
ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް: ރައީސް

އާމިނަތު ޝަޒްލާ - 20 އޮކްޓޯބަރު 2026 - 10:55
ރަސްމާލޭގައި ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ ޕްރޮޕަޓީތައް 99 އަހަރަށް ދޫކުރި ނަމަވެސް، އެ ތަންތަނުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރެއްވުމަށް ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، 99 އަހަރަށް އެ ޕްރޮޕަޓީތައް ދޫކުރުމަށްފަހު، އެހެން ފަރާތަކަށް އެތަން ނުވިއްކޭނެ ކަމަށާއި، މުއްދަތު ހަމަވުމުންވެސް އެ ޕްރޮޕަޓީތައް އަނބުރާ ވިއްކަން ޖެހޭނީ ސަރުކާރަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ދޫކުރާ ޕްރޮޕަޓީތައް ބަޔަކަށް ދިނުމަށް ކުރެވޭ ކޮންމެ މުއާމަލާތަކުންވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބި، ފައިދާވާނީ ސަރުކާރަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި އިންވެސްޓްމަންޓުގެ ދަށުން ތަރައްޤީކުރެވޭ ޕްރޮޕަޓީތައް 99 އަހަރުގެ މުއްދަތަކަށް ގަތުމުގެ ފުރުޞަތު އޮތް ނަމަވެސް، އެ މުއްދަތު ހަމަވުމުން އެ ތަންތަން އަނބުރާ ދައުލަތަށް ވިއްކަންޖެހޭނެ ކަމަށާއި، އޭގެ ފަހުން އެހެން ފަރާތަކަށް އެތަންތަން ދޫކުރުމުގެ ފުރިހަމަ ބާރު އޮންނާނީ ސަރުކާރަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި މިއީ އަމިއްލައަށް އެއްބަސްވުން އާވެގެން އިތުރު 99 އަހަރު ލިބޭނެ އުޞޫލެއް ނޫންކަން ފާހަގަކުރައްވައި، މުޅި މިލްކިއްޔާތުގެ ފުރިހަމަ ކޮންޓްރޯލް ދިވެހި ސަރުކާރުގެ ދަށުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މީގެއިތުރުން، އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫޢަކީ ކުރު މުއްދަތެއްގެ ތެރޭގައި އެ ސިޓީގެ ތަރައްގީ ހަގީގަތަކަށް ހަދައިދޭނެ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހަގީގީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ބައެއް ފަރާތްތަކުން ސިޔާސީ ބޭނުމަށްޓަކައި ހަގީގަތް އޮޅުވާލަން ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި މި މަޝްރޫޢާ ގުޅިގެން ކަންބޮޑުވާ ރައްޔިތުންނަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ސަރުކާރުން ހާމަކުރަމުންދާނެ ކަމަށާއި، މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ޤާނޫނާއި ގަވާއިދާ ޚިލާފަށް ނުހަދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރަސްމާލޭގެ ބިންތައް ޔޫ.އޭ.އީ ގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހުގައި ބޮޑެތި ބަހުސްތަކަކާއި ލޮޅުންތަކެއް ވަނީ އުފެދިފައެވެ. ސަރުކާރުން މި މަޝްރޫޢު ސިފަކުރަނީ އިޤްތިޞާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއްގެ ގޮތުގައި ނަމަވެސް، ސިޔާސީ ބައެއް ފަރާތްތަކުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ މިއީ ގައުމުގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި މައްސަލައިގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ ސަރުކާރުގެ ސިޔާސީ ބަހާއި އަމަލު ދިމާނުވުމުގެ މައްޗަށެވެ. ވެރިކަމަށް އައުމުގެ ކުރިން އަދި ވެރިކަމުގެ ކުރީކޮޅުގައިވެސް ރައީސް ވަނީ ރަސްމާލޭގެ ބިން އެއްވެސް ބޭރުގެ ފަރާތަކަށް ނުވިއްކާނެ ކަމަށާއި ކުއްޔަށްވެސް ނުދޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ. ނަމަވެސް، 500 ހެކްޓަރުގެ ބޮޑު ބިމެއް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ގަރުނަކާ ގާތްކުރާ މުއްދަތަކަށް ދޫކޮށްލުމަކީ ސީދާ ރައްޔިތުންނަށް ވީ ވައުދާ ހިލާފުވުން ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ސިޔާސީ މުހައްލިލުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް!
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ އަންގާރަ ދުވަހު އީރާނަށް ވަޑައިގަންނަވަނީ
9 ގަޑިއިރު ކުރިން

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި
12 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައުދީ އިއްތިހާދާއި ހޫޘީންގެ ކުރިމަތިލުންތައް ވަރުގަދަވެ، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެއްޖެ
ދުވަހެއް ކުރިން


