
ޣައްޒާގެ، އުމުރުން 30 އަހަރުގެ ހުދާ އަބޫ ލައިލާގެ އަންހެން ދަރިން,, ފޮޓޯ: އަލް ޖަޒީރާ
ޣައްޒާގެ ކުޑަކުދިން ބަނޑުހައިހޫނުކަމެއްގެ ތެރޭގައި: ހާލަތު އިންތިހާއަށް ގޯސްވެއްޖެ

އާމިނަތު ޝަޒްލާ - 21 އޮކްޓޯބަރު 2026 - 12:50
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަނގުރާމައާއި ހިސާރުގެ ސަބަބުން ބާޒާރުތަކުން މުދާ ހުސްވެ، ކާބޯތަކެތީގެ އަގު އަތްނުފޯރާ ފަށަށް އުފުލި، އިންސާނީ އެހީގެ މިންވަރު މަދުވުމާ ގުޅިގެން ޣައްޒާގެ ކުޑަކުދިންނަށް ކުރިމަތިވެފައިވާ ކާނާގެ ތަދުމަޑުކަން އިންތިހާއަށް ގޯސްވެއްޖެއެވެ.
ޣައްޒާ ސިޓީގެ ހުޅަނގު ސަރަޙައްދުގައި ހުރި ފޭލިގެއެއްގައި ދިރިއުޅެމުންދާ އުމުރުން 30 އަހަރުގެ ހުދާ އަބޫ ލައިލާ އަކީ މި ހިތްދަތި ހާލަތު ތަހައްމަލު ކުރަމުންދާ އެތައް ހާސް މައިންގެ ތެރެއިން އެކަކެވެ. އޭނާގެ ފަސް އަންހެން ދަރިންނަށް ހެނދުނުގެ ނާސްތާއަށް ހަމައެކަނި ސައިފޮދަކާއި ރޮށިކޮޅެއް ދޭން މަޖުބޫރުވިތާ މަސްތަކެއް ވެފައިވާއިރު، މި މަހުގެ ކުރީކޮޅު އިސްރާއީލުން ޣައްޒާއަށް މުދާ އެތެރެކުރުން އިތުރަށް ހަރުކަށިކުރުމާ ގުޅިގެން މި ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ތިން އަހަރު ވެފައިވާއިރު، 18 މަހާއި 10 އަހަރާ ދެމެދުގެ އޭނާގެ ދަރިންނަށް ސިއްހަތަށް ފައިދާހުރި ކާނާ ހޯދައިދިނުމަކީ ބޮޑު ގޮންޖެހުމެކެވެ.
ހަނގުރާމައިގައި ފިރިމީހާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން މަސައްކަތެއް ނުކުރެވޭއިރު، ހުދާ އާމްދަނީ ހޯދަނީ މީހުންނަށް ރޮށި ފިހެދީގެންނެވެ. ހުދާ ކިޔައިދިން ގޮތުގައި ބާޒާރުން ބިހާއި ކިރު ލިބުން ދަތިވެފައިވާއިރު، ކާބޯތަކެތި ގަނެ ރައްކާކުރާނެ މާލީ ތަނަވަސްކަމެއް ނެތެވެ. މިހާރު އެ އާއިލާއިން ބައެއް ދުވަސްދުވަހު ކައިއުޅެނީ "ދުއްޤާ" ނުވަތަ "ޒަޢުތަރު" ފަދަ ލޯކަލް މަސާލާ އެއްކޮށްފައި ހުންނަ ދަޅުކާނާއެވެ. އަދި މި ހަފުތާ ފަދަ ދަތި ދުވަސްވަރު ފުއްދާލަނީ ސައިގެ ތެރެއަށް ރޮށި ގަންބައިގެންނެވެ.
ކާނާ ނުލިބުމުގެ ސަބަބުން ކުދިންނަށް ކަންކަމަށް ސަމާލުކަންދޭން އުނދަގޫވެ، އަބަދު ބޯއަނބުރާ ވަރުބަލިވާކަން ހުދާ ފާހަގަކުރިއެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅު ސަލްމާގެ ސިއްހީ ހާލަތު ގޯސްވެ، ޣައްޒާގެ އަލް-ރަންތީސީ ހޮސްޕިޓަލުން މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ. ބިސް ކޭހެއްގެ އަގު 60 ޝެކޭލް (19.40 ޑޮލަރު) އަށް އަރާފައިވާއިރު، ފިޔާ ކިލޯއެއް 10 ޝެކޭލް އަދި ފާޅަނބޯ ކިލޯއެއް 10 އާއި 15 ޝެކޭލާ ދެމެދުގެ އަގުތަކެއްގައި ހުރުމުން ތަރުކާރީ ގަތުމަކީވެސް ނުކުޅެދޭ ކަމަކަށް ވަނީ ވެފައެވެ.
ހަމައެފަދައިން، ޣައްޒާގެ އުތުރުގައިވާ ބައިތު ލާހިޔާ އިން ހިޖުރަކުރަން ޖެހުނު އުމުރުން 40 އަހަރުގެ ރާއިދާ ސުބުހު، އޭނާގެ ނުވަ މެންބަރުންގެ އާއިލާއަށް ކާނާ ހޯދައިދެނީ އާންމު ބަދިގެތަކުން ("ތައްކިޔާ") ލިބޭ އެހީންނެވެ. އޭނާގެ ދަރިންނަށް ކިރު، މަސް، ބިސް އަދި ޗީޒް ފަދަ މުހިންމު ކާނާ ނުލިބޭތާ އަށް މަސް ދުވަސް ވެފައިވާއިރު، ތަރުކާރީގެ ބާވަތެއްވެސް ގަނެވުނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.
