.webp&w=3840&q=75)
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރު،، ފޮޓޯ: ގަލްފް ޓައިމްސް
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ އަންގާރަ ދުވަހު އީރާނަށް ވަޑައިގަންނަވަނީ

އާމިނަތު ޝަޒްލާ - 20 އޮކްޓޯބަރު 2026 - 10:27
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ، ފީލްޑް މާޝަލް އާސިމް މުނީރު އަންގާރަ ދުވަހު އީރާނުގެ ވެރިރަށް ތެހެރާނަށް ރަސްމީ ޒިޔާރަތެއް ކުރައްވާނެ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވިދާޅުވީ، މުނީރުގެ މި ޒިޔާރަތުގައި ކުރެވޭ މަޝްވަރާތައް ސަރަހައްދީ ސުލްހައިގެ ވާހަކަތަކާ ގުޅިފައިވީ ނަމަވެސް، މައިގަނޑު ގޮތެއްގައި މި މަޝްވަރާތައް ބިނާވެގެންވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށެވެ.
ފީލްޑް މާޝަލް އާސިމް މުނީރުގެ މި ދަތުރުފުޅު ކުރައްވަނީ ދުނިޔޭގެ މުހިންމު ވިޔަފާރި މަގެއް ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގެ މުސްތަގުބަލާ މެދު އީރާނާއި އެމެރިކާއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުންތައް މުޅިން ހުއްޓުމަކަށް އައިސްފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ. އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހޯމަ ދުވަހު ވިދާޅުވެފައިވަނީ، ދުނިޔޭގެ ތެލާއި ގޭސް އުފުލާ މައި މަގު ކަމަށްވާ އެ ކަނޑުއޮޅީގެ ނާމާންކަމާއި ނުރައްކާތެރި ހާލަތުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައާ ގުޅިގެން ރައްދުގައި އީރާނުން ވަނީ އެ ކަނޑުއޮޅީގެ މަގުތައް ބަންދުކުރުމަށް މަސައްކަތް ކޮށްފައެވެ.
ހަނގުރާމަ ހުއްޓުވުމަށްޓަކައި މިހާތަނަށް ކުރެވުނު، އެކަށީގެންވާ ނަތީޖާއެއް ނުނިކުތް މަސައްކަތްތަކުގައި ވެސް ޕާކިސްތާނުން ވަނީ ވަރަށް މުހިންމު އިސް ދައުރެއް އަދާކޮށްފައެވެ. އެގޮތުން މިދިޔަ ޖޫން މަހު އެކުލަވައިލެވުނު ކުރު މުއްދަތުގެ އެއްބަސްވުމަކީ ސުލްހައިގެ ކޮންމެ މަޝްވަރާއެއްގެ ވެސް އަސާސް ކަމުގައި އީރާނުން ދެކެއެވެ. ޖޫން މަހުގެ މި އެއްބަސްވުމަށްފަހު މިއީ މުނީރު އީރާނަށް ކުރައްވާ ފަސްވަނަ ދަތުރުފުޅެވެ.
ނިމިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އެމެރިކާއިން އީރާނަށް އެއްވެސް ހަމަލާއެއް ދީފައި ނުވި ނަމަވެސް، އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ ސަރަހައްދުގައި އިންތިހާއަށް ބޮޑުވެފައެވެ.
މި މައްސަލައާ ގުޅިގެން ތަރުޖަމާނު ބަޤާއީ ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ހާލަތު އޮތީ މިފަދަ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށްވާތީ، ހަނގުރާމައެއް ފެށިދާނެ ކަމުގެ ފުރުސަތު އޮތްކަން އެއްވެސް މިންވަރަކަށް ދޮގުކުރެވެން ނެތް ކަމަށެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ އީރާނަށް ވަޑައިގަންނަވާ މި ދަނޑިވަޅަކީ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވެސް އީރާނަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށްފަހު ވަޑައިގެންނެވި ވަގުތެވެ. މިއީ ސަރަހައްދުގެ ސުލްހައަށް ކުރެވެމުންދާ މަސައްކަތްތަކުގައި މުހިންމު ކަންތައްތަކެއް ނިންމިގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް!
6 ގަޑިއިރު ކުރިން

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް: ރައީސް
8 ގަޑިއިރު ކުރިން

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި
12 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައުދީ އިއްތިހާދާއި ހޫޘީންގެ ކުރިމަތިލުންތައް ވަރުގަދަވެ، ސަރަހައްދީ ހަމަނުޖެހުން އިތުރަށް ފުޅާވެއްޖެ
ދުވަހެއް ކުރިން


