫރުވާނެ ކަމެކެވެ. މިއީ ވެރިންގެ ޚުދުމުޚުތާރު އަމަލުތަކުގެ ސަބަބުން މުޅި ޤައުމު ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ބިރުވެރި މަގެކެވެ.
ތާރީޚުގެ ފިލާވަޅުތަކާއި ހޭލުންތެރިކަން
ވެރިން ހަނދާން ނައްތާލައިގެން ނުވާނެ ހަގީގަތަކީ، ދުނިޔޭގެ އެއްވެސް ޤައުމެއްގައި އަނިޔާވެރިކަމާއި ކޮރަޕްޝަން އަބަދަކު ދެމިއެއް ނޯންނާނެ ކަމެވެ. ތާރީޚު ހެކިދެނީ، ކިތަންމެ ވަރުގަދަ ޚުދުމުޚުތާރު ވެރިއަކުވެސް ރައްޔިތުންގެ ބާރުގެ ކުރިމަތީގައި ބަލިވެ، އިނދަޖެހިފައިވާ ކަމެވެ. ދިވެހިރައްޔިތުންނަކީ ކުރީގައި ކަންކަން ދޫކޮށްލައިގެން ތިބިހެން މިއަދު ތިބޭނެ ބައެއް ނޫނެވެ. މައުލޫމާތާއި ޓެކްނޮލޮޖީގެ މި ޒަމާނުގައި، ވެރިން ހަދާ ދޮގުތައް ހަމަ އެވަގުތުން ވަގުތަށް ފަޅާއަރައެވެ. ވަގަށް ނަގާ ކޮންމެ ރުފިޔާއެއްގެ ހިސާބު ރައްޔިތުންގެ އަތުގައި އެބައޮތެވެ.
މިއަދުގެ ދިވެހި ރައްޔިތުމީހާ ހޭލައިފިއެވެ. ވިއްކާލާ ދޮގު ހުވަފެންތަކަށް ހެއްލޭ ވަރަށްވުރެ ރައްޔިތުން މިއަދު ތަޖުރިބާކާރުވެއްޖެއެވެ. ބަނޑުހައިހޫނުކަމާއި، ބޭއިންސާފާއި، އަޅުވެތިކަމަކީ ދިވެހިންގެ ތަޤުދީރު ނޫންކަން މިއަދު ރައްޔިތުންނަށް ވިސްނެއެވެ. ސިޔާސީ ޕާޓީތަކުގެ ކުލަތަކަށްވުރެ، އަމިއްލަ ދަރިންގެ މުސްތަޤުބަލާއި ދިރިއުޅުމުގެ ޙައްޤު މާ މުހިންމުކަން ރައްޔިތުން ދަސްކޮށްފިއެވެ.
ނިންމުން: ވެރިން ހަނދާން ބަހައްޓަންވީ ހަގީގަތް!
ވެރިކަމުގެ ލައްޒަތާއި، އޭސީ ކޮޓަރިތަކުގެ އަރާމުގައި ތިބޭ ވެރިން އެއް ކަމެއް ސާފުކޮށް ދަންނަންޖެހެއެވެ. ރައްޔިތުންގެ ކެތްތެރިކަމަކީ ކޮޅެއް ނެތް އެއްޗެއް ނޫނެވެ. ދޮގާއި، މަކަރާއި، ހީލަތުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ތާއަބަދު ވެރިކަމެއް ނުކުރެވޭނެއެވެ. ޤާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ބާރަކީ ފަސް އަހަރުން އެއްފަހަރު ވޯޓު ކަރުދާސްކޮޅު ވައްޓާލަން އޮތް ބާރެއް އެކަންޏެއް ނޫނެވެ. އެއީ ގޯސްކޮށް ހިނގާ ވެރިކަން އިސްލާހުކޮށް، ހަމަމަގަށް އަޅުވައި، އަދި ބޭނުންވެއްޖެ ހިނދެއްގައި ބާލަންވެސް އޮތް ބާރެކެވެ.
ވެރިންނަށް ވެރިކަން ދިނީ ރައްޔިތުންނެވެ. އެހެންކަމުން، ވެރިކަމުގެ ހަގީގީ ބާރަކީ ހަމަ އެ ނިކަމެތި ރައްޔިތުމީހާއެވެ. އެ އަޑު މަޑުކުރަން އުޅޭ ވަރަކަށް، އެ ރުޅިގަނޑު ފަޅައިގެންދާ ދުވަހު، ދެން ވާނެ ގޮތެއް އެއްވެސް ވެރިއަކަށް އަންދާޒާވެސް ކޮށްނުލެވޭނެއެވެ!
ގުޅުން ހުރި ޙަބަރުތައް

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް!
18 ގަޑިއިރު ކުރިން

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް: ރައީސް
20 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ އަންގާރަ ދުވަހު އީރާނަށް ވަޑައިގަންނަވަނީ
21 ގަޑިއިރު ކުރިން

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި
ދުވަހެއް ކުރިން