އޮކްޓޯބަރު 14 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ވިޔަފާރި މުދާ އެތެރެކުރުން ހުއްޓުވާފައިވަނީ މުދާ އެތެރެކުރާ ކޮންމެ ލޮރީއަކުން 10،000 ޝެކޭލް (3،225 ޑޮލަރު) ދެއްކުމާ މެދު އުފެދުނު ދެބަސްވުންތަކެއްގައެވެ. ނަމަވެސް އޮކްޓޯބަރު 19 ގައި އިސްރާއީލުން ވަނީ ވިޔަފާރި މުދާ އުފުލާ އުޅަނދުތައް އަލުން ދަތުރުކުރަން ފަށާނެކަން އިއުލާންކޮށްފައެވެ. އިސްރާއީލުގެ ކޯގޭޓުން ބުނި ގޮތުގައި ފައިސާ ދެއްކުމަށް ހަމާސްއިން ކުރި ޝަރުތު ވަނީ އަނބުރާ ގެންގޮސްފައެވެ. އެހެންނަމަވެސް ހަމާސްއިން ބުނެފައިވަނީ އެއީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އަމިއްލަ އިޚްތިޔާރުގައި ދޭން އެދުނު އެހީއެއް ކަމަށެވެ.
މި ދަތިތަކުގެ އިތުރުން، އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއު.އެފް.ޕީ) އިން ބަޖެޓުގެ ދަތިކަމާ ހުރެ ވަނީ އެހީ މަދުކޮށްފައެވެ. ސެޕްޓެމްބަރު މަހު 1.6 މިލިއަން މީހުންނަށް އެހީ ދިން ނަމަވެސް، އޮކްޓޯބަރު މަހު އެ އަދަދު ވަނީ 1.1 މިލިއަނަށް ދަށްކޮށްފައެވެ. އަދި އާއިލާތަކަށް ދޭ ކާބޯތަކެތީގެ ޕެކޭޖު ދެބައިކުޅަ އެއްބަޔަށް މަދުކޮށް، ދުވާލަކު ފޯރުކޮށްދޭ ހޫނު ކެއުމުގެ އަދަދު 250،000 އިން 150،000 އަށް ވަނީ ދަށްކޮށްފައެވެ. ޑަބްލިއު.އެފް.ޕީ އިން ހާމަކުރި ގޮތުގައި ޣައްޒާގެ 1.4 މިލިއަން މީހުން ދަނީ ކާބޯތަކެތީގެ ނުރައްކާތެރި ދަތިކަމާ ކުރިމަތިލަމުންނެވެ.
އދ. ގެ އޯ.ސީ.އެޗް.އޭ އިން ހާމަކުރި ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު އެކަނިވެސް ކާނާ އަށް ޖެހިގެން 2,800 އަށްވުރެ ގިނަ ކުދިންނަށް ވަނީ ފަރުވާދޭން ފަށާފައެވެ. މީގެ އިތުރުން ކޮންމެ މަހަކު ހަ މަހާއި ފަސް އަހަރާ ދެމެދުގެ ގާތްގަނޑަކަށް 3,000 ކުދިން ކާނާ އަށް ޖެހުމުގެ މައްސަލައިގައި ފަރުވާ ހޯދުމަށް އެޑްމިޓް ކުރެވެއެވެ. ޔުނިސެފްގެ ދިރާސާއަކުން ދައްކާ ގޮތުގައި ފަސް އަހަރުން ދަށުގެ ކުދިންގެ 12.2 އިންސައްތަ ކުދިންގެ ހަށިގަނޑު އެކަށީގެންވާ ވަރަށް ބޮޑެއް ނުވެއެވެ.
ޣައްޒާ ސިޓީގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުޙައްމަދު ބީ. އަލްރާއީ އިންޒާރު ދެއްވި ގޮތުގައި، ކާބޯތަކެތި އެތެރެކުރުން ހިފެހެއްޓުމަކީ ކާނާއަށް ޖެހޭ ކުދިންގެ އަދަދު އިތުރުވާނެ ކަމެކެވެ. އަދި ހަށިގަނޑުން ޕްރޮޓީން މަދުވުމުގެ ސަބަބުން ކުދިންގެ ފައި ދުޅަވުން ފަދަ ނުރައްކާތެރި ބަލިތައް ފެންނަމުންދާ ކަމަށާއި، މި ހާލަތު ބަދަލުނުވެ ދެމިއޮވެއްޖެނަމަ ކާނާއަށް ޖެހޭ ކުދިންގެ އަދަދު އިންތިހާއަށް އިތުރުވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ވަޒީރުންނާއި މަޖިލިސް ރައީސްގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންނަށް ކުރި މަލާމާތެއް: ފައްޔާޒް
5 ގަޑިއިރު ކުރިން

ވެރިކަމުގެ ބާރަކީ ރައްޔިތުން!
18 ގަޑިއިރު ކުރިން

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް!
ދުވަހެއް ކުރިން

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސަރުކާރަށް: ރައީސް
ދުވަހެއް ކުރިން


